ހާލަތާއި ނުބައިކަން ފެތުރިފައި ވަނިކޮށް މުޅި ޢާލަމަށް އަލިކޮށްދިން ފަނާރަކީ ކީރިތި ޤުރުއާނެވެ. އިލާހީ ވަޙީއެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެނެސްދެއްވި ހިދާޔަތެވެ. ނަމަވެސް އެއިރު ޤުރައިޝުންގެ ބޮޑުން އެ ރިސާލަތާ މެދު ވިސްނަމުން ދިޔައީ މުޅީން ތަފާތު ނަޒަރަކުންނެވެ. އެބައިމީހުން މަސައްކަތް ކުރަމުން ދިޔައީ އެކިއެކި ގޮތްގޮތަށް މި ދަންމަރުގެ ހުޅުކޮޅު ނިވާލެވޭތޯއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿يُرِيدُونَ لِيُطْفِئُوا نُورَ اللَّهِ بِأَفْوَاهِهِمْ وَاللَّهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ﴾ (الصف: ٨) މާނައީ: “އެއުރެން އެދެނީ، اللَّه ގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. އަދި ކާފިރުން ނުރުހުނު ކަމުގައިވިޔަސް اللَّه، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރައްވާ ހުށްޓެވެ.”
އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންކަމާ މެދު އެކިއެކި ވިސްނުންތަކުން ވިސްނުމަކީ މައްސަލައެއް ނޫނެވެ. ތަފާތު ނަޒަރަކުން ވެސް، ފާޑުކިޔާ ނަޒަރަކުން ވެސް ވިސްނަންވީއެވެ. އައު އީޖާދުތައް އުފައްދާ ކުރިއަރުވަންވީއެވެ. ނަމަވެސް ކޮންމެ ކަމަކަށް ވެސް ހައްދެއް އޮވެއެވެ. މައްސަލަ ފެށެނީ އެކަމަށް ކަނޑައެޅިފައިވާ ހައްދު ފަހަނައަޅައި ދިޔުމުންނެވެ. ޢިލްމާއި ނަފްސާނީ ތަރައްޤީ ލިބުމަށް ޓަކައި ކަންކަމާ މެދު ތަފާތު ނަޒަރުތަކުން ވިސްނަން އެނގުމަކީ މޮޅުކަމެކެވެ. ނަމަވެސް މި ކަން ވެސް އޮންނަން ވީ މިންވަރުން ކެހިގޮސް، އަމިއްލަ ހަވާނަފްސަށް އަޅުވެތިވެ، ޢަޤީދާ ފާސިދުވުމަކީ ވިސްނުންތެރިކަމެއް ލިބުނަސް ހެޔޮ ބުއްދި ނެތްކަމުގެ ޢަލާމާތެކެވެ. މިއަށްވުރެ ބޮޑު ދެރައެއް އަދި ގެއްލުމެއް ވަކި ކޮބާހެއްޔެވެ؟!
ދަންނަވަން މި އުޅޭ ވާހަކަ ވަރަށް ތިލަކޮށްލާނަމެވެ. ތަފާތު ނަޒަރަކުން ވިސްނުމުގެ ނަމުގައި އެހެން ދީންތަކަށް ހިތް މަޑުމޮޅި ކުރުވުމާއި ﷲ ފިޔަވައި އެހެން އިލާހަކަށް އަޅުކަންކުރުމަކީ މައްސަލައެއް ނޫން ކަމަށް ދައްކައި ދޭން އުޅޭ ފިކުރުތަކަށް ވަރަށް ބާރަށް ނޫނެކޭ ބުނެވެން ޖެހެއެވެ.
ދީނުގެ ކަންކަމާ ގުޅޭގޮތުން، އަދި ވަކީން ޚާއްޞަކޮށް ޢަޤީދާއާއި ގުޅޭގޮތުން ޝައްކު އުފެދޭ ގޮތަށް ވިސްނުންތައް ގެންގުޅުމަކީ ނުރައްކާތެރި ކަމެއްގެ ފެށުމެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޒަމާނުގައި، އެކަލޭގެފާނު ގެންނެވި ރިސާލަތާ މެދު ތަފާތު ނަޒަރުތަކުން ވިސްނަން މީސްތަކުންނަށް ބުނެދެމުން ދިޔައީ އަބޫޖަހުލާއި އަބޫލަހަބާއި މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބިން އުބައްޔު ބުން ސަލޫލު ފަދަ މީސްތަކުންގެ ތެރެއިން ވީ ޝައިޠާނުންނެވެ.
ދީނުގެ ޢަދާވާތްތެރީން އަބަދު އެއް އުކުޅެއް ނުގެންގުޅޭނެ ކަން ދަންނާން ޖެހެއެވެ. އެއް ޒަމާނެއްގައި ކަނޑިބަޑި އަޅުގަނޑުމެންގެ މޭތަކާ ދިމާލަށް އަމާޒު ކުރިއެއް ކަމަކު، މިއަދު ބޮޑަށް އަމާޒުކުރެވެނީ އަޤީދާ ބަލިކަށި ކުރުމަށެވެ. އާދެ! މިއީ ފިކުރީހަނގުރާމައެކެވެ. ބަވަނަ ވެފައިވާ ދުނިޔޭގައި މި ކުޑަކުޑަ ދީބު ވެސް ކުރިމަތިލަމުން މި ދަނީ މިފަދަ ރާޅުތަކަކަށެވެ.
ސާފު ހިތަކަށް ހިދާޔަތް ލިބުމުން އެހެން ވިސްނުމަކަށް ދާން ނުރުހޭނެއެވެ. އަލިފާންގަނޑަކަށް އެރޭން އަމިއްލަ ނަފްސު ނުރުހޭ ފަދައިންނެވެ. ގެއްލުމަކާ ދިމާލަށް ދާން ވިސްނައިދޭން ބޭނުން ވާނީ ފަހެ ކާކުހެއްޔެވެ؟!
ނޯޓް : މިއީ هــ ۱٤٤۳ އަހަރު مُحِرَّم މަހުގެ 26 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 35 ވަނަ ޢަދަދުގެ 3 ވަނަ ޞަފްޙާގައި مُحَمَّدُ وِشَاحُ عَلِي إِبْرَاهِيْم ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


