ޤައުމެއް ނުވަތަ ރަށެއް ކުރިއަރައި ދިއުމަށްޓަކައި ނުހަނު ގިނަ ކަންތައްތަކެއް ބޭނުންވާނޭ ކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. ތަޢުލީމަކީވެސް މީގެ ތެރެއިން އެންމެ މުހިންމު އެއް އަސާސެވެ. އިންސާނާއަށް ލިބިފައިވާ ކޮންމެ ހުނަރަކީވެސް ތަޢުލީމާއި އެކީ މެނުވީ ތަރައްޤީ ކުރެވޭނެ ކަމެއްވެސް ނުމެ ނޫންމެއެވެ. ތަފާތު މަސައްކަތުގެ ދާއިރާތަކަށް އެކިކަހަލަ ތަޢުލީމީ އޮނިގަނޑުތައް އެކަށައަޅައި، ކިޔަވައި ދިނުމަށް އެކި ފެންވަރުގެ އެދުރުން ތިބެއެވެ. ކުރީ ޒަމާނުގައި ނަމަ އެދުރުބެއެވެ. އެދުރު ދައިތައެވެ. މިހާރު ޓީޗަރުންނެވެ. ލެކްޗަރާއިންނެވެ. އިހުގެ މުސްކުޅި ބަހެއްގައޮވެއެވެ. “ފޮތެއް އޮތަކަސް އެދުރެއް ނުވާނެއެވެ”. ތެދެކެވެ. ތަޢުލީމު ހޯދާން ހާދަހާވާ ބުރަ މަސައްކަތް ކުރާންޖެހެއެވެ. ފޮތްތަކުގައި ހުންނަ މަޢުލޫމާތު އުނގެނި ފަހުމުވާން ދުވަސް ނަގައެވެ. މީހުންގެ އެހީ ހޯދާންޖެހެއެވެ. މި ލިޔުމުގައި ވެސް ބަލާމިލަނީ މިފަދަ އެދުރެއްގެ ހަޔާތަށެވެ.
ހަނިމާދޫ އަކީވެސް ތަޢުލީމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ތަޢުލީމީ ދަރިންތަކެއް އުފައްދައި ޤައުމީ ޚިދުމަތަށް ނެރުނު ރަށެކެވެ. ހަނިމާދޫގެ މަދުރަސީ ހަޔާތަށް 51 އަހަރު ވެފައިވާކަމީ މިކަން ކަށަވަރުކޮށްދޭ ވަރުގަދަ ހެއްކެކެވެ. މަދަރުސީ ތަޢުލީމުގެ ވާހަކަ ދައްކާކޮންމެ މާހައުލެއްގައި، އެންދެރިގޭ އަންވަރު، ތަމްކީނުގެ ކަރީމްބެ، އެދުރުބޭ، ދޮން ޙުސައިން ބަކުރު، ހިތިގަސްދޮށުގޭ ޢަބްދުލްރަޙްމާން ފަދަ ބޭފުޅުންގެ ނަންތައް ހިމަނައިނުލައިފިއްޔާ އެވާނީ އެ ބޭފުޅުންނަށް ކުރެވޭ ބޭ އިންސާފަކަށެވެ. އެ ބޭފުޅުން އެ ދުވަސްވަރުގެ ޒުވާން ޖީލު ބިނާކޮށް، ތަޢުލީމު ފޯރުކޮށްދެއްވުމަށް ކުރެއްވި އަގުބޮޑު، ބުރަ މަސައްކަތުގެ އަގުވަޒަން ނުކުރީކަމުގައެވެ. މި ލިޔުން ޚާއްސަ މިކޮށްލަނީ މި ދެންނެވުނު ނަން ތަކުގެ ތެރެއިން އެދުރުބޭގެ ތަޢުލީމީ ހަޔާތާއި، ތަޢުލީމް ފެތުރުއްވުމަށް އެދުރުބޭ ކުރެއްވި ބުރަ މަސައްކަތް، ކުޑަނަމަވެސް ގޮތަކަށް ހިއްސާ ކޮށްލެވޭތޯ އެވެ.
01 ޖަނަވަރީ 1953 ގައި އުފަންވި ހދ ހަނިމާދޫ ކުދިވިނަގޭ މުޙައްމަދު ޢުމަރު(އެދުރުބޭ) އަކީ ހަނިިމާދޫ މެދު ފާތުމައާއި ރަތް އުމަރުގެ ފަސް ދަރީންގެ ތެރެއިން އެންމެ ހަގު މީހާއެވެ. ތަޢުލީމު ހާސިލް ކުރުމަށްޓަކައި އުމުރުން 14 އަހަރު ގައި މާލެއަށް ދިރިއުޅުން ބަދަލު ކުރިއެވެ. އޭރު އުމުރުން ދޮށީ ވެފައި ވުމުން މަދަރުސާ ގްރޭޑު ކިލާހަށް ނުވަދެވުނު ކަމުގައިވީ ނަމަވެސް، ހދ ހަނިމާދޫ މުހައްމަދުފުޅުގެ ބުރަމަސައްކަތުން ޚާއްސަ ކިލާހަކަށް ވަދެވުނެވެ. އެކިލާހުގައި ދިވެހިބަސް، ހިސާބު، އިގިރޭސި، ތިމާވެށީގެ ޢިލްމް ކިޔަވާން ޖެހުނެވެ. އިސްލާމް މާއްދާގެ ތެރެއިން ޤުރުއާން އަދި ދީނީ ހުކުމްތައް ބަޔާންކޮށްދިނުމަށް ތަޢުލީމް ދިޔާނާ 1، 2، 3 ކިޔަވާދިނެވެ.

މާލެއަށް ތަޢުލީމް ހާސިލް ކުރަން ފޭބުމަށްފަހު ފުރަތަމަ އެދުރުބޭ ހުރީ ހަނިމާދޫ މުހައްމަދުފުޅު ގޭގައެވެ. ނަމަވެސް ކިޔަވަން ދާންޖެހޭ ތަނާއި، ހުންނަގެއާއި ދުރުވުމުން ގެ ބަދަލުކުރިއެވެ. ފަހުން ބަދަލުވީ ފެހި ތުއްތުމަނިކުގެ ގެޔަށެވެ. އެގޭގައި ހުރެގެން ތަޢުލީމް ހާސިލްކުރަމުން ދަނިކޮށް ބޮޑު ބުރާސްފަތި (ވެރިކަން ވައްޓައިލަން އުޅުނު ދުވަހެއް) ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން އެގޭގެ ވެރިޔާ ތުއްތުމަނިކު ހައްޔަރުކުރިއެވެ. ހަމަ އެގޭ އަލިމަނިކުވެސް ހައްޔަރުކުރިއެވެ. އެކަމާއި ބިރުން މަންމަ އާއި ބައްޕައަށްވެސް އެންގުމަކާއިނުލައި ބާރަށު ކަތްދަ ހުސޭނު ދޯނިން އެދުރުބޭ ރަށަށް އައީއެވެ.
ނަމަވެސް ރަށުގައި މަސްދުވަސް ނުވަނީސް އަނެއްކާވެސް ބައްޕަގެ އެންގުމުގެ މަތިން، މެދު މުޙައްމަދުބޭ (އެދުރުބޭގެ ދޮންބެ) އެދުރުބެ ގޮވައިގެން މާލެދަތުރު ކުރިއެވެ. މި ފަހަރު އެދުރުބޭވަނީ އެކިލާސްތައް ފުރިހަމަކޮށް ސަނަދު ހާޞިލްކޮށްފައެވެ.
ތަޢުލީމީ ހަޔާތް ނިންމާލުމަށްފަހު 1972 ވަނަ އަހަރު ހަނިމާދޫއަށް އަލުން ދިރިއުޅުން ބަދަލުކުރިއެވެ. ރަށުގައި ތިން އަހަރު ވޭތުވެދިޔަ ފަހުން، 1975 ވަނަ އަހަރު ހދ. ނެއްލައިދޫ ރައްޔިތުންގެ އެދުމުގެ މަތީން ކިޔަވައި ދިނުމަށްޓަކައި އެރަށަށް ބަދަލުވިއެވެ. ފުރިހަމަ ދެ އަހަރު އެރަށުގައި ކިޔަވައިދިނުމަށްފަހު އަނެއްކާވެސް ހަނިމާދޫއަށް ދިރިއުޅުން ބަދަލުކުރިއެވެ.
މިހާ ހިސާބުން 1978 ވަނަ އަހަރު ހަނިމާދޫގައި ފުރަތަމަ މަދަރުސާއެއްގެ ސިފައިގައި ރަށު އޮފީހުން ހުއްދަނަގައިގެން ކިޔަވައިދޭން ފެށިއެވެ. މިކަމުގެ މޭސްތިރިންނަކީ ހަނިމާދޫ، ހިތިގަސްދޮށުގޭ ޢަބުދުއްރަޙްމާން އާއި އެދުރުބެއެވެ. ކިޔަވައިދިނީ ހދ. ހަނިމާދޫ ރެޑް ހައުސް (ދޮން ޙުސައިން ބަކުރުބޭ) ގޭގައެވެ. ކޮންމެ ކުއްޖެއްގެ އަތުން ފީއެއްގެ ގޮތުގައި މަހަކަށް ނެގީ 1 (އެކެއް) ރުފިޔާއެވެ.

ގިނަ ދުވަސްތަކެއް ހަނިމާދޫގައި ތަޢުލީމު އުގަންނައިދޭން މަސައްކަތް ކުރުމަށްފަހު، ހއ. ބާރަށުގެ ރައްޔިތުންގެ އެދުމުގެ މަތީން އެރަށުގައި ކިޔަވައި ދިނުމަށްޓަކައި ބާރަށަށް ބަދަލުވިއެވެ. މިފަހަރު ބާރަށުގައި ހޭދަވީ ދޮޅު އަހަރު ދުވަހެވެ. އަންހެނުން ނިޔާވުމުގެ ހިތާމަވެރި ހަބަރާއިއެކު އައީ ރަށަށެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުންނެވެ.
ދިރިއުޅުމުގެ ކަންކަން ހަމައަކަށް އެޅުވުމަށްފަހު، ކިޔަވައިދިނުމަށްޓަކައި މިފަހަރު ބަދަލުވީ ހއ. މުރައިދޫއަށެވެ. އެރަށުގައި ކިޔަވައިދެމުން ދަނިކޮށް ހަނިމާދޫ ރަށު އޮފީހުގެ ސިޓީއެއް ލިބުނެވެ. އެ ސިޓީގައި ބުނާގޮތުން އެދުރުބެއަށް ވަނީ ހަނިމާދޫ ފީރޯސް މަކްތަބުގެ ވަގުތީ މުވައްޒަފެއްގެ ވަޒީފާ ހަމަޖައްސައި ދީފައެވެ. ވަޒީފާ ދެއްވި ތާރީޚެއް ކަމުގައިވަނީ 03 ފެބުރުއަރީ 1982 އެވެ. ހއ. މުރައިދޫގައި ދެ އަހަރާއި 01 މަސް ދުވަސް ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެދުރުބޭ ހޭދަކުރިއެވެ.
ފީރޯސް މަކްތަބު ދެ އަހަރު ވަންދެން ކިޔަވައިދިނީ އަލްމަރުޙޫމް އަންވަރު ޢަބްދުއްރަޙްމާންގެ ގެ ކަމުގައިވާ ހދ. ހަނިމާދޫ އެންދެރި ގޭ ގައެވެ. ފީރޯޒުވިލާއަށް ކިޔެވުން ބަދަލުކުރީ އޭގެފަހުގައެވެ.

އޭރު މަކުތަބުގައި ކިޔަވައިދެމުން ދިޔައީ ހިސާބު، ދިވެހި، އިނގިރޭސި، އިސްލާމް މި ހަތަރު މާއްދާއެވެ. ކިޔަވައި ދިނުން އޮންނަނީ ދެ ދަންފަޅިއަށް ބަހާލާފައެވެ. ހެނދުނު 06:45 ން 12:00 ފުރަތަމަ ދަންފަޅި ކިޔަވާއިރު 09:00 ގައި 30 މިނިޓްގެ ހުސްވަގުތު ކޮޅެއް ދެއެވެ. ދެވަނަ ދަންފަޅީގެ ގަޑިއަކީ މެންދުރު 13:00 ން ހަވީރު 16:00 ށެވެ.
ކިޔަވައިދިނުމުގެ ހަޔާތުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްދުވަހަކީ ހަނިމާދޫ ސްކޫލުގެ ރަމްޒުކަމުގައިވާ ނިޝާނާއި ދިދަ ފަރުމާކޮށްގެން 01 ވަނަ އަށް އެދުރުބޭގެ ކުރެހުން ހޮވުނުދުވަހެވެ. އޭރުގެ އަތޮޅުވެރިޔަކަށް ހުންނެވި ސަމީރުގެ އެންގެވި އެންގެވުމަކަށް ހަނިމާދޫ ސްކޫލްގެ ދިދައާއި ނިޝާން ފަރުމާކުރުމަށް މުޅި ހަނިމާދޫއަށް ފުރުސަތު ހުޅުވާލިއެވެ. ސްކޫލު ކުދިންނާއި، މުދައްރިސުންނާއި، އާއްމު ރައްޔިތުންނަށް ހުޅުވާލެވިގެން ހުށައެޅި ހުރިހާ ކުރެހުމެއްގެ ތެރެއިން އެންމެ ރީތި ފަރުމާއަކަށް ހޮވުނީ އެދުރުބެއާއި، އަލްމަރުޙޫމް އަންވަރު ޢަބްދުއްރަޙްމާން ކުރެހި ކުރެހުމެވެ. މިހާރު ހަނިމާދޫ ސްކޫލުގައި ފެންނަން އެހެރި ނިޝާނާއި، ދިދަ އަކީ އެދުރުބޭމެންގެ ބުރަ މަސައްކަތެވެ.

ހަމަ އެގޮތަށް އެންމެ ހިތާމަވެރި ދުވަހެއްގެ ގޮތުގައި ހިއްސާކުރީ 1996 ވަނަ އަހަރު ހަނިމާދޫ ސްކޫލްގެ އިސްވެރިއެއްގެ ގޮތުގައި އެދުރުބޭ ހުރިއިރު ސަރުކާރުން އެންގި އެންގުމެކެވެ. އެއީ ފަޓުލޫނު ލައި ބެގީކޮށްގެން ވަޒީފާއަށް ނުކުތުމެވެ. ނޫނީ ވަޒީފާ ދޫކޮށްލުމެވެ. ބަލި ހާލަތު ހުރި ގޮތުން އެދުރުބޭ ޚިޔާރުކުރީ ވަޒީފާ ދޫކޮށް ގޭގައި މަޑުކުރުމަށެވެ. ސަރުކާރުން އަންގާފައިވާ ގޮތަށް ހެދުން އަޅައިގެން ސްކޫލަށް ދާން އުޒުރުވެރިވާތީއެވެ.
މިހާ ހިސާބުން ވެސް އެދުރުބޭ ތަޢުލީމު ފޯރުކޮށްދިނުން ހުއްޓާލީއެއްނޫނެވެ. އަމިއްލަގޭގައި ޓިއުޝަން ކުލާހެއް ހަދައި ކުދީންނަށް ޓިއުޝަން ޖަހައިދޭން ފެށިއެވެ. ކުޑަކުދީންނަށާއި ބޮޑެތި ކުދިންނަށެވެ. ކުޑަކުދިންނަށް އަކުރު ކިޔަން ދަސްކޮށްދިނުމާއި، ބޮޑެތި ކުދީންނަށް ޤުރުއާން ކިޔަވައިދީ، ނަމާދުގައި ކިޔާތަކެތި ދަސްކޮށްދިނުންފަދަ އަގުހުރި އެތައް މަސައްކަތްތަކެއް އެދުރުބޭގެ ތަޢުލީމީ ހަޔާތުގައިވަނީ ކޮށްފައެވެ. ވަރަށް ފަހަކާއި ޖެހެންދެންވެސް ތަޢުލީމު ފޯރުކޮށްދިނުމުގައި އެދުރުބޭ ވަނީ މަސައްކަތް ކޮށްފައެވެ.
ހަނިމާދޫގައި ތަޢުލީމީ ބިންގާ އަޅައިދިން މޭސްތިރިންގެ ތެރޭގައި އެދުރުބޭގެ ނަން ކޮންމެހެންވެސް ހިމަނައިލާން ޖެހެއެވެ. އެ ފުރާޅުގެ ދަށުން ތަޢުލީމީ ހަޔާތުގެ ބިންގާ އެޅި އެތައް ދަރީންނެއް ހަނިމާދޫގައި އެބަތިއްބެވެ. ޝުކުރުން ފުރިގެންވީ ހިތަކާއިގެންނެވެ. ބުނެއެވެ. މީހުން މީހުންނަށްވާނީ، މީހުން މީހުނަށް ހެދީމައެވެ. ތެދެކެވެ. އެދުރުބޭ އެކަން ދައްކުވައިދީފިއެވެ. ތަޢުލީމުގެ ހުޅުކޮޅު ކަނިޖަހަމުންދަނިކޮށް، ހަނިމާދޫގައި ޖީލެއް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދީގެނެވެ. މޮޅެތި ތަޢުލީމީ ދަރީންތަކެއް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުދީންގެ ފަށާ ތަޢުލީމު ހަރުދަނާ ކޮށްދީގެންނެވެ. އެ ޒަމާނެއްގެ ފެންވަރުންނެވެ. ޚުދު އަޅުގަނޑަކީވެސް އެ ހިޔާވަހިކަމުން ފެށިގެން މަތީ ތަޢުލީމާއި ހަމައަށް ދަތުރުކުރި ދަރިވަރަކީމެވެ.