ޖަޕާނު ސަރުކާރުން ހަދިޔާކުރި 8 އެމްބިއުލާންސް ހަވާލުކޮށްފި

ޚަބަރު ފަހުގެ

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި 8 އެމްބިއުލާންސް، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހއ. ހޯރަފުށި ހެލްތު ސެންޓަރ، ހއ. ކެލާ ހެލްތު ސެންޓަރ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސްޕިޓަލް، އައްޑޫ އިކެއެޓޯރިއަލް ހޮސްޕިޓަލް، މިއިން ކޮންމެ ރަށަކަށް 1 އެމްބިއުލާންސް އަދި ހުޅުމާލޭގައި ޤާއިމުކުރެވިފައިވާ ނެޝަނަލް އެމްއެމްބިއުލާންސް ސަރވިސަސްއަށް 2 އެމްބިއުލާންސް ޙަވާލުކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޙަވާލު ކުރެވުނު އެމްބިއުލާންސްތަކާއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަޖެންސީ އަދި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ހަވާލުކުރެވުނު އެމްބިއުލާންސްތަކަކީ “ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)” ގެ ދަށުން ހަދިޔާކުރެވުނު އެމްބިއުލާންސްތަކެކެވެ.

މި އެމްބިއުލާންސްތަކަކީ، 8 ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކާއެކު ހަދިޔާކުރެވުނު އެމްބިއުލާންސްތަކެކެވެ. މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭ.އެލް.އެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެއެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ޙަވާލްކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ ސަފީރު ހަރ އެކްސެލެންސީ މިސް ތަކެއުޗި މިދޯރީއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމެވެ. ހެލްތު ފެސިލިޓީ ތަކުން އެމްބިއުލާންސްތަކާއި ޙަވާލުވެ ވަޑައިގެންނެވީ އެ ފެސިލިޓީއެއްގެ މެނޭޖަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ