މަސްއޫލިއްޔަތާ ހަވާލުވާތާ 30 ދުވަހު ތެރޭ އުފައްދަންޖެހޭ “ކައުންސިލަށް ލަފާދޭ ކޮމެޓީ” އަށް ހަނިމާދޫ ކައުންސިލުން ފުރުސަތު ހުޅުވާލައިފި

ހަނިމާދޫ ރިޕޯޓް ފަހުގެ

މަސްއޫލިއްޔަތާ ހަވާލުވާތާ 30 ދުވަހު ތެރޭ އުފައްދަންޖެހޭ ” ކައުންސިލަށް ލަފާދޭ ކޮމެޓީ” އަށް ހަނިމާދޫ ކައުންސިލުން ފުރުސަތު ހުޅުވާލައިފިއެވެ.

އެކައުންސިލުން މިއަދު ކުރި އިއުލާނެންގައި ބުނެފައިވަނީ ޤާނޫނު ނަންބަރު: 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން އުފެދިފައިވާ ރަށު ކައުންސިލަށް ލަފާދޭ ކޮމެޓީއެއް އޮންނަންވާނެކަމަށް އެޤާނޫނުގައި ބުނެފައިވާތީ، ހަނިމާދޫ ކައުންސިލަށް ލަފާދޭނެ ކޮމެޓީއެއް އެކުލަވާލުމަށް ބޭނުންވާތީ މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން އެބޭފުޅެއްގެ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި، އައިޑީކާޑުގެ ކޮޕީ އަދި ވަނަވަރު އެނގޭނެ ލިޔުމަކާއިއެކު އެ ކައުންސިލަށް ހުށަހެޅުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކައުންސިލަށް ލަފާދޭ ކޮމެޓީ އުފަންދަން ޖެހޭކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބުނަނީ ކައުންސިލްތައް އިންތިހާބުވެ 30 ދުވަސް ތެރޭގައެވެ. އަދި އެ އޮތޯރިޓީން ވަނީ “ކައުންސިލަށް ލަފާދޭ ކޮމެޓީ” އެކުލަވާލަން ޖެހޭ ގޮތްވެސް ވަރަށް ސާފުކޮށް ބުނެދީފައެވެ.

މިހެން ލިޔުން ހުށައަޅަން އިއުލާން ކޮށްގެން އެ ކޮމެޓީ ނެގިދާނެހެއްޔެވެ؟ ނުވަތަ އެ ކޮމެޓީ އެކުލަވާލަން ކައުންސިލުގެ ބެލެނިވެރި ފަރާތުން ކަންތައްކުރަން ބުނެފައިވަނީ މިހެން ހެއްޔެވެ؟

ނޫނެކެވެ. ކޮމެޓީގައި ހިމެނޭނެ މެންބަރުން 7 ދާއިރާއަކަށް ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ކަނޑައަޅާފައެވެ. އަދި އެ މެންބަރުން ނެގުމުގައި އަމަލު ކުރަންވީ ގޮތްވެސް ވަނީ ކަނޑައަޅާފައެވެ. އެއީ

  1. ކައުންސިލަރުން
  2. ރަށުގައި ހުރި ސަރުކާރުގެ ސްކޫލް، މަދަރުސާތަކުގެ ތެރެއިން އެންމެ ދަރިވަރުން ގިނަ ސްކޫލެއްގެ ނުވަތަ މަދަރުސާއެއްގެ މުވައްޒަފުންގެ ތެރެއިން އެ ސްކޫލަކުން ނުވަތަ މަދަރުސާއަކުން ކަނޑައަޅާ އިސްމުވައްޒަފެއް
  3. ރަސުގައި ސަރުކާރުން ހިންގާ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒު ނުވަތަ ހެލްތު ޕޯސްޓުގެ މުވައްޒަފުންގެ ތެރެއިން އެ މުއައްސަސާއިން ކަނޑައަޅާ އިސްމުވައްޒަފެއް
  4. ފުލުހުންގެ ހިދުމަތް ގާއިމްވެފައިވާ ރަށްރަށުގައި، އެ މުއައްސަސާއިން ކަނޑައަޅާ ފުލުހެއް އަދި އެނޫން ރަށްރަށުގައި، ލަފާދޭ ކޮމެޓީގެ މެންބަރުކަމަށް ހުޅުވާލުމުން ސައުގުވެރިކަން ފާޅުކުރާ، ރަށުގައި ދިރިއުޅޭ އާންމުންގެ ތެރެއިން ކައުންސިލުން އައްޔަންކުރާ މެންބަރެއް
  5. އަންހެނުން ތަރަގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބުވެފައިވާ ރަށްރަށުގައި އެ ކޮމެޓީގެ ރައީސާ އަދި އެނޫން ރަށްރަށުގައި ލަފާދޭ ކޮމެޓީގެ މެންބަރުކަމަށް ހުޅުވާލުމުން ސައުގުވެރިކަން ފާޅުކުރާ، ރަށުގައި ދިރިއުޅޭ އަންހެނުންގެ ތެރެއިން ކައުންސިލުން އައްޔަންކުރާ މެންބަރެއް
  6. ރަށުގައި ގާއިމުވެފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން، ލަފާދޭ ކޮމިޓީގެ މެންބަރުކަމަށް ހުޅުވާލުމުން ސައުގުވެރިކަން ފާޅުކުރާ، ޖަމިއްޔާތަކުގެ މެންބަރުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ މެންބަރެއް
  7. ޔުޓިލިޓީ ހިދުމަތް ދިނުމަށް ރަށުގައި ގާއިމްވެފައިވާ ސަރުކާރު މުއައްސަސާގެ މުވަޒަފުންގެ ތެރެއިން އެ މުއައްސަސާއިން ކަނޑައަޅާ މެންބަރެއް

ދެން އަނެއްކާވެސް ކައުންސިލުން ކުރި އިއުލާނުގައިވާ އެއްޗަށް ވިސްނާލާށެވެ. އޭގައިވަނީ ކައުންސިލަށް ލަފާދޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން އެބޭފުޅެއްގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، އައިޑީކާޑުގެ ކޮޕީ އަދި ވަނަވަރު އެނގޭނެ ލިޔުމަކާއިއެކު އެ ކައުންސިލަށް ހުށަހެޅުމަށެވެ.

މަތީގައިވާ ހަމަތަކަށް ބަލައިފި ނަމަ އެ ކޮމެޓީއަށް ކުރިމަތިލުމަށް ހަމަ އެކަނި ފުރުސަތެއް މިއޮތީ ރަށުގައި ގާއިމުވެފައިވާ ޖަމިއްޔާތަކުގެ ތެރެއިން، ލަފާދޭ ކޮމިޓީގެ މެންބަރުކަމަށް ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކުރާ، ޖަމިއްޔާތަކުގެ މެންބަރުންގެ ތެރެއިން މެންބަރުންނަށެވެ.

ޖަމިއްޔާގެ މެންބަރެއްކަން އެނގޭނެ ލިޔުން ހުށަހަޅަން ޖެހޭނެކަމަކަށް އިއުލާނުގައި ނެތެވެ. އެހެންކަމުން އެއީ ޖަމިއްޔާތަކުގެ މެންބަރުންނަށް ހުޅުވާލި ފުރުސަތެކޭ ބުނެވޭނެ ޖާގައެއް ނެތެވެ.

މިހެން މިކަން އޮތްއިރު ހަނިމާދޫ ކައުންސިލުން އެދުނަސް ތައުލީމީ ފެންވާރާއި ވަނަވަރު ހުށައަޅައިގެން އެ ކޮމެޓީއަށް ކުރިމަތި ލެވިދާނެ ހެއްޔެވެ؟

ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކައުންސިލުގެ މެންބަރުންގެ އާއިލީ ގުޅުން އޮންނަ މީހަކުވެސް ނުލެވޭނެއެވެ. އެއީ ކައުންސިލަރުންގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިން، އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ބޭބެ/ދައްތަ/ކޮއްކޮއެވެ.

ކައުންސިލަށް ލަފާދޭ ކޮމެޓީ ޒިންމާތަކަކީ ކޮބާ؟

މި ކޮމެޓީގެ މައިގަނޑު އެއް ކަމަކީ ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާ ހަވާލުވެ ހުރި މެންބަރަކު އެ ކޮމެޓީގެ ލަފައަކަށް އެދުމުން ލަފާ އެރުވުމެވެ.

ނަމަވެސް ބައެއް ކަންތައް ކުރުމުގެ ކުރިން މި ކޮމެޓީގެ ލަފާ ހޯދަން ކައުންސިލުގެ މައްޗަށް ވަނީ މަތިކޮށްފައެވެ. އެއީ

  • ކައުންސިލްގެ ޕްލޭންތައް ފާސްކުރުމާއި، މުރާޖައާކުރުން
  • ކައުންސިލްގެ ބަޖެޓު އެކުލަވާލުމާއި، މުރާޖައާއުކުރުމާއި، ބަޖެޓު ފާސްކުރުން
  • އަހަރީ މަސައްކަތު ތާވަލް ފާސްކުރުން
  • ކައުންސިލްގެ ބިންތަކާއި، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ ބިމާއި މުދަލުގެ މުއާމަލާތްތައް ކުރުން
  • ކައުންސިލުން ހިންގާ މަސްރޫއުތައް ކަނޑައަޅައި އެކުލަވާލުން
  • ކައުންސިލުގެ ނަމުގައި ލޯނު ނެގުމާއި ކައުންސިލްގެ ފަރާތުން ލޯނު ދިނުން، ނުވަތަ ފައިސާގެ އެހީ ދިނުން
  • 50،000 ރުފިޔާ އަށްވުރެ ބޮޑު އިންވެސްޓްމެންޓެއްކުރުން
  • ކައުންސިލްގެ ފަރާތުން އެކިއެކި މުނާސަބާތައް ފަހަގަކުރުން

މިފަދަ ބޮޑެތި ޒިންމާތައް އުފުލަން ޖެހޭ ކޮމެޓީއެއް ނުއުފައްދާ 2 އަހަރު މި ހޭދަ ކޮށްލީ ކޮން ހަމަޔަކުން ބާއެވެ؟ ކައުންސިލުގައި މި ކޮމެޓީ ހަދަން ޖެހޭކަން އެނގޭވަރު ވެރިއެއް ނެތީ ހެއްޔެވެ؟ ނުވަތަ ސަރުކާރު މެންބަރުން ކޮންޓުރޯލް ކުރާ ކައުންސިލެއް ވީމާ ލާޒިމްކުރާ ކަންކަން ކުރަން ނުޖެހެނީ ބާއެވެ؟

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ