އާރަށުގެ މައްސަލާގައި ޔާމީނާއި ދައުލަތުގެ ހުށަހެޅުންތައްވެސް ބަލައިނުގަތް

ޚަބަރު ފަހުގެ

ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ވ.އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާ އާއި ގުޅިގެން ރައީސް ޔާމީނަށާއި، ލައުލަތަށް ދިން މުއްދަތުގައި ހުށަހެޅުންތައް ހުށަނޭޅުމުން އެ ހުށަހެޅުންތައް ބަލައި ނުގަތުމަށް ޝަރީއަތުން ނިންމަވައިފިއެވެ.

އާރަށުގެ މައްސަލާގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، ޔާމީން ރިޝްވަތު ދެއްވިކަމަށް ބުނެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު، ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

އިޝްތިހާރު
އިޝްތިހާރު

މިމައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ދެފަރާތަށްވެސް ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ. ހުށަހެޅުންތައް ދައުލަތުންނާއި، ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް ހުށަހެޅުމަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ޝަރީއަތުން ދިން މުއްދަތު މިދިޔަ މަހުގެ 27 ވަނަ ދުވަށް ހަމަވެފައިވާއިރު، ދެފަރާތުންވެސް ހުށަހެޅުން ހުށަހަޅާފައިވަނީ މިމަހުގެ ކުރީކޮޅެވެ.

މިމައްސަލާގައި ދައުލަތުންވެސް އަދި ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް ދުވަސްތައް ބަލާފައިވަނީ ބަންދު ދުވަސްތައް ނުހިމަނައެވެ. ނަމަވެސް ޤާސީ ވިދާޅުވީ މުއްދަތު ހިނގާނީ ބަންދު ދުވަސްތައްވެސް ހިމަނައިގެން 15 ދުވަސް ކަމަށެވެ. އެމުއްދަތަށް ބަލާނަމަ މިދިޔަ މަހުގެ 27 ވަނަ ދުވަހަށް މުއްދަތު ހަމަވެފައިވާކަމަށް ޤާސީ ވިދާޅުވިއެވެ.

މިމައްސަލާގައި ރައީސް ޔާމީންގެ އިތުރުން ޔާމީން ރިޝްވަތު ދެއްވިކަމަށް ބުނެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު، ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާވެސް ހުށަހެޅުން ހުށަހެޅީ މުއްދަތު ފާއިތުވި ފަހުންކަމަށްވުމުން ޝަރީއަތުން ވަނީ އެހުށަހެޅުންތައްވެސް ބަލައި ނުގަންނަން ނިންމާފައެވެ.

މިމައްސަލާގައި ޤާސީ ނިންމެވީ ހުށަހެޅުންތައް މުއްދަތުގައި ހުށަނޭޅުމުން މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންގޮސް ޝަރީއަތް ފެށުމަށެވެ. ގާޒީ ނިންމެވީ އަންނަ މަހުގެ ދެވަނަ ދުވަހު އަޑުއެހުންތައް ފެށުމަށެވެ.

މިއަދުގެ އަޑު އެހުން ނިމުމުގެ ކުރިން ރައީސް ޔާމީން ވަނީ ޝަރީއަތް ލައިވް ކުރުމަށް އަނެއްކާވެސް އެދިވަޑައިގެންފައެވެ. ޤާޒީ ޝަކީލް ވިދާޅުވީ ކުރިންވެސް ނިންމަވާފައިވާ ގޮތަށް މިމައްސަލާގައި ޝަރީއަތުގެ މަރުހަލާގެ އަޑުހުންތަކުން ފެށިގެން ލައިވް ކުރެވިގެންދާނެކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ