ﷲ تعالى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން އެންމެ އަގުހުރި އެއް ނިޢުމަތަކީ ދުލެވެ. ދޫރައްކާތެރި ކޮށްފި ނަމަ ސުވަރުގެ ވަނުމަށް މަގުފަހިވެއެވެ. ދުލުން ފާފަ ކުރުން އެއީ ނަރަކައަށް އެއްލައިލެވޭ ސަބަބެއް ކަމުގައި ވެސް ވެދާނެއެވެ.
ފުރިހަމަ މުސްލިމަކަށް ވުމަށް ޓަކައި ދުލުން ކުރެވޭ ފާފަތަކާ ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ފިތުނަވެރި ޒަމާނެއްގައި، އިވޭހައި ވާހަކައެއް ފަތުރާ އާންމު ކުރުމުގެ ކުރިން ކަމުގެ ޙަޤީޤަތް ބެލުމަކީ ކޮންމެހެން ކުރަން ޖޭހޭނެ ކަމެކެވެ. “كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ” )مقدمة صحيح مسلم) މާނައީ: “އިވޭ ކޮންމެ ވާހަކައެއް ފެތުރުން، މީހާ ދޮގުވެރިއަކު ކަމުގައި ވުމަށް ފުދެއެވެ.”
އެކަކު އަނެކަކާ ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކަން މިއަދު އަޅުގަނޑުމެން ބޭނުންކުރާ އެއް ވަސީލަތަކީ މީސްމީޑިއާއެވެ. ކޮންމެ ދުވަހަކު ވެސް ގިނަ ވަގުތުތަކެއް ސޯޝަލް މީޑިއާގައި ހޭދަކޮށް، އެކިއެކި ކަންކަމާ ވާހަކަ ދައްކާ، ޕޯސްޓްތައް ޝެއާކޮށް، ކޮމެންޓްކުރާއިރު، ﷲ سبحانه و تعالى ގެ މި ބަސްފުޅާ މެދު ވިސްނާށެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿إِذْ تَلَقَّوْنَهُ بِأَلْسِنَتِكُمْ وَتَقُولُونَ بِأَفْوَاهِكُم مَّا لَيْسَ لَكُم بِهِ عِلْمٌ وَتَحْسَبُونَهُ هَيِّنًا وَهُوَ عِندَ اللَّهِ عَظِيمٌ﴾ )النور: ١٥) މާނައީ: “ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެ ކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި اللَّه ގެ ޙަޟްރަތުގައި އެ ކަންތައް ބޮޑު ކަމެއް ކަމުގައިވާ ޙާލު، އެއީ ކުޑަ ކަމެއް ކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ.”
ފާފައެއް ކުރުމުގެ ގަސްތަކާނުލާ ކުރެވޭ މިފަދަ ނުރައްކާތެރި އަމަލުތަކުން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ބޭކާރު ވާހަކަތަކުން ދުރުވުމެވެ. ފައިދާކުރަނިވި ރަނގަޅު ވާހަކައެއް ނުދެއްކޭ ނަމަ ހަނުހުރުމަށް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އިރުޝާދު ދެއްވިއެވެ.
އެ ވާހަކައެއްގެ ސަބަބުން އުޚުރަވީ ގޮތުން ނުވަތަ ދުނިޔަވީ ގޮތުން ވިޔަސް މަންފާއެއް ނުކުރާ ކޮންމެ ވާހަކައެއް ހިމެނޭނީ ބޭކާރު ވާހަކަތަކުގެ ތެރެއިންނެވެ. އެފަދަ ވާހަކަތައް ދެއްކޭވަރު އިތުރު ވާ ނަމަ، ކުރެވޭ ފާފަތައް ގިނަވާނެއެވެ. ﷲ تعالى މަތިން ހަނދުމަކުރުމުން ދުރުހެލި ވާނެއެވެ.
ދުލުން ބޭރުވާ ކޮންމެ ބަހަކާއި ލިޔާ ކޮންމެ ކަލިމައަކާ މެދު ވެސް ސުވާލު ކުރެވޭނެ ކަން ދަންނާށެވެ. ފާފާއިގެ ތިލަފަތް ބަރުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވާށެވެ. މާތް ﷲ ވަޙީކުރައްވާފައިވާ މި ބަސްފުޅާއި މެދު ނިކަން ވިސްނާށެވެ! ﴿مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴾ (ق: ١٨) މާނައީ: “(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރު ވެ މަލާއިކަތަކު ނެތި، އޭނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.”
ﷲ سبحانه و تعالى އީ ޢަދުލުވެރި ކަމަށް ލޯބިކުރައްވާ އެންމެ ޢަދުލުވެރި ރަސްކަލާނގެއެވެ. ތިބާގެ ފުށުން އެހެން މީހަކަށް ކުޑަވެސް އަނިޔާއެއް، ދެރަ ބަހެއް ބުނެވިފައި ވާ ނަމަ އެ މީހަކު ތިބާއަށް މަޢާފު ނުކުރާހާ ހިނދަކު އެކަލާނގެ މަޢާފު ނުދެއްވާނެ ކަން ހަނދާން ކުރާށެވެ. އެފަދަ ކަމެއް ހިނގާފައި ވާ ނަމަ ވަގުތު ފާއިތުވުމުގެ ކުރިން އެ މީހެއްގެ ކިބައިން މާޢާފަށް އެދޭށެވެ.
ދެބަސްވެ ޚިޔާލު ތަފާތުވާ ކޮންމެ ހިނދެގައި ދުލުން ހުތުރު ބަސްތައް ގޮވުމަކީ މޮޅު ކަމެއް ކަމުގައި ނުދެކޭށެވެ. އަދިކިޔެއްތަ އެއީ ތިބާ ރުޅިއައިސް، ނަފްރަތުކުރާ މީހުންނަށް ތިބާގެ ހެޔޮ ޢަމަލުތައް ބަހާ ހުސްކުރުމެވެ. މާތް ﷲ އެފަދަ ދުވަހެއް އަޅަމެންނަށް ނުދައްކަވާށިއެވެ. އާމީން!
ނޯޓް : މިއީ هــ ۱٤٤۳ އަހަރު رَبِيْعُ الْأَوّل މަހުގެ 16 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 42ވަނަ ޢަދަދުގެ 3ވަނަ ޞަފްޙާގައި الشَّيْخ حَارِث زَاهِر ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


