އިންސާނާ މި ދުނިޔޭގައި ލެއްވެވީ މިނިވަނެއްގެ ގޮތުގައެވެ. ބުއްދި ދެއްވައި، ކުރަން ބޭނުން ކަމެއް ކުރުމުގެ އިޚްތިޔާރު ދެއްވައިފައެވެ. ކުރާ ޢަމަލު މީޒާން ކުރެވޭނެ ކަން އަންގަވައި، އުފާވެރިކަމާއި އިންޒާރު ވެސް ދެއްވައިފައެވެ. އީމާންވެ، ހެޔޮ ޢަމަލު ކުރި މީހާއަށް އުފާވެރި ސުވަރުގެއެވެ. ކާފިރުވެ، އުރެދުނު މީހާއަށް ވޭންދެނިވި ނަރަކައެވެ.
އިސްލާމްދީނުގައި މިނިވަންކަމަކީ ހަމައެކަނި ޙައްޤެއް ނޫނެވެ. ޟަރޫރަތެކެވެ. އެކަންކަން ޙިމާތްކުރުމަށް ދީން ބާވައިލެއްވުނު ފަސް ޟަރޫރަތު ކަމުގައިވާ (ދީން ޙިމާޔަތް ކުރުމާއި ނަފުސު ޙިމާޔަތްކުރުމާއި ބުއްދި ޙިމާޔަތްކުރުމާއި ނަސްލު ޙިމާޔަތްކުރުމާއި މުދާ ޙިމާޔަތްކުރުން) ފުރިހަމަ ގޮތުގައި ޙިމާޔަތް ކުރެވޭނީ މިނިވަން ބަޔަކަށެވެ. އަޅުވެތިކަމުގެ ދަށުގައިވާ ޤައުމަކަށް، އެބައިމީހުންގެ އިސްލާމްދީން ޙިމާޔަތެއް ނުކުރެވޭނެއެވެ. މިއަދު ވެސް، ލޯމަތީން އެކަން މި ދަނީ ތަކުރާރުވަމުން ނޫންހެއްޔެވެ. ފަލަސްޠީނު އެކަނި ވެސް މިސާލަކަށް ފުދި، އިތުރެވެ. އަދި ހަމައެހެންމެ، ދިވެހި ތާރީޚަށް ބަލައިލި ނަމަވެސް އެކަން އޮތީ ފެންނާށެވެ. ޕޯޗުގީޒުން ދިވެހިންގެ ކަރަށް ގަދަކަމުން ރާ އެޅި ޙާދިޘާ ފަދަ އެތައް ޙާދިޘާއެކެވެ. ދިވެހި ލޭ ހިނގާ ޣައްދާރުންގެ މަދަދާ ވެސް އެކުގައެވެ.
މިނިވަންކަން” މިއީ މިއަދު ވަރަށް ޢާންމު ލަފުޒެކެވެ. އަދި ކިއެއްތަ އެންމެން ދަންނަ ފަރިތަ ލަފުޒެކެވެ. އެހެނަސް، ސުވާލަކީ “ގިނަ ބަޔަކަށް މި ބަސް ފަހުމުވެފައި ވަނީ ރަނގަޅަށްތޯއެވެ؟” އާދެ، ބައެއް މީހުންގެ ނަޒަރުގައި މިނިވަންކަމުގެ މަފްހޫމަކީ އަނެކާއަށް ގެއްލުމެއް ނުވުމެވެ. އަނެކާއަށް ގެއްލުމެއް ނުވަންޏާ އެއީ ތިމާގެ މިނިވަންކަމެވެ. ތިމާގެ ހަށިގަނޑަށް ބޭނުން ގޮތެއް ހެދުމުގެ މިނިވަންކަން ތިމާއަށްވެއެވެ. ތިމާ ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން ތިމާއަށްވެއެވެ. ތިމާ ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން ތިމާއަށްވެއެވެ. އެއްވެސް ޙައްދެއް އަދި އިމެއް ނެތިއެވެ. މިއީ ކޮރު މަފްހޫމެކެވެ. ސެކިޔުލަރ މުޖުތަމަޢުތަކުން މިނިވަންކަން މާނަކުރާ ގޮތެވެ. އިސްލާމީ މުޖުތަމަޢުތަކަށް ވެސް މި މަފްހޫމު ބަޔަކު އިމްޕޯޓުކުރީއެވެ. ދިވެހި މުޖުތަމަޢު ވެސް މި ކަމުން އިސްތިޘްނާއެއް ނުވެއެވެ. ނަމަވެސް އިސްލާމްދީނުގައި މިނިވަންކަމުގެ މަފްހޫމަކީ އަދި މިއެއް ނޫނެވެ.
އިންސާނާގެ މިނިވަންކަމުގެ މަފްހޫމް، ޢިލްމުވެރީން މި ޙަދީޘްގެ އަލީގައި ބަޔާންކޮށްދެއްވައެވެ. ކައު ސާހިބާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “لَا ضَرَرَ وَلَا ضِرَار” (ސުނަނު އިބުނު މާޖާ: 3241)، މާނައީ: “ގެއްލުން ލިބިގަތުމެއް ނުވެއެވެ. އަދި ގެއްލުން ދިނުމެއް ވެސް ނުވެއެވެ.” ކުރު ބަސްފުޅެކެވެ. އެހެނަސް، ބަލާޣާތްތެރި ޖާމިޢު ބަސްފުޅެކެވެ. ޙަދީޘްގެ ފުރަތަމަ ލަފުޒުގައި ކޮންމެ އިންސާނެއްގެ ވެސް އަމިއްލަ ނަފުސުގެ މިނިވަންކަމުގެ އިމެވެ. އަދި ދެވަނަ ލަފުޒުގައި އަމިއްލަ ނަފުސު ފިޔަވައި ދެންތިބީންނަށް އަދާކުރަން ޖެހޭ މިނިވަންކަމުގެ އިމެވެ. އަދި މީގެ އިތުރުން ވެސް ޢިލްމުވެރީން މި ޙަދީޘުން އެތައްއެތައް ޤާޢިދާއެއް އިސްތިންބާޠު ކުރައްވައެވެ. އޭގެ ތެރެއިން އެއް ޤާއިދާއަކީ “އިންސާނުންނަށް ގެއްލުން ލިބޭ ހުރިހާ ކަމެއް ވަނީ މަނާވެގެންނެވެ.”
ވުމާ އެކު، އިސްލާމްދީނުގައި މިނިވަންކަމުގެ މަފްހޫމަކީ ޝާމިލު މަފްހޫމެކެވެ. މުޅި މުޖުތަމަޢުގެ މިނިވަންކަމުގެ ބައުންޑަރީ ކުރަހައިދޭ މަފްހޫމެކެވެ. ފަރުދީ މިނިވަންކަމުގައި ވެސް އިންތަކެއް ކަނޑައަޅުއްވާ މަފްހޫމެކެވެ. އާދެ، ތިމާގެ އަމިއްލަ ނަފުސާ މެދު ވިޔަސް، އިލާހީ އިމުން ބޭރުވެ، ހަވާނަފުސު އެދޭފަދައިން ކަންކުރުމީ މިނިވަންކަމުގެ އިސްލާމީ މަފްހޫމުން ބޭރުވުމެވެ.
އަޅުގަނޑުމެން އެންމެންނަކީ ވެސް މިނިވަންކަމުގެ އިސްލާމީ މަފްހޫމު އުނގެނި، އޭގެ އިމުގައި ތިބެ، ދުނިޔެވީ ވަގުތީ ދަތުރު ނިންމާލާ ބަޔަކު ކަމުގައި ލައްވަވާށިއެވެ. އާމީން!
ނޯޓް : މިއީ 28 ޖަނަވަރީ 2022 ވަނަދުވަހު ނެރުނު “ދީނުގެމަގު” މަޖައްލާއަށް الشَّيْخ عِمَاد يُوْسُف ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


