( 24 ޖޫން 2020 އާ ގުޅޭ )
ގޭތެރެއަށް ވަންނަން ދިމާކޮށްލުމާއެކު ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ބޮޑުދައިތަ ޝަރީފާގެ ބާރު އަޑެވެ.
ގޭތެރެއަށްވެސް ނުވަދެ ހުރި ފިޔަވަޅުމަތީގައި ނީޝާއަށް މަޑުކޮށްލެވުނެވެ. ޝަރީފާ ބާރުބާރަށް އެހާ ރުޅިވެރިކަމާއެކު ހަޅޭއްލަވަމުން އެދަނީ ކީއްވެގެންތޯ އެނގެން ނީޝާ ބޭނުންވިއެވެ. އެއަޑުގައިވާ ރުޅިވެރިކަން ނީޝާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. ބޮޑުދައިތަ ރުޅިއައިސްގެން އެއުޅެނީ އޭނާގެ ކަމަކާހެން ހީވަނީއެވެ. ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ނީޝާ ފެނުމުން ޝަރީފާގެ ބާރު އަޑު އިހުނަށްވުރެވެސް ގަދަވިއެވެ.
“ކަލޭ މިގެއަށް އައި ފަހުން މަގޭ މުޅި ދިރިއުޅުން ނަރަކައަކަށް ހަދާލައިފި، އަތުން ފައިން ކަމެއް ނުކުރާ ތާނގައި މީނާ ލާރިއެއްވެސް މަށަށް ދިއްކޮށްލާ ނަމަ ރަނގަޅެއްނު، ކާން އިތުރުވީ އަނގައެއްކަން އެކަނި، ވާ ފަސޭހައެއް ހަރާމް، މާ ފުދިގެންތަ އަހަރެމެން މިއުޅެނީ އައިސް މަގޭ ތައްޕާހަށް ނޫނީ ވަންނާކަށް ނޭނގުނު. ނީޝާ އަށްވެސް ދެން މިގޭގަ ހުރެވޭނި ލާރިދީގެން، އަޑުއިވިއްޖެތަ؟” ޝަރީފާގެ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނުވެއެވެ. އެކަނިވެ ހާލުގައި ޖެހިފައިވާ ނިކަމެތި ކުއްޖަކާއި ދިމާލަށް އެހާ އިހާނެތި ބަސްތަކެއް ރައްދުކުރަން ކެރޭނީ ހަމަގައިމުވެސް ހިތުގައި އޯގާތެރިކަމާއި ކުލުނުގެ ޒައްރެއްގެ މިންވަރުވެސް ނެތީމަކަން ކަށަވަރެވެ. އިސްދަށަށް ޖަހައިގެން ނީޝާ ހުރިއިރު އޭނާގެ ފުށުން މަޑު ގިސްލުމެއްގެ އަޑު އިވިއިވި ހުއްޓެވެ. ކިރިޔާވެސް ގޮތެއް އޮތްނަމަ އޭނާ މިދުނިޔެއިން އެއްވެސް މީހަކަށް އޭނާގެ ބުރަ އުފުލާކަށް ނުޖެއްސީހެވެ. ނީޝާގެ ހިތުގައި ބޮޑުދައިތަގެ ރަހުމުކުޑަ ބަސްތައް ވަކި ހިއްޕާލާފައިވެއެވެ. ނީޝާއަށް ވީވަރަކުން ގޭތެރޭގެ ހުރިހާ ކަމެއްގައިވެސް ޝަރީފާއަށް އަތްގާތްކޮށްދީ ހަދައެވެ. ވަޒީފާއެއް ހޯދުމަށްވެސް އޭނާ ދެތިން ތަނަކަށް ސިޓީލައިފިއެވެ. އަދި ޖަވާބެއް ނުލިބެނީއެވެ. އޭނާ ދެކެ ބޮޑުދައިތަ އެހާ ރުޅިއަންނަން ވީ ސަބަބެއް ނީޝާއަކަށް ނުވިސްނެއެވެ.
“ބޮޑުދައިތާ، އަހަރެން ވަރަށް އެބަ މަސައްކަތްކުރަން ވަޒީފާއެއް ލިބޭތޯ، އަހަރެންނަށް މިއަދު ބޮޑުދައިތަގެ އެހީ ވަރަށް ބޮޑަށް ބޭނުން، އަހަރެން ބޮޑުދައިތަ ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ނުކުރާނަން، އަހަރެންނަށް ކޮށްދެވުނު ކޮންމެ ކަމެއްވެސް ކޮށްދޭނަން، މަންމަ ހުރިނަމަ ބޮޑުދައިތައަށް އަހަރެންގެ ބުރަ އުފުލާކަށް ނުޖެހުނީސް” ގިސްލެވި ކުރަކިވެފައިވާ އަޑަކުން ނީޝާ ބުނެލިއެވެ.
“ހޫނނ ކަލޭ ދެން މާ މާތްވާން އުޅޭނެކަމެއް ނެތް، ކަލޭ މަންމަ ދުނިޔޭގަ ހުރިއިރު ކަލެއަށް ވަރަށް މޮޅުތަކެއްވިތަ؟ މިހާރު ތިވާވަރުވެސް ނުވާނެ، ހުއް، ކޮންމެ ތާކުން ހޯދައިން ވިޔަސް މަށަށް ވަރިހަމަ، މަސްނިމޭ އިރަށް މަށަށް މަދުވެގެން އެއްހާސް ރުފިޔާ ދޭންޖެހޭނެ. ކަލޭގެ މަންމަވެސް ކޮންމެވެސް ވަރެއް ރައްކާކޮށްފަ ހުންނާނެދޯ” މަލާމާތުގެ ރާގަކަށް ޝަރީފާ ބުނެލިއެވެ. ޝަރީފާގެ ވިހަގަދަ ބެލުން ނީޝާއަށް އަމާޒުވެފައި ހުރުމުން އިސްއުފުލާ ޝަރީފާގެ މޫނަށް ބަލާލަންވެސް ނުކެރިފައި ނީޝާ ހުރީއެވެ. ނަމަވެސް ނީޝާގެ ހިތުގައި އޭނާގެ ބޮޑުދައިތައަށް ގަސްތަކާއި ނުލާވެސް ނަފުރަތު އުފެދިގެން ހިނގައްޖެއެވެ. ނީޝާގެ މަރުވެފައިވާ މަންމަ އާއި ބެހޭގޮތުން އެހާ އަދަބުކުޑަކޮށް ވާހަކަދެއްކުމުން ނީޝާ ހުރީ ނުހަނު ހިތްހަމަނުޖެހިފައެވެ. ކިތަންމެ ނިކަމެތި ހާލެއްގައި މަންމަ އޭނާ ގެންގުޅުނުކަމުގައިވިޔަސް އެދެމައިން އުޅެމުން އައީ ނުހަނު ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. މަންމަގެ ލޯބި އެންމެ ތަންފުކެއްވެސް އުނިނުވެ ނީޝާއަށް ލިބުނެވެ. ޝަރީފާ ފާޑަކަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ގޮސް ކޮޓަރިއަށް ވަނުމުން ރޮވިފައި ހުރެ ނީޝާއަށް ނިކުމެވުނީ ގެއިން ބޭރަށެވެ. ގޭގެ ވަށައިގެން ރާނާފައިވާ ތިރި ފާރުބުރި މަތީގައި އިށީންދެލައިގެން އިނދެ މޫނުމަތީގައި އަތްއެޅުމާއެކު ނީޝާއަށް އަޑުވީއްލާ ރޮވެން ފެށުނެވެ.
ހުރާގެ ފާލަމަށް ކައިރިކުރި ލޯންޗުން ޒަޔާން އާއި ޝާމިން ފޭބިއެވެ. ކޮންމެ މީހެއްގެ ކޮނޑުގަވެސް ދަބަހެއް އަޅުވާލާފައި ހުއްޓެވެ. ޝާމިންމެން އެދަތުރު އަންނަ ގޮތަށް ނިންމުމުން ނިހާދު ބޭނުންވީ އެދުވަހުން ދުވަހަށް އެމީހުން އެރަށަށް އަންނާށެވެ. ވުމާއެކު އިޙްސާނު ކައިރީ ބުނެގެން ކޮމްޕެނީ ލޯންޗު ޒަޔާން ހަމަޖެއްސީ އޭނާވެސް ގޭތެރޭގެ މާހައުލާއި ދުރުވެލާ ހިތްވެފައި ހުރުމުންނެވެ. ޒަޔާންމެން ފޭބުމުން ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި ނިހާދު އެމީހުންގެ ކައިރިއަށް އައިސް ސަލާމްކޮށްލިއެވެ. ޒަޔާންމެން އައުމުން ނިހާދު ހުރީ ފިސާރި އުފާވެފައެވެ. އެތިން މީހުންނަކީވެސް އެކުގައި ކިޔެވުމުގެ ދުވަސްތައް ހޭދަކޮށްފައިވާ ބައެއްކަމުން ގާތް އެކުވެރިކަމެއް އަބަދުވެސް ގާއިމުވެފައި އޮތެވެ.
“ގެ އެހާ ދުރެއް ނުވާނެ، ހިނގާލާފަދޯ ދާނީ، މަންމަ އެބަހުރި މިހާރު ސައި ތައްޔާރުކޮށްގެން، މާލަހުންވިއްޔަ ތިލެފުނީ، މިހާރު އިރުއޮށްސިގެން ދިޔައީ، ހިނގާ އަވަހަށް ގޭދޮށަށް” ރަށުތެރެއަށް އެރެން އޮތް މަގުން ހިނގައިގަންނަމުން ނިހާދު ބުނެލިއެވެ. ތިން މީހުން އެކުގައި ހިނގާފައި އަންނަނިކޮށް ޒަޔާންގެ ކަންފަތުގައި ކުއްލިއަކަށް ޖެހުނީ އަންހެންކުއްޖެއްގެ ވޭނީ ގިސްލުމުގެ އަޑެވެ. އެރުއިމުގައިވާ ހިތްދަތިކަން ޒަޔާންގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށްވެސް އަސަރުކުރުވައިފިއެވެ. ކައިރީގައި ތިބި ރައްޓެހިންގެ މޫނަށް ޒަޔާންއަށް ބަލައިލެވުނީ އެއީ އޭނާއަށް އެކަނި އިވޭ އަޑެއްތޯ ޔަގީންކޮށްލުމަށެވެ. ޒަޔާން ބަލާލުމާއެކު ޝާމިން މަޑުމަޑުން ބޯޖަހާލީ އެމީހުންނަށްވެސް އެއަޑު އިވުނުކަން އަންގާލުމުގެ ގޮތުންނެވެ. ތަންކޮޅެއް ކުރިއަށް ދެވުމުން މަގުގެ ކަންމައްޗަށް ވާގޮތަށް ހުރި ގޭގެ ފާރުބުރިމަތީގައި މޫނުމަތީގައި އަތްއަޅައިގެން ރޯން އިން ނީޝާ އެތިން މީހުންގެ ލޮލުގައިވެސް އަޅައިގަތެވެ. ބައެއްގެ ހިލަންވެގެން ނީޝާއަށް މޫނުމަތިން އަތްނަގާ ބަލައިލެވުނެވެ. އެވަގުތު އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ތިބި ޒުވާން އުމުރުގެ ތިން ފިރިހެނުން ފެނުމުން އޭނާއަށް ލަދުން އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ. ދެނަމާދު ދޭތެރޭގައި އާއްމުކޮށް އެހިސާބުން ބަޔަކު ނުފެންނާނެއެވެ. ނީޝާގެ މޫނުން އަތްނެގި ވަގުތު ކުޑަކުޑަ ހިނދުކޮޅަކަށް އެއަންހެން ކުއްޖާގެ މޫނު ފެނުމުންވެސް ޒަޔާންގެ ހިތުގައި އެއަންހެން ކުއްޖާއިމެދު ޝައުގުވެރިކަން އުފެދިއްޖެއެވެ. މޭކަޕްގެ އެއްވެސް އަސަރެއް ނެތް އޮމާން މޫނުމަތިން މައުސޫމްކަން ފާޅުވެއެވެ. ރޮއެރޮއެ ހިސާބަކަށް ދުޅަވެފައިވާ ލޮލުން ބަލައިލި ވަގުތު އެމޫނުމަތީގައިވި ހިތްދަތިކަން ޒަޔާންއަށް ފާހަގަކުރެވުނެވެ. އެއީ ކޮން އަންހެންކުއްޖެއްކަން ދެނެގަންނަން ޒަޔާންގެ ނަފްސު ގޮވަންފެށިއެވެ. މީގެ ކުރިން އެއްވެސް އަންހެން ކުއްޖަކު ފެނިގެން ނުވި ގޮތެއް މިއަންހެންކުއްޖާ ފެނިގެން ވީ ކީއްވެ ހެއްޔޭ ޒަޔާންގެ ހިތުގައި އޮތެވެ. ފުރަތަމަ ނަޒަރުން ލޯބިވެވިދާނެކަމަކަށް ޒަޔާން ހިޔެއްނުކުރެއެވެ. ފާރުމަތިން ފައިބައިގެން ބާރުބާރަށް ގޮސް ނީޝާ ގޭތެރެއަށް ވަނެވެ.
“އެއީ ކޮންކުއްޖެއް، ހާދަވަރަކަށް އެރުއީ އަނެއްކާ ކިހިނެއް ވެގެންބާ؟” ޒަޔާންގެ ހިތުގައި ފުނިޖެހެމުން އައި ސުވާލުތައް ޒަޔާން އަށްވުރެ ކުރިން ޝާމިންކޮށްލިއެވެ. ނިހާދު ފާޑަކަށް ދެފަރާތަށް ބޯހޫރާލާފައި ފުންނޭވާއެއް ދޫކޮށްލިއެވެ.
“އެއީ ނީޝާ، މިރަށުގެ އެންމެ ނިކަމެތި އާއިލާގެ ކުއްޖެއް، ވަރަށް ފަހުން އޭނާގެ މަންމަ މަރުވެގެން މިގެއަށް ބަދަލުވީ، ޝަރީފާ އަކީ ނީޝާގެ ބޮޑުދައިތަ، އެ ވަރަށް ރުޅިގަދަ ނުބައި މީހެއް، މަށަށް ޔަގީން ނީޝާއަށް ފިސާރި ވަރުކޮށްލާނެކަން، ވެދާނެ ނޫނީ މަންމަ މަތިން މާބޮޑަށް ހަނދާންވީކަމަށްވެސް، ދެންވެސް އަވަހަށް ހިނގާ، މިހާރުވެސް މާލަސްވެއްޖެ” ނިހާދު އެކަން މާބޮޑު ކަމަކަށް ހަދަން ބޭނުން ނުވީއެވެ. ތިން މީހުން އެކުގައި ގޮސް ގެއަށް ވަންއިރު ނިހާދުގެ މަންމަ ލަތީފާ އެމީހުންގެ އިންތިޒާރުގައި ސޯފާގައި އިނެވެ. އެމީހުން ފެނުމުން ހިނިތުންވެ ހުރެ އިންތަނުން ތެދުވިއެވެ.
“ދަރިފުޅުމެން ހާދަ ލަސްވީ ކިހިނެއްވީ؟ މަންމަ މިހާރު ސައި ހަދައިގެން އިންނަތާ ކޮން އިރެއް، ކޮބާ ދެކުދިން ރަނގަޅުތަ؟ ހިނގާ އަވަހަށް ސައިބޯން، ދެން ރޭގަނޑު ކާންށޭ ވީވެސް، މަންމައަށް ޔަގީން މިގަޑީގަ ސައިބޮއެގެން ދެން ތީގެން އެއްވެސް ކުއްޖަކު ފަލަވެދާނޭ ކިޔާފަ ރޭގަނޑު ނުކާނެކަން” ހިތްހެޔޮ ރާގެއްގައި ލަތީފާ ބުނެލިއެވެ. ޝާމިން އާއި ޒަޔާން ރަނގަޅޭ ބުނެ ލަތީފާ އާއިއެކު ކާގެއަށް ވަނެވެ. ނިހާދުވެސް ޒަޔާންމެންގެ ދަބަސްތައް ކޮޓަރިއަށް ލާފައި އައިސް އެމީހުންނާ ބައިވެރިވިއެވެ، ތަފާތު ވައްތަރުގެ ހެދިކާތަކުން މޭޒުމަތި ފަޅުފިލުވާލާފައިވެއެވެ. އެމީހުން ސައިބޮއެ ނިމެންދެން އެމީހުން އެއްވެސް ކަމަކަށް ބޭނުންވޭތޯ ބަލަން ލަތީފާ މަޑުކޮށްލައިގެން ހުއްޓެވެ.
ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ ނީޝާ އޭނާ ނިދާ ގޮދަޑިމަތީގައި އިށީނދެލިއެވެ. ނީޝާ ވިސްނަމުން ދިޔައީ ބޮޑުދައިތައަށް މަހަކު އެއްހާސް ރުފިޔާ ދޭން ހަދާނެ ގޮތަކާއި މެދުގައެވެ. މަންމަ މަރުވިއިރު ރައްކާކުރެވިފަހުރީ މަދު ފައިސާކޮޅެކެވެ. ތިންވަރަކަށް މަހު އެރުފިޔާކޮޅުން ފަރުޖައްސާ ލެވިދާނެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ޝަރީފާގެ ދަރިފުޅު ސާރާ އެތެރެއަށް ވަނެވެ. އަދި އަތުގައި އޮތް ފޯނު އޭނާ ނިދާ އެނދުމައްޗަށް އެއްލުމަށްފަހު ނީޝާއަށް ބަލައިލިއެވެ. އެގޭގައި ހިތްހެޔޮކަމާއެކު ނީޝާ އާއި އަނގައިން ބުނެލަނީ ސާރާ އެކަންޏެވެ. ސާރާ އާއި އެއްކޮޓަރިއެއްގައި އުޅެން ޖެހުމުން އެދެމެދުގައި އެކުވެރިކަމެއްވެސް ވަނީ އުފެދެން ފަށައިފައެވެ. ނީޝާގެ މޫނުމަތިން ފާޅުވަމުންދިޔަ މާޔޫސްކަން ފެނުމުން ސާރާ އައިސް ނީޝާގެ ކައިރީގައި އިށީނދެލިއެވެ.
“އޭ ކިހިނެއްވެފަ ތިއިނީ ބިންގަނޑަށް ތުން ހަރާލައިގެން، ހިނގާބަ ކާންދާން، ވަރަށް ބަނޑުހައިވެއްޖެ” ނީޝާގެ ގައިގައި ކޮއްޓާލަމުން ސާރާ ބުނެލިއެވެ. ސާރާ އަބަދުވެސް ބަލަނީ އޭނާ ހުންނަ ވަގުތެއްގައި ވިއްޔާ ކޮންމެވެސް މަޖާ ވާހަކައެއް ދައްކައިގެން ނަމަވެސް ނީޝާގެ ހިތާމަތައް ލުއިކޮށްދެވޭތޯއެވެ. ބަނޑުހައިވެފައި އިނަސް ބޮޑުދައިތަ ދެއްކި ވާހަކަތައް ހަނދާންވުމުން ކާންދާން ނީޝާ ފަސްޖެހުނެވެ. ސާރާއަށް ނީޝާގެ ފަސްޖެހުން ފާހަގަކުރެވިގެން ކަންވެސް ނޭނގެއެވެ. ނީޝާގެ އަތުގައި ހިފާ ދަމަން ފެށިއެވެ. އެންމެފަހުން ނީޝާއަށް ޖެހުނީ ސާރާ އާއިއެކު ދާށެވެ. ކުޑަ ބަތްކޮޅެއް އެޅުމުން އެގޮތް ކަމުނުގޮސްގެން ސާރާ އަދި އިތުރަށް އޭނާގެ ތަށްޓަށް ބަތް ސަމުސަލެއް އަޅައިދިނެވެ. ނީޝާއަށް ޝުކުރުވެރިކަމާއެކު ސާރާގެ މޫނަށް ބަލައިލެވުނެވެ. އެއާއެކު އަހަރެންނަށް ނުބަލާ ކެވޭތޯ ބަލާށޭ މަޖާވެލާފައި ސާރާ ބުނެލިއެވެ. ނީޝާގެ ތުންފަތަށްވެސް މަޑު ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ނީޝާ އިނީ ކޮންމެ ވަގުތަކުވެސް ބޮޑުދައިތަ އަތުވެ އެއްޗެއް ބުނެފާނެތީ ފާޑަކަށް ހިތްބިރުގަނެފައެވެ.
އެނދުމަތީގައި އޮށޯވެލައިގެން އޮތް ޒަޔާންގެ ހިތުގައިވަނީ ނީޝާގެ ތަސްވީރެވެ. ކައިރީގައި ޝާމިން އޮތީ ފުން ނިދީގައެވެ. ޒަޔާންގެ ލޮލާ ނިދިވެސް ރުޅިވެފައިވާ ކަހަލައެވެ. ޒަޔާން ބޭނުންވަނީ ނީޝާއާއި ބައްދަލުކޮށް ވާހަކަދައްކާލާށެވެ. ނީޝާއާއި ގުޅުން ބަދަހިކުރާށެވެ. އެއަތުގައި ހިފާލަންވެސް ޒަޔާން ބޭނުންވަމުން ދިޔައެވެ. އެއާއެކު ޒަޔާންއަށް މަޑުމަޑުން ނީޝާގެ ނަން ތަކުރާރުކޮށްލެވުނެވެ.
(ނުނިމޭ)


