ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ.

ފަހުގެ ދީން

މާތް ﷲ، އެކަލާނގެ އަޅުތަކުންނަށް ދެއްވާ ދެއްވުމުގެ މަތިވެރިކަމާއި، އެކަލާނގެ ފަޟްލުވަންތަކަމުގެ މަތިވެރިކަން ހާމަކޮށްދޭ އެއް ކަމަކީ އެކަލާނގެ އަޅުތަކުން ކުރާ އެންމެ އާދައިގެ ހެޔޮކަންކަމަށް ވެސް ޘަވާބު ދެއްވުމެވެ. رسول ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “كُلُّ مَعْرُوفٍ صَدَقَةٌ” (البخاري) މާނައީ: “ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ.”

މި ޙަދީޘްގައި އޮތް “مَعْرُوفٍ” ގެ މާނައަކީ: އިސްލާމްދީނުގައި ހެޔޮކަމެއްގެ ގޮތުގައި އައިސްފައިވާ ކޮންމެ ކަމެކެވެ. އެއިގެ ތެރޭގައި؛ ﷲ އަށް ކުރާ އަޅުކަންތަކާއި ހެޔޮކޮށް ހިތުމުގެ ގޮތުން މީސްތަކުންނަށް ކޮށްދޭ ހުރިހާ ކަމެއް ޝާމިލު ވާނެއެވެ. އަދި މި ޙަދީޘްގައި އޮތް “صَدَقَةٌ” ގެ މާނައަކީ: އެ ކަމުގެ ޘަވާބުގައި ޞަދަޤާތުގެ ޙުކުމް އަންނާނެއެވެ. އެހެންކަމުން، ޙަދީޘްގެ ޖުމްލަ މާނައަކީ: ކުރާ ކޮންމެ ހެޔޮކަމަކީ ކިތަންމެ ކުޑަ ހެޔޮކަމެއް ކަމުގައި ވިޔަސް، އެ ހެޔޮކަމަށް ޞަދަޤާތެއް ކުރުމުގެ ޘަވާބު ދެއްވާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި؛ ކިތަންމެ ކުޑަ ހެޔޮކަމެއް ކުރެވުނު ނަމަވެސް އެއީ އާދައިގެ ކަމެއް ކަމުގައި ނުދެކުން ހިމެނެއެވެ. ޙަދީޘްގައި އައިސްފައި ވެއެވެ. “لا تَحقِرَنَّ مِنَ المَعْرُوف شَيْئًا” (مسلم) މާނައީ: “ހެޔޮކަމުގެ ތެރެއިން އެއްވެސް ކަމެއް އެއީ އާދައިގެ ކަމަކަށް ނުހަދާށެވެ!” ހެޔޮކަމުގެ ތެރެއިން ކިތަންމެ ކުޑަ ކަމެއް ވެސް އެއީ ނަރަކައިން މިންޖުކޮށްދޭ ކަމަކަށް ވެދާނެއެވެ. މުސްލިމުން ބަލަން ޖެހޭނީ އެ ހެޔޮކަމުގެ ކުޑަބޮޑު މިނަކަށް ނޫނެވެ. އެ ހެޔޮކަން ހެޔޮކަމެއްގެ ގޮތުގައި ލެއްވި، އަދި އެކަލާނގެއަށް ޓަކައި އެ ހެޔޮކަމެއް ކުރެވޭ ކަލާނގެ މަތިވެރިވަންތަކަމާއި ހައިބަވަންތަކަމަށެވެ.

މި ޙަދީޘުން ލިބޭ އަނެއް ފައިދާއަކީ؛ ޞަދަޤާތް ކުރުމުގެ ޘަވާބާއި ދަރުމަ ޙާޞިލު ކުރެވޭނީ ހަމައެކަނި ފައިސާ ހުރި މީހުންނަށް ނޫން ކަން އެނގުމެވެ. ހެޔޮކަމުގެ ގޮތުން ކިތަންމެ ކުޑަ އަޅުކަމެއް ކުރި ނަމަވެސް އެއީ ޞަދަޤާތެކެވެ. މާތް ﷲ ހަނދުމަ ކުރުމުގެ ގޮތުން ކިޔާ ޛިކުރުތަކަކީ ވެސް ޞަދަޤާތެއް ކަމުގައި ލައްވާފައި ވެއެވެ. ހަމައެހެންމެ، އެއް މުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވާއިރު ހިނިތުންވުމާ އެކު ބައްދަލު ކުރުމަކީ ޞަދަޤާތެއް ކަމުގައި ލައްވާފައި ވެއެވެ. ތިމާގެ އަނބިދަރިންނަށް ދޭ ކާއެތިކޮޅަކީ ވެސް ޞަދަޤާތެއް ކަމުގައި ލައްވާފައި ވެއެވެ. އަދި ޞަދަޤާތުގެ ގޮތުގައި ތިބާގެ އަޚާއަށް ދޭނެ އެއްޗެއް ނެތިއްޖެ ހިނދެއްގައި، އެ މީހަކަށް އެހީތެރިވެދީފި ނަމަ ޞަދަޤާތުގެ ޘަވާބު ލިބޭނެއެވެ. ބަލި ވެފައިވާ މީހަކަށް ޝިފާ ދެއްވުމަށް އެދި ދުޢާކުރުމާއި، އުނދަގުލެއްގައިވާ މީހެއްގެ ކިބައިން އެ އުނދަގުލެއް ދުރުކޮށްދިނުމާއި، މީހެއްގެ ހިތަށް އުފާވެރިކަން ގެނެސްދިނުމަކީ ވެސް ޞަދަޤާތެކެވެ. އަދި މުޖުތަމަޢު އިޞްލާޙު ކުރުމުގެ ގޮތުން ހެޔޮކަންކަމަށް ގޮވާލައި، ނުބައިކަންކަން ނަހީ ކުރުމަކީ ވެސް ޞަދަޤާތެކެވެ.

މި ޙަދީޘުން ލިބޭ އަނެއް ފައިދާއަކީ؛ އެންމެ އާދައިގެ ކަންކަން ވެސް އެއީ ޞަދަޤާތެއްގެ ގޮތުގައި ޞިފަކުރައްވާފައިވުމުން އިސްލާމްދީނަކީ އިންސާނާގެ ދެ ދުނިޔޭގެ ޙަޔާތް ބާއްޖަވެރިކޮށްދޭނެ ދީން ކަން ހާމަވާ ހާމަވުމެވެ. މި ދީނަކީ އިންސާނުންގެ ޠަބީޢަތާ ގުޅޭ ދީނެއްކަން ހާމަވެއެވެ. އެހެނީ، ޘަވާބު ހޯދުމުގެ މަގު އެ ވަނީ ވަރަށް ބޮޑަށް ތަނަވަސްކޮށްދެއްވާފައެވެ. އެހެން ނުވި ނަމަ، އިންސާނާއަށް ވަރަށް އުނދަގޫވީހެވެ. އަދި އޭނާގެ ޘަވާބު ވެސް ވަރަށް މަދުވީހެވެ.

ނޯޓް : މިއީ هــ ۱٤٤۳ އަހަރު صَفَر މަހުގެ 3 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 36 ވަނަ ޢަދަދުގެ 2 ވަނަ ޞަފްޙާގައި الشَيْخ مُحَّمَد سِنَان ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ