ބިދޭސީންނަށްވީމަ އިންސާނީ ހައްޤުތައް ނެތީބާ.؟ އެއީ އިންސާނުންނެއް ނޫންބާ.؟

އިޖުތިމާޢީ ފަހުގެ

އެއީވެސް އަހަރުން ކަހަލަ އިންސާނުންނެވެ. ބަނޑުހައި ވާނެއެވެ. ބަލިވާނެއެވެ. އަރާމުކުރަން ބޭނުން ވާނެއެވެ. މިއީ އިންސާނަކަށް ފުރިހަމަ ކޮށްދޭންޖެހޭ އެންމެ މުހިންމު ޒަރޫރީ ބޭނުންތަކެވެ. މީގެން އެއްވެސް ކަމެއް ނުކޮށްދިން ކަމުގައިވީ ނަމަވެސް ޝަކުވާއެއް ނުކުރެއެވެ. ކުރަމުން އަންނަ މަސައްކަތަށް ބަދަލެއް ނާދައެވެ. މަސައްކަތުގެ ފެންވަރަކަށްވެސް ކުޑަވެސް ފަރަގެއް ނާދެއެވެ. ވަރުބައްޔެއް ނުވެއެވެ.

ކީއްވެގެން ހެއްޔެވެ.؟ އާނއެކެވެ.! އެމީހުންގެ ލޯބިވާ މަންމައާއި ބައްޕައަށްޓަކައެވެ. ލޯބިވާ އަނބިދަރިންގެ ހައްޤުގައެވެ. އެމީހުން ނިކަމެތި ވެދާނެކަމުގެ ބިރަށްޓަކައެވެ. ބަނޑުހައި ހޫނުކަން ތަހަންމަލް ކުރަންޖެހިދާނެ ކަމަށްޓަކައެވެ. ނަމަވެސް ކަން ވެގެންދަނީ މުޅިން ޙިލާފަށްށެވެ. ރާއްޖެއަށް އައިސް ނުފޫޒުގަދަ ވިޔަފާރިވެރިއެއްގެ މުށުތެރެއަށް ވަދެ ބާރުވެފައެވެ. އެމީހުންގެ ގާތުގައި ރެއާއި ދުވާލު ގަނަތެޅެނީއެވެ. އެ އޮހޮރާ ދަލުގެ ބަދަލުގައި ކުޑަ މިނުން ހަމަ މުސާރާ ނުދޭއިރު މީރު ކާއެއްޗެއްވެސް ދެނީކީ ނޫނެކެވެ. ހަމަ ނިދި ނިދާލާނެ ތަންކޮޅެއްވެސް ދެނީއެއް ނޫނެކެވެ.

އިޝްތިހާރު
އިޝްތިހާރު

އާއިލާ އެންމެން އެ ތިބީ ކާނެ އެއްޗެއް ނެތި ބަނޑަށްށެވެ. ދަރިފުޅު ސްކޫލަށް ފޮނުވޭނެފަދަވެސް ނެތެވެ. އަންނާނެ ރީތި އަންނައުނެއް ނުގަނެވެއެވެ. މިއީ ހަމަ ހައްްޤުވާ މިންވަރު ތޯއޭ ހިތާ ހިތާ ސުވާލު ކޮށްލެވެއެވެ. ރަޙީނު ކުރުމަކީ ހަމައެކަނި ބައެއް އެކަހެރިކޮށް ބިރުދެއްކުމެއް ނޫނެކެވެ. ބިދޭސީން ލައްވާ ދުވާލުގެ ގަދަ ހޫނުގައްޔާއި، ރާގަނޑުގެ ހަމަ ނިދި ނުނިދާ މަސައްކަތް ކުރާ ބިދޭސީންނަށް ކާން ނުދިނުމާއި، މުސާރަ ނުދިނުން އެއީ ރަހީނު ކުރުމެއް ނޫން ހެއްޔެވެ.؟ އެމީހުންގެ ބަލި ހާލަތައް ހަމްދާރުދީއެއް ނުވެ ފަރުވާއެއް ނުކުރެވުން އެއީ ކޮންކަހަލަ ކަމެއް ހެއްޔެވެ.؟

އޭ މުއްސަނދި މަހުޖަނުންނެވެ. ތިބާގެ އާއިލާ ނޫނަސް ދުނިޔޭގަ ތިބުމަށް ޤުރުބާނީތަކެއް ވަމުން އަންނަ ބައެއް ތިބިކަން ހަނދާން ކުރާށެވެ. ތިބާގެ އަޅުން ފަދައިން ތި ގެންގުޅޭ ބިދޭސީންނަށް ހަމަ މުސާރަދޭށެވެ. އިންސާނީ ހައްޤުތައް ޔަޤީންކޮށްދޭށެވެ. ނޭނގި ނަމަވެސް އެމީހުންނަށް ތި ދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ. ސުވާލެއް ކޮށްލާނަމެވެ. ތިބާގެ މުސާރަލިބުން 2 ދުވަސް ލަސްވީމަ ތިބާއަށް ކުރިމަތިވާ ދަތި އިހުސާސްވޭ ހެއްޔެވެ.؟ ހަމަ އެފަދައިން 6 މަހުގެ މުސާރަ ނުލިބޭ މީހުން އުޅޭނެ ދަތި ހާލު ވިސްނާލަ ބަލާށެވެ.!

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ