ޔާމީން މާދަމާ ކެންޑިޑެސީ ފޯމު ހުށަހަޅުއްވަނީ

ފަހުގެ ސިޔާސީ

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެެއްވުމަށްޓަކައި މާދަމާ ފޯމު ހުށަހެޅުމަށް ނިންމަވައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މީގެއިރުކޮޅެއް ކުރިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ “ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް” ރައީސް ޔާމީން ކެންޑިޑެސީ ފޯމު މާދަމާ ހެނދުނު 10:00 ޖަހާއިރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. އަދި އެ ކޯލިޝަނުން ރައީސް ޔާމީނަށް ޓިކެޓު އަރުވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

ޔާމީން ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރެވިދާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނެވެ. ޔާމީންގެ ކެންޑިޑެސީ އާ މެދުގައި ގޮތެއް ނިންމުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާނީ އެންމެ 24 ގަޑިއިރެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުމުގެ އަދަބު މާފް ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވާން ވާނެ ކަމަށެވެ. ހަމަ އެއާ ވިދިގެން (ކ) ގައި ބުނެފައި ވަނީ (ޅ) ގައި އެހެން އޮތް ކަމުގައި ވިޔަސް، އެމީހަކީ އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ