ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އާމިނަތު ޢައްބާސް އަވަހާރަވެއްޖެ

ޚަބަރު މީހުން ފަހުގެ

ދިވެހި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އާމިނަތު ޢައްބާސް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 69 އަހަރުފުޅެވެ.

އާމިނަތު ޢައްބާސް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޭޕްރީލް 1954 ވަނަ އަހަރު މާލޭގައެވެ. ތަޢުލީމް ޙާސިލްކުރެއްވީ މޮރޭހައުސް ކޮލެޖު އޮފް އެޑިއުކޭޝަން-އެޑިމްބަރާއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެކަމާ ސަރުކާރަށް ޚިދުމަތްކުރައްވަން ފެއްޓެވީ 1 ފެބުރުއަރީ 1975ގައެވެ. އެކަމަނާ އަދާކުރެއްވި ވަޒީފާގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއަރޒްގެ ރިސާރޗް އޮފިސަރުކަމުގެ މަޤާމު ހިމެނެއެވެ.

އާމިނަތު ޢައްބާސް ވަނީ ދިވެހި އަދަބިއްޔާތަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އާމިނަތު ޢައްބާސްއަކީ، ޅެން ހެއްދެވުމަށް ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. ޅެންހެއްދެވުމުގެ އިތުރަށް ޅެންވެރިކަން ދަސްކޮށްދެއްވުމަށް ވެސް ގިނަ މަސައްކަތްތައް ކުރެއްވިއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒުން ހިންގަވަމުން ގެންދަވާ ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ 5 ކޯހަކާއި، ދިވެހި ނާދީއާއި، ދިވެހިނާދީގެ އަތޮޅުގޮފިތަކާ ގުޅިގެން އަތޮޅުތަކުގަޔާއި މާލޭގައި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ އެތައް ކޯހެއް ވިލަރެސްކުރައްވައި މަޢުލޫމާތު ދެއްވައިފައިވެއެވެ. އަދި ޅެންހެދުމުގެ ބައެއް މުބާރާތްތަކާއި، ލަވަ މުބަރާތްތަކާއި، ފިލްމު ފެސްޓިވަލުގެ ޅެމާއި ލަވައިގެ ފެންވަރު ބެއްލެވުމާއި، އިންޞާފު ކޮށްދެއްވުމުގެ މަސައްކަތްވެސް ކޮށްދެއްވައިފައިވެއެވެ.

އާމިނަތު ޢައްބާސްއަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން 9 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި، ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން 1 ވަނަ ލިބިވަޑައިގެންފައިވުމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވެވި ދީނީ ޅެންހެދުމުގެ މުބާރާތުން 1 ވަނަ ލިބިވަޑައިގެންފައިވުމާއި، ޤައުމީ ޅެންހެދުމުގެ މުބާރާތްތަކުން މަތީ ވަނަތައް ހާސިލުކުރެއްވުން ހިމެނެއެވެ.

އާމިނަތު ޢައްބާސް ވަނީ އަމިއްލަ ރިޕޯޓަރެއްގެ ގޮތުން ނޫސްވެރިކަމުގެ ދާއިރާގައިވެސް ޙަރަކާތްތެރިވެވަޑައިގެންފައެވެ.

އާމިނަތު ޢައްބާސް ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި ކުޑަކުދީންގެ ޅެންފޮތް، ޔޫސުފް މުޙައްމަދުފުޅުގެ ޅެންތައް، ބަރާބަރު ބާރަ 1، ނޭވަޔަށް އުނދަގޫކުރުމުގެ ބައްޔަށް ލުއިކަމެއްފަދަ ފޮތްތައް ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ