ވިސާގެ އެއްބަސްވުމަކާއެކު، ސްކޮލަރޝިޕްގެ އިތުރު ފުރުސަތުތަކެއް!

ޚަބަރު ފަހުގެ

ވިސާގެ އެއްބަސްވުމަކާއެކު، ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުންނަ އަންނަ ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ދިނުމަށް ރާއްޖެއާ ޖަޕާނާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެއްބަސްވުންތައް ވަނީ ބަދަލުކުރެވިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ޖަޕާނު ސަރުކާރުން 2023 ވަނަ އަހަރަށް ދިނުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕްގެ ފުރުސަތުތައް ދެމެހެއްޓުމަށްޓަކައި ސަތޭކަ ބާވީސް މިލިއަން ޖަޕަނީސް ޔެންގެ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާ ޖަޕާނު ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މިއީ ޖަޕާން ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން ދެވޭ ސްކޮލަރޝިޕްތަކެކެވެ.

މީގެ އިތުރުން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓަށް، ވިސާގެ ޝަރުތުތައް 90 ދުވަހުގެ މުއްދަތަށް ލުއިކޮށްދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. ޑިޕްލޮމެޓިކް އަދި ރަސްމީ ޕާސްޕޯޓުގެ ވިސާގެ ޝަރުތުތަކުގެ އެކްސްޗޭންޖް އޮފް ނޯޓްސްއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވިސާގެ ޝަރުތުތައް މައާފުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ފުރަތަމަ ފިޔަވަޅެވެ.

މި ހިލޭ އެހީގެ ދަށުން، ރާއްޖޭގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އިތުރަށް ކުރިއެރުވުމަށް ޖަޕާނު ސަރުކާރުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްގެ ދަށުން ދިވެހި ދަރިވަރުންނަށް އަނެއްކާވެސް އިތުރު ހަ ސްކޮލަރޝިޕް ލިބޭނެއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ޓަކޭޗީ މިޑޯރީ ވަނީ އެއްބަސްވުންތައް ބަދަލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ސިވިލް ސަރވިސް ކޮމިޝަން، މޯލްޑިވްސް އިމިގްރޭޝަން، ޖަޕާން އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ