ކޮޅުފުށީގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސް އިފްތިތާޙްކޮށްދެއްވައިފި

ޚަބަރު ފަހުގެ

މ. ކޮޅުފުށީ ގޮނޑުދޮށް ޚިމާޔަތް ކުރުމާއި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މި 2 މަޝްރޫޢުގެ މަސައްކަތް ނިންމާ، ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މ. ކޮޅުފުށްޓަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މި ދެ މަޝްރޫޢުގެ ތެރެއިން ކޮޅުފުށީ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 28 ނޮވެމްބަރު 2021 ގައެވެ. މި މަޝްރޫޢުގެ ދަށުން މި ކޮޅުފުށީގައި 202 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި 518.8 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ވަނީ ޖަހާފައެވެ.

ހަމައެހެންމެ މި މަޝްރޫޢުގެ ދަށުން ރަށުގެ ދެ ސަރަޙައްދު ފުންކޮށް ޢާއްމުން މޫދަށް އެރޭ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކޮށްދިނުމުގެ އިތުރުން ރަށުގެ ހުޅަނގުފަރާތު ގިރާ ސަރަޙައްދު ވެލިން މުއްސަނދި ކޮށްފައިވެއެވެ. މިއީ ދަޢުލަތުން 22.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ހިންގެވި މަޝްރޫޢެކެވެ.

ކޮޅުފުށީ ފެނުގެ ނިޒާމުގެ މަސައްކަތް ސަރުކާރުން ކުރައްވާފައިވަނީ އިންޑިއާގެ އެސްއެމްސީ އިންފްރާސްޓްރަކްޗަރއާއި ޙަވާލުކުރައްވައިގެންނެވެ. މި މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކެރެޑިޓްގެ ދަށުން ފަންޑު ކުރެވުނު 3 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބޯ ހޯލް ހެދުމުގެ މަސައްކަތާއި، ވޯޓަރ ކަލެކްޝަން ޓޭންކް އަދި ސްޓޯރޭޖް ޓޭންކް ޤާއިމު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. ހަމައެހެންމެ ފެނުގެ ތަޙުލީލުތައް ކުރެވޭނެހެން ލެބޯޓްރީ ހިމެނޭގޮތަށް އިދާރީ މަސައްކަތްތަކަށް ޚާއްސަ އިމާރާތެއް އެޅުމުގެ މަސައްކަތާއި، މުޅި ރަށުގައި ފެން ހޮޅި އެޅުމާއި ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެން މީޓަރު ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި 2 މަޝްރޫޢުގެ އިތުރުން، ކޮޅުފުށީގައި ހުންނަ މ. އަތޮޅު މަދަރުސާގައި މި ސަރުކާރުން ޢިމާރަތްކުރެއްވި 8 ކްލާސްރޫމާއި، މަލްޓި-ޕަރޕަސް ހޯލް ޢިމާރާތްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މި ދަތުރުފުޅުގެ ތެރެއިން ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަޝްރޫޢު ކުރިއަށްގެންދަވާފައިވަނީ ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެންނެވެ. މިއީ 2020 ވަނަ އަހަރުގެ ޖެނުއަރީމަހު އެކުންފުންޏާއި ޙަވާލުކޮށްގެން ފެށި މަސައްކަތަކެވެ. މި މަސައްކަތަށް އެކަނިވެސް 14.1 މިލިއަން ރުފިޔާ ދަޢުލަތުން ޚަރަދުކުރައްވާފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ