ސާއްބަ އެކުވެރި ކުލަބުގެ ފުރަތަމަ ވެޓްރަންސް ފުޓްސަލް މުބާރާތް ފަށައިފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފުރަތަމަ ވެޓްރަންސް ފުޓްސަލް މުބާރާތް ފަށައިފިއެވެ. މިއީ މިފަދަ މުބާރަތެއް ހަނިމާދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރަތް ފަށާފައިވަނީ އިއްޔެ ހަވީރު ހަނިމާދޫ ރަސްމީ ދަނޑުގައި 4 ޓީމާއެކުއެވެ. އެ 4 ޓީމަކީ ތާޓީ ޕްލަސް، ނައިރު ކަންމަތި، ރޫހް އަދި އޯލްޑް ސްޓާއެވެ.

އިޝްތިހާރު
އިޝްތިހާރު

މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިއްޔެ ވަނީ މުބާރާތުގެ ދެމެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ އޯލްޑް ސްޓާއާއި ނައިރު ކަންމައްޗެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ނައިރު ކަންމައްޗެވެ. ނައިރު ކަންމައްޗައް ލަނޑު ޖަހައިދިނީ އަހުމަދު އަބްދުﷲ އަދި އިބްރާހިމް އަލީ އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނައިރު ކަންމަތި އަމްޖަދު ޖައުފަރު އެވެ.

ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ ތާޓީ ޕްލަސްއާއި ރޫހް ޓީމެވެ. މި މެޗު 10-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ތާޓީ ޕްލަސްއެވެ. ރޫހްގެ 2 ލަނޑު ކާމިޔާބު ކޮށްދިނީ ސޮބާހް ހުސެއިން އެވެ. ތާޓީ ޕްލަސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު އަޝްރަފް ،އަލީ އިބްރާހިމް، އާދަމް އިބްރާހިމް، ހަސަން ޒިކްސާދު، އަލީ ރަޝީދު، ޖާދުއްލާ އަލީ އެވެ. އާދަމް އިބްރަހީމް 4 ލަނޑު ކާމިޔާބު ކޮށްދިން އިރު އަލީ ރަޝީދު ވަނީ 2 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތާޓީ ޕްލަސް އާދަމް އިބްރާހިމް އެވެ.

މި މުބާރާތުގެ ދެ މެޗު މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނައިރު ކަންމައްޗާއި ތާޓީ ޕްލަސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އޯލްޑް ސްޓާއާއި ރޫހް ޓީމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ