ރައީސްގެ ވައުދު ފުނަދޫއަށް: ރޯހައުސް އާއި އައު ހޮސްޕިޓަލެއް އަޅައިދީ، މަގުތައް ހަދައިދޭނަން

ފަހުގެ ސިޔާސީ

ށ.ފުނަދޫގެ ތަރައްގީއަށް އަންނަ ދައުރުގައި ކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހު ހާމަކުރައްވައިފިއެވެ.

ރައީސް މި ވައުދުތައް ހާމަކުރެއްވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އެ ރަށަށް ވަޑައިގެން ބަނދަރު ސަރަހައްދުގައި ބޭއްވި ބައްދަަލުވުމުގައި ރަށުގެ ރައްޔިތުންނާއި މުހާތަބުކުރައްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން، ރައީސް ވިދާޅުވީ 2018 ގެ އިންތިހާބަށް ފަހު އެމަނިކުފާނު މަސައްކަތް ފެށީ ރައްޔިތުން އުޅޭ ރަށެއް ނުވަތަ ސިޔާސީ ފިކުރަކީ މައްސަލައެއް ކަމަށް ނުބަލައި އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. “ހަމަ ގައިމުވެސް ތަފާތު ކުރުމެއްނެތި ފުނަދޫއަށް ވީ ވައުދުތައްވެސް މިދަނީ ފުއްދަމުން” ރައީސް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ރައްޔިތުން އެދުނީ އަލަށް އާބާދުވީ ސަރަހައްދަށް ނަރުދަމާ ގުޅައިދިނުމަށާއި، މިސްކިތް އަޅައިދީ ފެނުގެ ހިދުމަތް ގުޅައިދިިނުމަށެވެ. އަދި، ސްކޫލްގައި ހުރި ދަތިތައް ހައްލުކޮށް 15 ކްލާސްރޫމް އިތުރުކޮށް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމަށެވެ. ރައީސް ވިދާޅުވީ، އޭގެ ތެރެއިން ގިނަ މަސައްކަތް ނިމި އަނެއްބައި މަސައްކަތް މިހާރު ހުރީ ފެށިފައިކަމަށެވެ.

ފުނަދޫގެ ތަރައްގީއަށްޓަކައި ކުރީގެ ސަރުކާރުތަކުން ކުރި ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ސަރުކާރު ތަކުންވެސް ބައެއް މަސައްކަތްް ކުރިކަމަށެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ބައެއް ކަންކަން ކުރީ ތަރުތީބެއް ނެތިއެވެ. މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ، ތާރު އެޅީ އަޑިއަށް ވަޅުލަން ޖެހޭ އެއްޗިސް ވަޅުނުލާކަމަށެވެ. އޭގެ ސަބަބުން މި ސަރުކާރަށް ޖެހުނީ ޑަބަލް ހަރަދުކޮށްގެން، ތާރު ކަނޑައިގެން ފެން ހޮޅިތަށް ވަޅުލަންށެވެ. ރައީސް ޞޯލިހު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ރަނގަޅަށް ޕްލޭން ކޮށްގެން ކަންކަން ކުރުން ކަމަށެވެ. މަގު ހެދުމުގެ މަސައްކަތްވެސް ކުރަނީ ވަޅުލަންޖެހޭ ހޮޅިތަށް ވަޅުލައިގެން ކަމަށާއި، އަދި މުޅި ރަށުގެ ފެނުގެ ނިޒާމް ގާއިމްކޮށް ނިމުމާއެކ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ.

މީގެއިތުރުންވެސް، ފުނަދޫއަށް ބޭނުންވާ އަދިވެސް ތަރައްގީގެ މަޝްރޫއުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރޯހައުސް ނުވަތަ ފްލެޓް އަޅައިދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި، ރަށުގެ ފަރުކޮޅު އާމްދަނީ ލިބޭގޮތަށް ތަރައްގީގެ މަޝްރޫއުތަކެއް ހިންގޭނެގޮތް ހަމަޖައްސައި މަސްވެރިންނަށް ލިބޭ އައިސް ހެޔޮ އަގުގައި ލިބޭ ގޮތެއް ހަމަޖެއްސުމަށް އައިސް ޕްލާންޓެއްވެސް ގާއިމް ކޮށްދެއްވާނެ ކަމަށެވެ. މި ސަރުކާރުން މިހާރުވެސް ފުނަދޫގެ ސްކޫލަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން 15 ކްލާސްރޫމް އިތުރުކޮށްފައިވާއިރު، އަންނަ ދައުރުގައި އަދިވެސް ކްލާސްރޫމްތައް އިތުރުކޮށް، 50 އެނދުގެ އައު ހޮސްޕިޓަލެއްވެސް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ