ލައިލަތުލް ޤަދްރި ހޯދުމަށް ގަދައަޅައި މަސައްކަތްކުރަމާ!

ފަހުގެ ދީން

الحمد لله رب العالمين والصلاة والسلام على سيدنا محمد وعلى آله وصحبه أجمعين

ރަމަޟާންމަހަށް ލިބިފައިވާ ޚާއްޞަކަންތައްތަކުގެ ތެރޭގައި އެމަހުގައި لَيْلَةِ الْقَدْرِ ގެ ނަމުން ނަންދެވިފައިވާ ރެއެއް ލެއްވުން ހިމެނެއެވެ. އެރެއަކީ މާތް ﷲ އެތައް ގޮތަކުން މަތިވެރި ކުރައްވާފައިވާ ރެއެކެވެ. لَيْلَةِ الْقَدْرِ ގެ ނަމުން އެރެއަށް ނަންދެވިފައި ވަނީވެސް އެރޭގެ މަތިވެރި ކަމަށްޓަކައެވެ. އެރެއާއި ބެހޭގޮތުން އެންމެ ފުރަތަމަ ބާވައިލެއްވުނީ ސޫރަތުލް ޤަދްރިއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ * وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ * لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ * تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ * سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ [سورة القدر: 1 – 5] މާނަ: “ހަމަކަށަވަރުން ތިމަން ﷲ (ޤުރްއާން) ބާވައިލެއްވީ لَيْلَةِ الْقَدْرِ ވިލޭރޭގައެވެ. لَيْلَةِ الْقَدْرِ ވިލޭރެއަކީ ކޮބައިކަން ކަލޭގެފާނަށް އެނގިވަޑައި ގަންނަވާތޯއެވެ. لَيْلَةِ الْقَدْرِ ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ އެރޭގެ ހެޔޮކަން ބޮޑުރެއެކެވެ. އެރޭ ޖިބްރީލްގެފާނާއި މަލާއިކަތުން އެބައިމީހުން ހައްދަވާ ބޮޑުކުރެއްވި ކަލާނގެ އިޛުނައާއެކު ހުރިހާ ކަމަކާއިގެން ފައިބައިވަޑައި ގަންނަވާނެއެވެ. ފަޖުރު ވެއްޖައުމަށް ދާންދެން އެރެއަކީ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.”

އިޝްތިހާރު
އިޝްތިހާރު

ސޫރަތުލް ދުޚާންގެ ފުރަތަމަ އާޔަތްތަކުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. حم * وَالْكِتَابِ الْمُبِينِ * إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ * فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ * أَمْرًا مِّنْ عِندِنَا إِنَّا كُنَّا مُرْسِلِينَ * رَحْمَةً مِّن رَّبِّكَ إِنَّهُ هُوَ السَّمِيعُ الْعَلِيمُ [ سورة الدخان: 1 – 6] މާނަ: “حم ބަޔާންވެގެންވާ ފޮތް ގަންދެއްވަމެވެ. ތިމަން ﷲ އެފޮތް ބާވައިލެއްވީ ބަރަކާތްތެރި ވެގެންވާ ރެއެއްގައެވެ. ތިމަން ﷲ (އެފޮތް މެދުވެރި ކުރައްވައި) އިންޒާރު ކުރެއްވީމެވެ. އެރޭ ޙިކުމަތްތެރިކަން ލިބިފައިވާ ހުރިހާކަމެއް ވަކިވެ ބަޔާންވެދެއެވެ. އެއީ ތިމަން ﷲ ގެ އަމުރުފުޅުގެ މަތިންނެވެ. އަދި ހަމަކަށަވަރުން ތިމަން ﷲ ރަސޫލުން ފޮނުއްވީމެވެ. އެއީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ރަޙުމަތްފުޅެއްގެ ގޮތުގައެވެ. ހަމަކަށަވަރުން އެކަލާނގެއީ އައްސަވާ ވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.”

لَيْلَةِ الْقَدْرِ ވިލޭރޭގެ ހެޔޮކަން، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. الْقَدْرِ ސޫރަތުން މިކަން ސާފުކޮށް އެނގެއެވެ. އެރޭ މާތް ﷲ ހަނދުމަކޮށް އެކަލާނގެއަށް އަޅުކަންކޮށް ހެޔޮޢަމަލުތައް ކޮށްފިނަމަ އެނޫން އެއްހާސް މައްސަރުގެ އެފަދަ ހެޔޮޢަމަލެއް ކުރުމަށްވުރެ ހެޔޮކަން ބޮޑެވެ. މަހެއްގައިވަނީ ގާތްގަނޑަކަށް 30 ދުވަހެވެ. އެހެންކަމުން لَيْلَةِ الْقَدْرِ ގައި ކުރާހެޔޮކަން ބޮޑުވާނެކަން ޔަޤީނެވެ. އެއްހާސް މައްސަރަކީ 83 އަހަރާއި 4 މަސްދުވަހެވެ. މިއީ މިއުއްމަތުގެ މަދު މީހަކު ނޫނީ އެހިސާބަށްފޯރާ އުމުރެއް ނޫނެވެ. އެހެންކަމުން މިފަދަ ރެއެއްގެ ހެޔޮކަމުން މަޙުރޫމުވާނީ ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފަދައިން ހުރިހާ ހެޔޮކަމަކުން މަޙްރޫމް ވެފައިވާ މީހެކެވެ.

لَيْلَةِ الْقَدْرِ ވިލޭރޭ އަހަރެމެންކުރާ ހެޔޮކަމުގެ ޘަވާބު އިތުރު ކޮށްފައިވުމުން އެކަމާއި އަހަރެމެން ހައިރާންވާކަށް ނުޖެހެއެވެ. އަޅުގަނޑުމެންގެ ދުނިޔޭގައި ގެންގުޅޭ އަމިއްލަ މިންގަނޑުތަކަށް ބަލާއިރުވެސް މިއީ އަޖާއިބުވާން ޖެހޭކަމެއްނޫނެވެ. މާތް ﷲ ބައެއް ތަންތަނާއި ބައެއް ވަގުތުތައް މާތްކުރައްވާ މަތިވެރި ކުރައްވާފައިވެއެވެ. މައްކާގެ ޙަރަމްފުޅުގައި ކުރެވޭ ކޮންމެ ނަމާދަކީ އެޙަރަމްފުޅުން ބޭރުގައި އެހެން ތަނެއްގައި ކުރެވޭ އެއްލައްކަ ނަމާދާ އެއްފަދަ ކަމެކެވެ. މަދީނާގެ އަލްމަސްޖިދިލް ނަބަވީގައި ކުރެވޭ ނަމާދަކީ އެނޫން ތަނެއްގައި ކުރެވޭ އެއްހާސް ނަމާދާ ޘަވާބުގެ ގޮތުން އެއްވަރު ކަމެކެވެ. ހަމައެފަދައިން ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރުދުވަސް މާތް ކުރައްވައި، އެދުވަހުގައި ދުޢާ ޢިޖާބަކުރައްވާ ވަގުތު ކޮޅެއްވެއެވެ. ހަމައެހެންމެ ޖަމާޢަތުގެ ނަމާދަކީ އެކަހެރިކޮށް ކުރާ ނަމާދަށްވުރެ 27 ދަރަޖަ އިތުރުވެގެންވާ ނަމާދެކެވެ. އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމުންކަމަށް ދަޢުވާކުރާ މުސްލިމުންނަށްއޮތީ އަޅުގަނޑުމެން މިހާރު މިވޭތު ކުރަމުންދާ ބަރަކާތްތެރި ރަމަޟާންމަހުގެ ފަހުދިހައިގައި لَيْلَةِ الْقَدْرِ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އަޅުކަމުގައި ހީވާގިވުމެވެ. ކުރެވިފައިވާ ކުށްފާފަތަކުން ޠާހިރުކޮށް ދެއްވުމަށްއެދި ހުސްޠާހިރުވަންތަ ﷲ ގެ ޙަޟްރަތަށް ދެންނެވުމެވެ. އެރެއާއި ބައްދަލު ވެއްޖެނަމަ ގިނަގިނައިން ޤުރްއާން ކިޔަަވައި، ދުޢާކުރުން ހުއްޓެވެ. އަދި އުފާވެރި މޫނަކާއިގެން ތިމާގެ މުސްލިމު އަޚާއާއި މުޚާޠަބުކޮށް އުޅުމެވެ. ލިބިފައިވާ މިންވަރުން އެހެންމީހުންގެ ހާޖަތްތައްވެސް ފުއްދައި ދިނުމެވެ. ހަމައެފަދައިން އެރޭގެ އަޅުކަމުގައި ތިމާ މަޝްޣޫލުވާއިރު ތިމާގެ ޢާއިލާގެ މީހުންނަށްވެސް އެކަމަށް ދަޢުވަތު ދިނުމެވެ. ކީރިތި ރަސޫލާގެ ސުންނަަތަށް ތަބާވާކަމަށް ވާނީ އޭރުންނެވެ.

ގިނަގިނައިން ތިރީގައި އެވާ ދުޢާ ކުރުން މުހިންމު.
اللَّهُمَّ إِنَّكَ عُفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ