އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 މީހުން މަރުވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މި ހާދިސާއާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްއެންޑީއެފްގެ ކާނަލް ވިދާޅުވީ، މި ޙާދިސާއަކީ މިހާތަނަށް ދިމާވި މިފަދަ އެންމެ ބޮޑު އެއް ޙާދިސާކަމަށެވެ. އޭނާ ވިދާޅުވީ، ބަންގްލަދޭޝް، ލަންކާ އަދި އިންޑިއާގެ ރައްޔިތުން އެތަނުގައި އުޅެމުން ދިޔަ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ޙާދިސާގައި 10 މީހަކު މަރުވެފައިވާއިރު، އެކެއްގެ ޙާލު ސީރިއަސްކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާތަނަށް ފެނިފައިވާ ހަށިތަކުގެ ތެރެއިން ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ތަނުގައި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ހުރި ކަމަށާއި، އެކަމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. ބިދޭސީން ނިދާ ކޮންމެ އެނދެއް ކައިރީގައި ކައްކާ ގޭސް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޙާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ސާފުވާނީ ފުރިހަމަ ތަހުގީގަކަށްފަހުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ހާދިސާއާ ގުޅޭގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މިކަމާ ގުޅޭ ތަހުގީގު މިހާރު ފުލުހުން ފަށާފައިވާ ކަމަށާއި، މިހާރު ސީން ޕްރޮސެސްކޮށް، ނިޔާވި މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަލާމަތް ކުރެވުނު މީހުންނަށް ދޭން ޖެހޭ އެހީތެރިކަން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ މެދުވެރިކޮށް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝުޖާއު ވަނީ މި ޙާދިސާއާ ގުޅޭ ވީޑިއޯތައް ކަމަށް ބުނެ، އެކި އެކި ސްކޭމްތައް ފޮނުވަމުންދާކަން ބަޔާން ކުރައްވައި އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

މި ނޫސް ބްރީފިންގައި އެންޑީއެމްއޭގެ ޗީފް ހިސާން ވިދާޅުވީ، މާފަންނު ސްޓޭޑިއަމްގައި ހުރި އިވެކުއޭޝަން ސެންޓަރު ހުސްކޮށް އެތަނަށް މީހުން ގެންދިއުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ބެކަޕެއްގެ ގޮތުން ޖަމާލުއްދީން ސްކޫލު ވެސް ތައްޔާރު ކޮށްފައިވާ ކަމަށާއި، މިހާތަނަށް 28 ބިދޭސީއަކު އިވެކުއޭޝަން ސެންޓަރަށް ގެންދެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކާއި މިހާރު އެމީހުންގެ ވަޒީފާ އަދާ ކުރާ ތަންތަނުން އައިސް ޙަވާލުވެފައިވާކަން ވެސް ހިސާން ފާހަގަ ކުރެއްވިއެވެ.

ހިސާން ވިދާޅުވީ، އެމީހުންނަށް ދޭންޖެހޭ ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދެމުންދާ ކަމަށާއި، ސައިޓް ކްލިއަރ ކުރެވޭ މިންވަރަކުން އާއިލާތައް އެތަންތަނަށް ބަދަލު ކުރުމުގެ ކަންކަން ކުރަމުންދާކަމަށެވެ.

އެ ތަނަކީ ހަނި ސިޑިއަކުން އަރަންޖެހޭ ތަނަކަށްވާއިރު، އެކަމުގެ ސަބަބުންވެސް ފަޔަރ ފައިޓަރުންނަށް ގޮންޖެހުންތައް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ