ދައުލަތަށް ޚިދުމަތްކުރުމަކީ ލިބޭ ފަޚުރަކަށް ހަދަންޖެހޭ: ރައީސް

ޚަބަރު ފަހުގެ

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމަކީ ލިބޭ ފަޚުރަކަށް ހެދުމަށާއި، މަސައްކަތުގައި ތެދުވެރިކަމާއި އިޙްލާސްތެރިކަން އިސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދިވެހި ޒުވާނުންނަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވުމަށް މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާ ބޭފުޅުން، އެކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އެބޭފުޅުން، އެ ބޭފުޅުންގެ މަޤާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި އިޙްލާސްތެރިކަމާއި ތެދުވެރިކަމާއެކު ވަރަށް ދިގު މުއްދަތަކެއް ހޭދަކުރެއްވިކަން ފާހަގަކުރައްވާ އެބޭފުޅުންގެ ޚިދުމަތްތަކަކީ ވަރަށް ބޮޑު ބުރަދަނެއްހުރި ޚިދުމަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި އިނާމު މިއަހަރު ލިބިވަޑައިގެންނެވި ފަރާތްތަކަށް މަރުޚަބާ ވިދާޅުވެ، މިނިވަންދުވަހުގެ އުފާވެރި އިޙްތިފާލުތަކުގެ ތެރޭގައި މި ޖަލްސާ ބޭއްވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ވިދާޅުވިއެވެ.

“މިހުރިހާ ބޭފުޅުން ކުރެއްވި ޚިދުމަތްތަކަކީ އޭގެ އަގު ވަޒަންނުކޮށް ދޫކޮށްލެވިގެންވާނެ ޚިދުމަތްތަކަކަށް ވެގެންނުވާނެ. އެބޭފުޅުންގެ ޙަޔާތުގެ ވަރަށް ބޮޑު ބައެއް ޤައުމީ ޚިދުމަތަށް ހުސްކުރައްވާ ދިވެހި ޤައުމަށްޓަކާ އެކުރެއްވި ބުރަ މަސައްކަތްތަކަކީ، ވެވަޑައިގެންނެވި ވަރަށް މަތިވެރި ޤުރުބާނީއެއްކަމަށް އަޅުގަނޑު ދެކެން” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޙަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބައެއްކަމަށެވެ. އަދި އެބޭފުޅުންގެ ޚިދުމަތުގެ މުއްދަތުގައި އަދާކުރެއްވި ހަމައެކަނި ވަޒީފާއެއްގެ މައްސޫލިއްޔަތުތަކެއް ނޫންކަމަށާއި، ޤައުމީ މިންގަނޑުން ވަޒަންކުރާއިރު އެބޭފުޅުންގެ ޚިދުމަތުގެ ބުރަދަން އެއަށްވުރެ ބޮޑުކަމަށެވެ.

ރައީސް ވިދާޅުވީ، ޚިދުމަތުގެ ސާފު ރިކޯޑަކާއެކު ޚިދުމަތުގައި ބައިގަރުނު ކަޑައްތުކުރުމަކީ ފަސޭހަކަމެއްނޫންކަމަށާއި، ޚިދުމަތުގެ އަގު ވަޒަންކުރަނީ ހަމައެކަނި އެބޭފުޅުން ހޭދަކުރައްވާފައިވާ މުއްދަތަކަށް އެކަނި ނޫންކަމަށެވެ. އަދި އެ ޒިންމާތައް އަދާކުރުމުގައި އެބޭފުޅުން އުފުލެއްވި ބުރަތަކާއި، ޚިދުމަތްކުރެއްވުމުގައި ބެހެއްޓެވި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޙްލާސްތެރިކަމަކީ މިހާރުގެ ޒުވާން ޖީލު އެކަންކަމުން އިބުރަތް ޙާޞީލުކޮށް ނަމޫނާ ނަގަންޖެހޭ މަސައްކަތްތަކެއްގެގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

“އެއް އޮފީހުން އަނެއް އޮފީހަށް ލިޔުމެއް ފޮނުވަން ޖެހުނަސް އެ ލިޔުމެއް ހިފައިގެން އެތަނަކަށް ދިއުންނޫންގޮތެއް އޭރަކުނެތް. ކިތަންމެ ކުޑަކުށެއް ޖެހުނަސް އަލުން އެ އެއްޗެއް ލިޔުންނޫންގޮތެއްވެސް ނޯވޭ. އެހެންނަމަވެސް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް ނުނިމިފައެއްނޯވޭ. ކިތަންމެ ވަގުތެއް އޮފީހުގައި ހޭދަކުރައްވައިގެން އަދި ކިތަންމެ ބުރައެއް އުފުއްލަވައިގެންވިޔަސް އެ މަސައްކަތެއް ފުރިހަމަކުރައްވާ ނިންމެވުމަކީ އެބޭފުޅުން އެންމެ އިސްކަންދެއްވި ކަންތައް. އެހުރިހާ ތަކުލީފުތަކެއް އުފުއްލަވައިގެންވެސް އެބޭފުޅުން ޚިދުމަތުގައި 30، 40، 50 އަހަރު ހޭދަކުރެއްވުމަކީ އަޅުގަނޑުމެން އަގުވަޒަންކުރަންޖެހޭނެ ކަމެއް. އަދި މިއަދުގެ ޒުވާން މުވައްޒަފުން ނަމޫނާ ލިބިގަންނަންޖެހޭ ކަމެއް” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވާހަކަފުޅުގައި މިއަދުވެސް ސަރުކާރުގެ ވަޒީފާތަކުގައި ވަރަށް ގިނަ ޢަދަދެއްގެ ޒުވާނުން ތިއްބެވިކަން ފާހަގަކުރައްވާ، ދައުލަތަށް ޚިދުމަތް ކުރުމަކީ ލިބޭ އުފަލެއްކަމަށް ހެއްދެވުމަށް ހުރިހާ ޒުވާނުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ވަޒީފާ އަދާކުރެއްވުމުގައި ތެދުވެރިކަމާއި އިޙްލާސްތެރިކަން އިސްކުރެއްވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

“އޮފީހަށް ވަޑައިގަންނަވަންވީ ހަމައެކަނި ވަޒީފާއެއް އަދާކުރައްވާކަށްނޫން. ތިޔަ ޒުވާނުން ޙަވާލުވެވަޑައިގެން ތިއްބެވީ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ޒިންމާތަކަކާއި. ތި އަދާކުރައްވަނީ ވަރަށް މަތިވެރި ޤައުމީ ވާޖިބެއް. އެ ވާޖިބުތައް އަދާކުރެއްވުމުގައި ހިތުގެ އެންމެ އިޙްލާސްތެރިކަމާއެކު ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް، ވަކިން ޚާއްސަކޮށް ދިވެހި ހުރިހާ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން” ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ތަރައްޤީގެ މަގުގައި މިއަދު އާދެވިފައިވާ ހިސާބަށް އާދެވުނީ، ދިވެހި ދަޢުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިންގެ ވަރަށް ބޮޑު ޤުރުބާނީއަކުންކަމަށެވެ. އަދި ދައުލަތް ހިންގުމުގައި އެއިން ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޒިންމާ އަދާކުރެއްވުމުގައި ބެހެއްޓެވި ފަރުވާތެރިކަމުންކަމަށެވެ. އެހެންކަމުން ޚިދުމަތުގެ އިނާމު މިއަދު ޙާޞިލުކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ