ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމަށް ފުރާވަޑައިގަންނަވަން ނިއްމަވައިފިއެވެެ.
ރައީސް އޮފީހުން ބުނީ އިއްޔެ އަވަހާރަވި ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ މެންދުރުފަހު ރައީސް ސާލިޙު ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ވަނީ ނިންމަވާފައެެވެ.
ޝައިޚް ޚަލީފާ ބިން ޒައިދް އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިޙް ވަނީ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
ރައީސް ސާލިހުގެ މެސެޖުގައި ވަނީ ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން ހިތާމަ ފާޅުކުރައްވާކަމަށް ވިދާޅުވެފައެވެ. ރައީސް ޞާލިޙް ވިދާޅުވީ ޝައިހް ހަލީފާއަކީ ދުރުވިސްނިވަޑައިގަންނަވާ، ހަރުދަނާ ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޔޫއޭއީގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދް އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.


