ވެރިކަމަށްޓަކާ ކުރާ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސް އިން ރޭ ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ހަމައެކަނި ދެވަނަ ދައުރެއް ހޯދުމަށްޓަކާ އެހެން ޕާޓީތަކުން ކުރާ މަސައްކަތް ފެނުމުން ކަންބޮޑުވާ ކަމަށާއި ވެރިކަމަށްޓަކާ ކުރާ އެއްވެސް ކަމެއްގައި އެމަނިކުފާނަށް ބައިވެރިނުވެވޭނެ ކަމަށެވެ.
ވެރިކަން ލިބޭނެ ކަމަށާއި ނަމަވެސް އެއީ އަމާޒަކަށް އަދި މަގުސަދަކަށް ހަދަންޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
“އެއްވެސް މީހެއް ތާ އަބަދު ބޭނުންވެގެން އުޅޭ ކަމަކީ ވެރިކަން ކަމަށް ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،” ނަޝީދު ވިދާޅުވި އެވެ.
އަދި ދެވަނަ ދައުރެއްގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކުރުމަކީ ރާއްޖެ އަށް ރަނގަޅު ގޮތެއް ނޫން ކަމަށް އެޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ. އަދި ޑިމޮކްރެޓްސްގެ އަމާޒަކީ ރައްޔިތުންގެ ލާބައާއި މަންފާ އަށް މަސައްކަތް ކުރުން ކަމަށާއި އެމަނިކުފާނުގެ މުޅި ހަޔާތް ހޭދަކުރެއްވީ އެކަމުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން ނަޝީދު ވަނީ ޑިމޮކްރެޓުންނަކީ ވިސްނުންތެރިކަމާ އެކީގައި ރާއްޖޭގެ ވެރިކަން ވަރަށް ރަނގަޅަށް ހިންގޭނެ ބައެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ޑިމޮކްރެޓުންނަކީ ސިޔާސަތުތަކެއް އެކުލަވާލާނެ ބައެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފަ އެވެ. ޑިމޮކްރެޓްސް އިން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ވަރަށް އަވަހަށް ޕްރައިމަރީ އަށް ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.