ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ ޖުމްހޫރީ މައިދާނަށް މިއަދު އެއްވި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ހައްޔަރުކޮށްފި އެވެ.
އިދިކޮޅުގެ ބޭފުޅުން މިއަދު ހައިކޯޓަށް ވަޑައިގަތުމުން އެ ކޯޓަށް ވަދެވޭގޮތް ވެފައެއް ނުވެ އެވެ. އެއާއެކު ލީޑަޝިޕްގެ ބޭފުޅުން ވަނީ ޖުމްހޫރީ މައިދާނަށް ގޮސް އެތަނުގައި އިށީދެވަޑައިގެންފަ އެވެ.
ޖުމްހޫރީ މައިދާނުގައި ތިބި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގްއާ ޕީއެންސީ ނާއިބު ރައީސް އިބްރާހިމް ޝުޖާއު އެވެ.
ޖުމްހޫރީ މައިދާން ސަރަހައްދަނީ އެއްވުން މަނާ ސަރަހައްދެއް ކަމުން ފުލުހުން ވަނީ އިދިކޮޅު ކޯލިޝަނުގެ ވެރިން ހައްޔަރުކޮށްފަ އެވެ.