އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

ޚަބަރު ފަހުގެ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދް އަދި ޗީފް މެނޭޖަރ ހަރީޝް ކުމާރުއެވެ.

އިޝްތިހާރު
އިޝްތިހާރު

ބްރިޖުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދެވޭ އިންފްރާސްޓްރަކްޗަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމަށެވެ. އަދި ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމަށް ދިމާވި ހީނަރުކަމުގެ ސަބަބުން މިއަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އަދަދު 50 އިންސައްތަ ދަށްވެ، ރާއްޖޭގެ ތަރައްޤީގެ ބައެއް ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް އިޤްތިސާދީ ހަރަކާތްތައް ފަށައިގަންނަން ޖެހިފައިވާކަމަށާއި، މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް ފަށައިގަނެވޭ ވަރަށް މުހިންމު މަޝްރޫޢެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ކަނެކްޓިވިޓީގެ އެންމެ ބޮޑު ޕްރޮޖެކްޓްގައި އިންޑިއާއިން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެގައުމަށް ލިބޭ އުފަލެއްކަމަށެވެ.

އިންޑިއާގެ އެގްޒިމް ބެންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢަށް ހަމަޖެހުނުއިރު، މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަހުގެ ފަހުން ކަމަށާއި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެއެވެ. މި މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ހިލޭއެހީ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ “ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް” ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިން ކަމުގައި ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ޑިސެމްބަރުގައި ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އެމް/އެސް އަރޫޕް ލިމިޓެޑް ހޮވާފައިވަނީ ދިވެހި ސަރުކާރުންނެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ޓެންޑަރ މަރުހަލާ ފެށޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ޕްރޮޖެކްޓްގެ ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓްއަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީ ތަކުން ވަނީ އެޕްރޫވަލް ދީފައެވެ. ޓެންޑާ ކަރުދާސްތައް ތައްޔާރު ކުރެވޭނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކް ގުޅިގެން ދެފަރާތުގެ މެދުގައި ބާއްވާ ކޮންސަލްޓޭޝަންތަކުގެ ދަށުންނެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން ޝަރުތުކުރާ ގޮތުން މަޝްރޫއު ތަކުގެ ޕްރޮޖެކްޓް ކޮމްޕޯނަންޓްގެ 65 އިންސައްތައާއި 75 އިންސައްތަ ސޯސް ކުރާނީ އިންޑިއާއިންކަމަށެވެ. މީގެ ސަބަބުން ދިވެހި ކުންފުނިތަކަށާއި ޚިދުމަތްތެރިންނަށް މަޝްރޫއުތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫގެ ދަށުން ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް ހިމެނެއެވެ. އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ ތިން ނެވިގޭޝަން ބްރިޖް އަޅާނެއެވެ. މާލެ އަދި ވިލިނގިލީގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަންއާއި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރެވޭނެއެވެ.

މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ މި ބްރިޖްގައި ކޮންމެ ރަށެއްގެ ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތައެވެ. ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރެވޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އަދި މި މަޝްރޫއުއަށް އިންޑިއާގެ އެހީ ފޯރުކޮށްދޭނެކަން އިއުލާނު ކޮށްފައިވަނީ މިއަހަރުގެ އޮގަސްޓްމަހު އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރް އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ