ޢަދުއްވުންގެ ކެހިވެރި މަޅިތަކުން ސަލާމަތްވުން!

ފަހުގެ ދީން

މިއަދު އިސްލާމްދީނަށް އަމާޒުކުރާ ތީރުތަކުގެ މައިގަނޑު އެއް އަމާޒުފަތްގަނޑަކަށް ހަދާފައި މިވަނީ އިސްލާމީ މުޖުތަމަޢުގެ އެއް ރުކުން ކަމުގައިވާ އަންހެނުންނެވެ. މެންދުރުގެ އިރު ފަދައިން ފެންނާން އޮތީ މުސްލިމު ކަނބަލުން ފަސާދަކުރުމަށް، ޢަދުއްވުން ކުރަމުންދާ ގިނަގުނަ މަސައްކަތެވެ. އުފުލަމުންދާ ވަހުމީ ބޮޑެތި ޝިޢާރުތަކެވެ. އެއް ދޮރުން ނުވަދެވުނިއްޔާ އަނެއް ދޮރުން ވަދެގެން ނަމަވެސް، މުސްލިމު އަންހެނުން ވާވެއްދުމަށް ކުރަމުންދާ ބުރަ މަސައްކަތެވެ. މިނިވަންކަމުގެ ނަމުގައެވެ. ހަމަހަމަކަމުގެ ނަމުގައެވެ. ޙައްޤު ހޯދައިދިނުމުގެ ނަމުގައެވެ. އެހެނަސް، މާތް ﷲ ގެ ރަޙްމަތުން، މިއަދު ވެސް ދިވެހި އަންހެނުންނަކީ އިސްލާމްދީން ދެކެ ލޯބިވާ، މި ދީނަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންވާން މަސައްކަތްކުރާ ބައެކެވެ. ޢަދުއްވުންގެ ކެހިވެރި މަޅިތަކުގައި ޖެހިފައިވާ މަދު ބަޔަކު މެނުވީއެވެ.

ޢަދުއްވުންގެ ކެހިވެރި މަޅިތަކުގެ ތެރެއިން ބައެއް ކަންކަން ލިސްޓުކޮށްލެވޭތޯ ބަލާނަމެވެ. އެއަށް ފަހު، އެކަންކަމުގެ ބައެއް ޙައްލުވެސްމެއެވެ. އެ މަޅިތަކުގެ ތެރޭގައި އަންހެނުންނަކީ މުޖުތަމަޢުގައި ދާއިމީކޮށް ބަހުސްކުރެވޭ މައުޟޫޢަކަށް ހަދައެވެ. މުސްލިމު މުޖުތަމަޢުން އަންހެނުންނަށް އަބަދުވެސް ލިބެނީ އަނިޔާއާއި ގެއްލުންކަމަށް ވިސްނައިދީ ބިންވަޅު ނަގުވައެވެ. މުޖުތަމަޢުގައިވާ އިސްލާމީ އުސޫލުތަކާއި ރިވެތި އާދަކާދަތަކަކީ ބޯދާ، ނާތަހުޒީބީ، ޒަމާނަށް ނުފެތޭ “ކަޓު” ކަންކަން ކަމަށް ބުނެދެއެވެ. އަދި ފާރަލައި ބެލުމަށް ފަހު، މުޖުތަމަޢަށް އަންނަ ޙައްސާސަ ދަނޑިވަޅުތަކުގައި، ނޫސް މަޖައްލާތަކާއި ޓީވީ-ރޭޑިއޯއާއި މީސްމީޑިއާފަދަ އެންމެހައި މަންސަތަކުގައި މިފަދަ ހުރިހައި ކަމެއް ފަތުރައިލައެވެ. ޚާއްޞަކޮށް، ކުޑަކުދިންނާއި ޒުވާނުން ޝައުޤުވެރިވާފަދަ އެންމެހައި އުކުޅުތަށް ބޭނުންކޮށްގެންނެވެ. މަޤްޞަދަކީ އިސްލާމްދީނާމެދު ހިތްތަކުގައި ވަސްވާހާއި ޝައްކު އުފެއްދުމެވެ. ޚާއްޞަކޮށް ކަނބަލުންގެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ވިސްނައި ފިކުރު ހިންގަވާށެވެ! އިސްލާމީ އުސޫލުން އަންހެނުން ހެދުން އެޅުން ބޯދާ، ނާތަހުޒީބީ ކަމަކަށްވެ، ނިވާކަން ކުޑަވެ، ވަނާތައް ނީލަމަށްލުން އެއީ މިނިވަންކަމުގެ ރަމްޒަކަށް ނުވޭތޯއެވެ؟ ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތާއި ފިރިމިހާއަށް ކިޔަމަންވުން އެއީ އަޅުވެތިކަމަށްވެ، މަސައްކަތުގައި ދެ ޖިންސު މައްސުނިވެ، “ބޮސް” ބުނާ ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި ކޮށްލަން ކެރުން އެއީ ކުރިއެރުމާއި ތަހުޒީބުގެ ތަރާދަކަށް ނުވޭތޯއެވެ؟

ޢަދުއްވުންގެ ޝިކާރައަކަށް އަންހެނުން ވިޔަނުދިނުމުގެ ޒިންމާގެ މުގުލުގައި މި ތިބީ ހަމަ އަޅުގަނޑުމެން އަންހެނުންނެވެ. ޙިމާޔަތުގެ އައްޑަނަތައް ރުކުރުވާލުމުގެ މަސައްކަތް، “أمة اقرأ”، “ކިޔަވާ އުންމަތް” މި މަބްދައުއިން ފަށަމާ ހިނގާށެވެ. އަންހެނުން ޢިލްމު އުނގެނި، އުނގަންނައިދީގެންނެވެ. ދެ ދުނިޔާގައި ފައިދާކުރަނިވި ހުރިހާ ރޮނގަކުންނެވެ. ޚާއްޞަކޮށް، އިސްލާމްދީން އަންހެނުންނަށް ދެއްވާފައިވާ މަތިވެރި ޤަދަރާއި މަޤާމު އުނގެނި ދަސްކޮށް، އުނގަންނައިދީގެންނެވެ. ޢަދުއްވުންގެ ކެހިވެރި ރޭވުންތަކާއި އަވާމެންދުރެއްފަދަ ދަޅަތަކާއި ވަހުމީ ޝިޢާރުތައް ހޯދައި، އޮޅުންފިލުވައި، އެކަންކަމުން ސަލާމަތްވެވޭނެ ގޮތް ދަސްކޮށްގެންނެވެ. އުފުލޭ ޝިޢާރުތަކުގެ ފަހަތުގައިވާ ފަސާދައާއި ގެއްލުން ހޯދާބަލައި، މުޖުތަމަޢު އެކަންކަމަށް ހޭލުންތެރިކޮށްގެންނެވެ. އިސްލާމްދީނަކީ މާތް ﷲ ގެ ޙަޟްރަތުން ބާވާލެއްވި، އުނިއިތުރެއްނުވާ، ތާއަބަދަށް ދެމިގެންވާ، ފުރިހަމަ ދީންކަން ހިތުން ރުހުމުން ޤަބޫލުކޮށްގެންނެވެ.

“ކަނބަލުންގެ މަސްއޫލިއްޔަތު” މި މައުޟޫޢުގެ ދަށުން، އަޅުގަނޑު ލިޔަން ޤަޞްދުކުޅަ ބައި ލިޔެ ނިމުނީއެވެ. ދުޢާއަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ކަނބަލަކަށް ވެސް، އެ ކަނބަލެއްގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ހެޔޮ ތައުފީޤު ދެއްވުމެވެ. އަދި އެ މަސްއޫލިއްޔަތު ހަދާންނެތޭ ހިނދު، އެކަކު އަނެކަކަށް ހަނދާންކޮށްދޭ ބަޔަކު ކަމުގައި ލެއްވުމެވެ.

ނޯޓް: މިއީ هــ ۱٤٤۳ އަހަރު جُمَادَى الْأُوْلَى މަހުގެ 13 ވީ ހުކުރު ދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާގެ 50ވަނަ ޢަދަދުގެ 3ވަނަ ޞަފްޙާގައި الشَّيْخَة عَائِشَةُ رِيْـمَا ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ