މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލަދީފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ ޅ. މާފިލާފުއްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެމްއެންޑީއެފުން ބުނީ، މަސްވެރިކަން ކުރަމުން ދިޔަ ދޯނީގައި ހުރި މީހާ ކަނޑަށް ވެއްޓުނު ވަގުތު އޭނާ އަށް މިޔަރު ހަމަލަދިނުމުން، އެކަން ދޯނިން ވަނީ ކޯސްޓްގާޑަށް އަންގާފައި ކަމަށެވެ.
އެހެންވެ، އެމްއެންޑީއެފްގެ ނޯތާން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަނުން ޅ. އަތޮޅުގެ ހޮސްޕިޓަލްގެ ޓީމަކާ އެކު މިހާރު ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި އެ މީހާގެ ހާލު އެހާ ސީރިޔަސް ނޫން ކަމަށް ދޯނީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވެއެވެ.


