އަނދިރީގައި ރޯލުމަށްވުރެ މޮޅު ގޮތެއް ނެތެވެ. ހިތް ކުދި ކުދި ވެއްޖެއެވެ.!

އިޖުތިމާޢީ ވާހަކަ ފަހުގެ

މަންމައާއި ބައްޕަގެ ހުރިހާ އުންމީދެއް ގުޅިފައިވީ އަހަރެންނަށްށެވެ. ތަރުބިއްޔަތުގައި އެއްވެސް އުނިކަމެއް ނެތެވެ. ލޯތްބާއި ކުލުނުން އެއްވެސް އެއްޗެއް މަދެއް ނުވެއެވެ. މަންމައާއި ބައްޕައަކީ ފުދުންތެެރި ބައެއްކަމުގައި ނުވިޔަސް އަހަރެން ބޭނުން ކޮންމެކަމެއް ބޭނުން ވަގުތަކު ފުރިހަމަ ކޮށްދިނެވެ. އެންމެ ފަހުގެ އަންނައުނެވެ. ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެކެވެ. މީރު ކާނާއާއި އަގު ބޮޑު ހުވަނދެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 13 އަހަރެވެ.

ތެދެކެވެ. އަމިއްލައަށް އަމިއްލަ ނަފްސު ފެނި ބޮޑާ ވެވުނީއެވެ. މަންމައާއި ބައްޕަގެ ޤުރުބާނީގައި ކޮޅުފައިން ޖެހުނީއެވެ. މައިންބަފައިންނަށްވުރެ ރައްޓެހިން އިސްކުރެވުނީއެވެ. ފިރިހެން ކުއްޖެއްގެ އަވައިގައިޖެހި މާ އަވަހަށް ފިޔަފެޅީއެވެ. އެކަންތަކާއިމެދު މިއަދު އަހަރެން ލަދުވެތި ވަމެވެ. ލޯބިގެ ނަމުގައި ގުޅުނު ކުއްޖާގެ ފަރާތުން ލިބެންފެށީ ޖިންސީ އަނިޔާތަކެވެ. ލޯބިވާކަން ހާމަކުރުމަށް އެކަން ކުރަން އަހަރެންނަށް މަޖުބޫރު ކުރުވިއެވެ. ނަތީޖާއަކަށްވީ އުމުރުން އެންމެ 14 އަހަރުގައި ރަށްމެދަށް ބަލިވެ އިނުމެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަން އެނގުމާއިއެކު ލޯބިވެރިޔާވެސް އަހަރެން ދޫކޮށްލީއެވެ. ލަދުވެތިކަމާއިއެކު ވަރަށް ހިތްވަރު ކޮށްލާފައި ބަލިވެއިން ވާހަކަ މަންމައާއި އަހަރެން ހިއްސާކުރީމެވެ. އާނއެކެވެ. އެއީ އެއްވެސް މަޔަކު އަޑު އަހަން ބޭނުންވާނެ ވާހަކައެއް ނޫނެވެ. އަހަރެންގެ ވާހަކަ ފުރިހަަމަ ނުކުރެވެނީސް އަހަރެންގެ މަންމަގެ ހޭ ހުސްވެގެން ބިން މައްޗަށް ވެއްޓިއްޖެއެވެ. އަވަސް އަވަހަށް ބައްޕަގެ އެހީތެރިކަމާއިއެކު މަންމަ ހޮސްޕިޓަލަށް ގެންދިޔާމެވެ. ނަމަވެސް މާ ލަސްވީއެވެ. ހާރޓް އެޓެކެއްޖެހި މަންމަ މި ފަނާކުރުވަނިވި ދުނިޔެއާއި އަލްވަދާއުކީއެވެ. އަހަރެންގެ ސަބަބުންނެވެ.

އަހަރެންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. އެދެމަފިރިންގެ ކައިވެނީގެ ނިޝާނެވެ. ނަމަވެސް އަހަރެންގެ ފަރާތުން މަންމައާއި ބައްޕައަށް ލިބުނު މޮޅެއް ކޮބާ ހެއްޔެވެ.؟ އަހަރެންގެ ވިޔާނުދާ މުޑުދާރު އަމަލުގެ ސަބަބުން އަހަރެންގެ މަންމަ މި ދުނިޔެ ދޫކޮށް ދިޔައީއެވެ. އެ ހިތާމާގައި ބައްޕަ ބަލި ހާލުގައި އެނދުމަތިވެފައެވެ. އަހަރެން ކުޑަ ކުޑަ ކުއްޖެއް ގޮވައިގެން އެކަނިވެރިކަމާއިއެކު ބައްޕަ ބެލުމުގައެވެ. މި ނޫން ގޮތެއް ނެތެވެ. ލޯބި ދިނެވެ. ލޯބި ލިބުނެވެ. އަހަރެންގެ ފެންވަރު އޮޅުނީއެވެ.

އެކުވެރިންނެވެ. ލޯބީގެ ނަމުގައި ކުރަމުން ތިޔަ ގެންދާ ފާހިޝް ޢަމަލުތައް ހުއްޓާލާށެވެ. އެއީ ލޯތްބެއް ނޫނެވެ. އެއީ ތިބާ މުޅި ދުނިޔެއަށް ގިނަކޮށްލާ ހަޑި ޢަމަލެކެވެ. އަހަރެންނަކީވެސް ވަރަށް އުފަލުގައި ދިރިއުޅުނު ކުއްޖަކީމެވެ. އެހެންނަމަވެސް މިއަދު އަހަރެން މިވަނީ މުޖުތަމައުން ބާކީ ވެފައެވެ. ކުރިމަތިލާނީ ކާކާ ހެއްޔެވެ.؟ މީހުން ދެކޭނީ ކިހިނެތް ހެއްޔެވެ.؟ މާޔޫސް ވެއްޖެއެވެ. މުޅި ދިރިއުޅުން އަމިއްލަ އަތުން ހުޅުޖަހާ އަންދާލެވުނީއެވެ. ގިނި އަލިފާނުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ