ބޭންކުތަކަށް ބޭރު ފައިސާ މާރުކުރުން ލާޒިމުވާ ހުރިހާ ވިޔަފާރިތަކުން ކޮންމެ މީލާދީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ލަފާކުރާ ބޭރު ފައިސާގެ ޚަރަދު ބަޖެޓް އެމްއެމްއޭއަށް ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދު އިސްލާހްކޮށްފި އެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި އާ އިސްލާހުތަކުގެ ދަށުން މި އުސޫލު ހިނގާނީ ޑޮލަރު މާރުކުރުން ލާޒިމުވާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކުގެ އިތުރުން އަހަރަކު 25 މިލިއަން ޑޮލަރަށް ވުރެ ގިނައިން ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެނިހެން ވިޔަފާރިތަކަށެވެ.
އާ ސިޔާސަތުގެ ދަށުން ބަޖެޓުކޮށްފައިވާ ބޭރު ފައިސާގެ ޚަރަދުތަކާ ގުޅޭ މުއާމަލާތްތައް ކުރުމުގެ ކުރިން މަރުކަޒީ ބޭންކުގެ ރަސްމީ ހުއްދަ ހޯދަންޖެހެ އެވެ. އަދި އެ ހުއްދައާ ނުލައި މުއާމަލާތް ކުރުމަކީ މަނާކަމެކެވެ.
އެމްއެމްއޭގެ ހުއްދަ ހޯދަންޖެހޭ މުއާމަލާތްތަކުގެ ތެރޭގައި ހިމެނެނީ؛
* މުދަލާއި ޚިދުމަތްތަކަށް ބޭރު ފައިސާއިން އަގުދެއްކުމާއި ބަލައިގަތުން
* މުވައްޒަފުންނަށް ބޭރު ފައިސާއިން މުސާރައާއި އިނާޔަތްތައް ދިނުން
* ހިއްސާދާރުންނަށް ޑިވިޑެންޑް ދިނުމާއި އެފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް
* ހިއްސާ ގަނެވިއްކުމާއި، ބޮންޑާއި ސުކޫކް ދޫކުރުން
ޑިއުޓީ-ފްރީ ފިހާރަތަކުން ޓޫރިސްޓުންގެ އަތުން ބޭރު ފައިސާ ބަލައިގަތުން
ޝަރުއީ ކޯޓުތަކާއި، ޓްރައިބިއުނަލް ނުވަތަ އާބިޓްރޭޝަންގެ ނިންމުންތަކާ ގުޅިގެން ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމްތައް
ގަވައިދުގައިވާގޮތުން ވިޔަފާރިތަކުން އަހަރަކަށް ލަފާކުރާ ބޭރު ފައިސާގެ ޚަރަދު ބަޖެޓް އަހަރު ފެށުމުގެ މަދުވެގެން 30 ދުވަސް ކުރިން ހުށަހަޅަންޖެހޭނެ އެވެ. އަދި އަހަރުގެ ތެރޭގައި ކުރިން ލަފާނުކުރާ ޚަރަދެއް ކުރަން ޖެހިއްޖެނަމަ، އެކަމަށް ވަކިން ހުއްދަ ހޯދަން ޖެހެ އެވެ.
ހަމައެއާއެކު، ހިނގަމުންދާ އަހަރުގެ ބާކީ އޮތް ބައިގެ ޚަރަދުތައް 14 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހެ އެވެ. އަދި އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓު ޖުލައި 28 ގެ ކުރިން އަދި ފަހު ހަމަސްދުވަހުގެ ރިޕޯޓު ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ 28 ގެ ކުރިން ހުށަހަޅަންޖެހޭނެ އެވެ.
ގަވައިދުގައިވާގޮތުން ހުށަހަޅާ ބަޖެޓު ނުވަތަ މުއާމަލާތްތައް ބަލައިނުގަތުމުގެ އިޚްތިޔާރު އެމްއެމްއޭއަށް ލިބިގެންވާއިރު، އެފަދަ ހާލަތްތަކުގައި ސަބަބު ލިޔުމުން ބަޔާންކުރަން ޖެހޭނެ އެވެ. އަދި މި ބަދަލުތަކާއެކުވެސް ހުއްދަ ދެވިފައިވާ އޮޕަރޭޝަނަލް މިންގަނޑުތަކުގެ ތެރެއިން މުދަލާއި ޚިދުމަތްތަކަށް ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ހައްގު ވިޔަފާރިތަކަށް ދަމަހައްޓާފައިވެ އެވެ.
އެމްއެމްއޭއިން ގަވައިދަށް އިސްލާހު ގެނެސްފައިމިވަނީ ބޭރު ފައިސާގެ ކަންކަން ހަރުދަނާކުރުމަށް ޤާނޫނު ހަރުކަށިކޮށްފައިވަނިކޮށެވެ. އެގޮތުން ރިސޯޓުތަކުން ރާއްޖޭގެ ބޭންކްތައް މެދުވެރިކޮށް މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު 40 އިންސައްތައަށް އިތުރުކޮށްފައިވާއިރު، ބޭރު ފައިސާ މާރުކުރުމުގެ ކަންކަންވެސް ހަރުކަށިކޮށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެ އެވެ.
ސަރުކާރުން ގެނައި މި ބަދަލުތަކާއެކު، ރިސޯޓު މުވައްޒިފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓަލަފާނެކަމުގެ ކަންބޮޑުވުންތައް ބޮޑުވެފައިވެ އެވެ. ނަމަވެސް ޤާނޫނަށް ގެނެވުނު މި އިސްލާހުތައް ތަސްދީޤްކުރެއްވުމަށް މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިސޯޓު މުވައްޒިފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނު އެދިލައްވާގޮތަކީވެސް ރިސޯޓު މުވައްޒިފުންނަށް ޑޮލަރުން މުސާރަ ދިނުންކަމަށް ރައީސް ވިދާޅުވި އެވެ.


