ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ބުއްދިވެރި ގޮތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނު ވެސް ކުރިމަތިނުލެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
“ދަ ޑިމޮކްރެޓްސް” ނަމުގައި ޕާޓީއެއް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވި ގޮތުގައި ފެންނަ އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނާއި ޔާމީން އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ނުނުކުތުމެވެ.
އޭގެ ބަދަލުގައި ދެ ބޭފުޅުން އެކުގައި މަސައްކަތްކޮށް ރައްޔިތުން އެދޭ ހެޔޮ ގޮތެއް ހޯދައިދޭންވީ ކަމަށެވެ.
“އަޅުގަނޑަށް ފެންނަ ފެނުމުގައި މި ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ދެމީހުންވެސް ކުރިމަތިނުލާ އަޅުގަނޑުމެން ދެމީހުން އެކުގައި ބާރަށް މަސައްކަތްކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭ ގޮތް އަޅުގަނޑުމެން ހޯދައިދޭންވީ،” ނަޝީދު ވިދާޅުވިއެވެ.
މި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި އެހެން ވެސް އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެއިތުރުން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެމްއާރްއެމްގެ ނައިބު ރައީސް ނާދިރާ ހަސަން އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާޒު ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ