އަހަރެންގެ ޝަކުވާތައް އިއްވައިދޭނީ ކާކަށް ހެއްޔެވެ.؟

އިޖުތިމާޢީ ވާހަކަ ފަހުގެ

މިއީ އަހަރެންގެ އަނދިރި ދިރިއުޅުމުގެ ވާހަކައެވެ. މާޔޫސްކަމާއި މޮޅިވެރިކަމުގެ ދަތުރެކެވެ. އެކަނިވެރިކަމާއި ބާކީކުރުމުގެ ހިތި ތަޖުރިބާއެކެވެ. ބުނެދޭނީ ކީކޭ ހެއްޔެވެ.؟ ބުނަން އޮތީ ވަކި ކޮން އެއްޗެއް ހެއްޔެވެ.؟ އަހަރެންނަކީ މުޖުތަމައުން ބާކީވެފައިވާ ޒުވާން އަންހެން ކުއްޖަކީމެވެ. މިކަމުގައި އަހަރެންގެ ކުށަކީ ކޮބައިކަމެއް އަހަންނަކަށް ނުވިސްނުނެވެ. އެކަމަކު މިއީ އަހަންނަށް ހުރި ގޮތްކަން ޔަޤީނެވެ.

އެންމެ ކުޑައިރުން ފެށިގެން ބޮޑު ވަމުންއާއި މަންމައާއި އެކުގައެވެ. އަހަރެންގެ އުމުރުން 11 އަހަރު ވީ އިރުވެސް އަހަރެންގެ ބައްޕައަކީ ކާކު ކަމެއް، އަދި ކޮންތާކު އުޅޭ، ކިހިނެތް ހުންނަ މީހެއްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. ނަމަވެސް މިހާރު ޔަޤީންވާ އެއްކަމެއް އެބަ އޮތެވެ. އަހަރެންނަކީ މަންމައާއި ބައްޕަ ކައިވެނީގެ ބޭރުން ހިންގި ވިޔާނުދާ ޢަމަލުގެ ނަތީޖާކަމެވެ. އާނއެކެވެ. އަހަރެންނަކީ ނަހަލާލަށް ވިހާފަ ހުރި ކުއްޖެކެވެ. އެންމެ ކުޑަ އިރުން ފެށިގެންވެސް މުޖުތަމައުން އިވެމުނު އަޑަކީ މިއެވެ. “ތީ ބައްޕަ ނެތް ކުއްޖެއް” “އޭނާއާއި ކައިރި ނުވާތި” “ތީ ވަރަށް ވިޔާނުދާ ކުއްޖެއް” މިފަދަ ވިހަ ބަސްތަކެކެވެ. އަހަރެންގެ ހިތް އެތައް ފަހަރަކު މަރާލައެވެ.

އިޝްތިހާރު
އިޝްތިހާރު

މަންމަ ކުރި ކުށުގެ މަލާމާތާއި ހުތުރު ބަސްތައް އަހަންނާއި އަމާޒުވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަހަރެންނަކީ ކުޑަ ކުއްޖަކީމެވެ. ދުނިޔެއަށް އުފަންވީ ހަމަ ތި ހުރިހާ ކުދިންނެކޭ އެއްފަދައިން ޠާހިރުކަން މަތީގައެވެ. އަހަރެން ގޯސް ކަމެއް ނުކުރަމެވެ. ފާފައެއްވެސް ނުކުރަމެވެ. މަންމަގެ ބަހަށް ކިޔަމަންވެ މަންމައާއިއެކު ފަރުޟު ފަސް ނަމާދު ކުރަމެވެ. އެ ނަމާދެއްގެ ވަގުތުގައެވެ. މީހެއްގެ ގެއަކަށް ނުދަމެވެ. މީހަކަށް އުނދަގުލެއް ނުކުރަމެވެ. އުމުރުން 11 އަހަރުވީއިރު މަންމަ ނޫނީ ލޯބިން އަހަންނަށް ގޮވާލީ މީހަކު ނެތެވެ.

ފަރުވާލެއް ނެތެވެ. މަންމަގެ ލޯބިން ފުދިގެން އަހަރެން ކުރިޔަށްދާން މަސައްކަތް ކުރީމެވެ. މާ ސިންގާ ކަނޑުތެރޭގައި އޮޔާ ދެކޮޅަށް ފެތުންފަދަ ކަމަކަށް މިކަން ވެއްޖެއެވެ. ސްކޫލަށް ވެއްދުމާއި އެކު އަހަރެންނަށް ހަނގާކުރަން ފެށީ ސްކޫލް ތެރެއިންނެވެ. ކިލާސް ކުދިންނެވެ. އެކުދިންގެ ބެލެނިވެރިންނެވެ. އަދި ކިޔަވައިދޭން އަންނަ މަދައްރިސުންނެވެ. ކިލާސް ތެރޭގައި އަހަރެން އިންނަންޖެހުނީ ހުރިހާ ކުދިންނާ ވަކިންނެވެ. އެކުވެރިންނެވެ. މިއީ ހިތްދަތި ދިރިއުޅުމެކެވެ. ލޯބިން ފިރުމާދޭނެ އަތެއް ނުވިތާ، ހާލުބަލާލައިނެ ފަރުދެއްވެސް އަހަރެންގެ ނެތެވެ. ހިނިތުންވެލަފަ ގޮވާލާނެ މީހެއްވެސް ނެތެވެ.

“ފާފައެއް ކުރެވުމަކީ ބާކީކޮށް އެކަމުގެ ޝަޒާ ދާއިމަށް ލިބެންޖެހޭ ސަބަބެއް ނޫނެވެ. ތައުބާވެ اللهގެ މަގަށް އިޔާދަވެ ކުރިޔަށް ދިޔުމަށް މާތްވެެންވާ އިސްލާމް ދީނުގައިވަނީ ބާރު އަޅާފައެވެ.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ