އިސްތިއުމާރީ އިސްރާއީލުގައި ސަރުކާރެއް އެކުލަވާލަން އިދިކޮޅު ކޯލިޝަންގެ ލީޑަރު ގަޑީ އެއިޒެންކޮޓަށް ދީފައިވާ ފުރުސަތު ޑިސެމްބަރު 6 އަށް ހަމަވާނެއެވެ. އެ މުއްދަތުގައި ސަރުކާރެއް އެކުލަވާ ނުލެވިއްޖެނަމަ އިތުރު 14 ދުވަހަށް މުއްދަތު އިތުރުކުރަން އެދުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ.
އެއިޒެންޓް މިހާރުވެސް ގެންދަނީ ސަރުކާރެއް އެކުލަވާލަން ޕާޓީތަކާ މަޝްވަރާ ކުރަމުންނެވެ. އޭގެތެރޭގައި ވަގުތީ ބޮޑުވަޒީރު ކަމުގައި ހުރި ނަތަންޔާހޫވެސް ހިމެނެއެވެ.
ނަތަންޔާހޫގެ ލިކޫޑް ޕާޓީއާ އެއިޒެންކޮޓް ކުރިންވެސް ބައްދަލު ކޮށްފައި ވާއިރު، އިތުރު ބައްދަލުވުމަކަށްވެސް އޭނާވަނީ އެދިފައެވެ.
ނަތަންޔާހޫ ކުރިން ބުނަމުންއައީ، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައި، ބޮޑުވަޒީރުކަމުގެ މަގާމު ދައުރުވާ ގޮތަށް ބޭއްވުމަށެވެ. އަދި ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރުމުގެ ފުރުސަތު ފުރަތަމަ އޭނާއަށް ދިނުމަށްވެސް ޑިމާންޑް ކޮށްފައި ވެއެވެ.
ނަމަވެސް ނަތަންޔާހޫ ފަހުންވަނީ، ފުރަތަމަ އެއިޒެންކޮޓް ބޮޑުވަޒީރަކަށް ވުމާމެދު އިއުތިރާޒެއް ނެތްކަމަށް ބުނެފައެވެ.
ދޫދޭން ނިންމި ސަބަބެއް ކަމަށް ނަތަންޔާހޫ ބުނީ، އިސްރާއީލަށް އޮތް “ނުރައްކާ” ބޮޑުކަމުންނެވެ. ނަތަންޔާހޫ އަދިވެސް މަސައްކަތް ކުރަމުންގެންދަނީ އީރާނަށް ހަމަލާ ދިނުމަށެވެ.
ނަތަންޔާހޫ މަސައްކަތް ކުރަނީ އޭނާ މަގާމުން ދުރަށް ދިއުމުގެކުރިން އީރާނަށް ބޮޑެތި ގެއްލުންތައް ދިނުމަށެވެ. އެގޮތުން، އީރާނުގެ ފެނުގެ އިންފްރާސްޓްރަކްޗަރއާއި، ކަރަންޓު ވިއުގައާއި، ހަކަތާއި ތެލުގެ ވަސީލަތްތަކާއި އަދި އެނޫންވެސް ނާޒުކު އިންފްރާސްޓްރަކްޗަރއަށް ބޮމާއި މިސައިލުން ހަމަލާދީ އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ދިނުމުގެ ޕްލޭނެއް ނަތަންޔާހޫ ހަދާފައި ވެއެވެ.
އެހެން ނަމަވެސް، އެއިޒެންކޮޓާއި، އިސްރާއީލުގެ އެތެރެއިންނާއި އަދި އެމެރިކާއިންވެސް އެއްބަސް ނުވުމުން އެކަން ކުރެވެގޮތް އަދިވަނީ ނުވެފައެވެ. އެއިޒެންކޮޓް ބުނަނީ، އީރާނަށް އަސްކަރީ ހަމަލާދެންޖެހޭ ފަދަ ނުރައްކަލެއް މިވަގުތު އޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން އިދިކޮޅު ކޯލިޝަންގެ ލީޑަރު ގަޑީ އެއިޒެންކޮޓް މަސައްކަތް ކުރަމުން ގެންދާއިރު، އޭނާ ބޭނުންވަނީ ނަތަންޔާހޫއާ ނުލައި ސަރުކާރެއް އެކުލަވާލުމަށެވެ.
އިދިކޮޅު ޕާޓީތައް ގުޅިގެން އެއިޒެންކޮޓް ކޯލިޝަނެއް ހަދައި އިންތިޚާބަށް ނުކުތީވެސް ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށެވެ.
އެއިޒެންކޮޓް ބުނެފައިވަނީ، ނަތަންޔާހޫއާ ނުލައި ސަރުކާރެއް އެކުލަވާލަން އޭނާގެ ކޯލިޝަނުން ހެދި ތަފްސީލް ޕްރޮޕޯޒަލް، ލިކޫޑް ޕާޓީއަށް ހުށަހަޅާފައވާނޭ ކަމަށާއި، އޭނާ މިހާރު ހުރީ އެ ޕާޓީން ދޭނޭ ޖަވާބެއްގެ އިންތިޒާރުގައި ކަމަށެވެ.
އެއިޒެންކޮޓް ފުރަތަމަ ބޮޑުވަޒީރަކަށް ވުމާމެދު އިއުތިރާޒެއް ނެތްކަމަށް ނަތަންޔާހޫ ބުނުމުން، އެކަމުގައި ނަތަންޔާހޫ ސީރިއަސް މިންވަރު ބަލަން އެއިޒެންކޮޓް މިހާރު މަސައްކަތް ކުރަމުންގެންދަނީ އަނެއްކާވެސް ނަތަންޔާހޫއާ ވާހަކަ ދެއްކުމަށެވެ. އެކަމަކު، ބޮޑުވަޒީރުކަމުގެ މަގާމު ދައުރުވާގޮތަށް ސަރުކާރެއް އެކުލަވާލަން، އެއިޒެންކޮޓްގެ ކޯލިޝަން ޕާޓުނަރުން އެއްބަސް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.


