ދިވެހި ޤައުމީ މާ

ރަންގަލަން ރިޕޯޓް އަދަބިއްޔާތު ފަހުގެ

ދިވެހިރާއްޖޭގެ ޤައުމީ މަލަކީ ފިޔާތޮށި ފިނިފެން މަލެވެ. ފިނިފެންމާ ޤައުމީ މަލެއްގެ ގޮތުގައި އޮންނަނީ އަޅުގަނޑުމެންގެ ހިތްތަކުގައެވެ. ލަގަބާ އެއްވަރުގެ ރަސްމީ ހައިސިއްޔަތެއް ލިބިފައެއް ނުވެއެވެ. ހަމައެކަނި ފެންނަނީ ސްކޫލު ދަރިވަރުންގެ ފޮތްތަކުންނާއި ޅެންވެރިންގެ ޅެންތަކުންނެވެ.

އަވަށްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާގެ ޤައުމީ މަލަކީ ލޮޓަސް މަލެވެ. ސްރީލަންކާއާއި ބަންގްލޭޝްގައި ލިލީމަލެވެ. ޢަރަބި ކަރައަށް ބަލާއިރު އީރާނާއި އިރާގުގައި ފިނިފެންމަލެވެ. ސީރިއާގައި ހުވަނދުމަލެވެ. ތުރުކީވިލާތުގައި ޓިއުލިޕްމަލެވެ. އިނގިރޭސިވިލާތާއި އެމެރިކާއާއި ސޮލަވާކިޔާއާއި ލަގުޒަމްބާގާއި އިކިއުޑޯއާއި ޗެކްރިޕަބްލިކާއި ސައިޕްރަސްއާއި ބަލްގޭރިއާގައި ވެސް ޤައުމީ މަލަކީ ފިނިފެންމަލެވެ. ބައެއް ޤައުމުތަކުގައި ކުލަތައް ތަފާތެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޤައުމީ މަލެއް އޮންނައިރު އެ ލިސްޓުގައި ދިވެހިރާއްޖެ ވެސް އޮންނަނީ ހިމަފާނައެވެ.

އިޝްތިހާރު
އިޝްތިހާރު

ދިވެހިރާއްޖޭގެ ޤައުމީ މަލަށް ބަލާލީމެވެ. އުންމީދު އާކޮށްދިނެވެ. ފެނުނީ ކަށިގިނަ ގަހެކެވެ. އެ ކަށިގިނަ ގޮފިތަކުގެ ތެރެއިން އެ މާ ދުނިޔެއަށް އުފަންވެއެވެ. ގޮފިތައް ވީއްލާ ބޭރަށް ނުކުމެ ފޮޅިލައެވެ. ހީވަނީ ދުނިޔެއަށް ހީލާހެންނެވެ. މިނިވަންކަން އިޢުލާންކުރާ ހެންނެވެ. މިނިވަން ކަމާއެކު ހެލިލަހެލިލައި އިނދެއެވެ. ލުއިލުއި މީރު ވަހެއް ދުނިޔެއަށް ފަތުރާލައެވެ. ފަތިހުގެ ފިނީގައި ފޮޅެމުންދާ އެ މަލުގެ މީރު ވަހާއެކު އެތައް ވާހަކައެއް ކިޔައިދެއެވެ. ދުނިޔޭގެ ހަގީގަތް ހާމަކޮށް ބަޔާންކޮށް ދެއެވެ. މާޔޫސް ނުވުމަށް ހިތްވަރު ދެއެވެ. މިނިވަންކަމުގެ އަގު ވަޒަންކޮށް ދެއެވެ. ތޫނުތޫނު ކަށިތަކުގެ ތެރެއިން ސަލާމަތްވެ ދުނިޔެއަށް އުފާވެރިކަން ފަތުރައިދެއެވެ. އެންމެ ފަހުން އެ ތޫނު ކަށިތައް އެ މަލުގެ ހިމާޔަތަކަށް ވެގެން ދާތަން ފެނެއެވެ. ރަނގަޅު ދަރެހެކެވެ. މިއީ ދުނިޔެއެވެ. އުނދަގޫތަކާއި ކަންބޮޑުވުންތަކާއި ހިތްހަމަ ނުޖެހުންތައް ހުންނާނެއެވެ. ކުރިމަތިވާ ގޮންޖެހުންތަކާއި ނައްސި ވިސްނުންތައް ފައްސި ކުރެވިއްޖެނަމަ އެއީ ކާމިޔާބު މީހެކެވެ.

މަލަށް ނަޒަރު ހުއްޓާލުމުން ފެންނަނީ ޤުދުރަތުގެ ބޮޑު އަޖައިބެކެވެ. ވަރުގަދަ ރޭވުންތެރި ހިތްގައިމު ތަރުތީބެކެވެ. ކަރުގަނޑާ ކައިރިވި ވަރަކަށް ފިޔަތައް ކުދިވެފައި ބަދަހިކަން ބޮޑެވެ. އެކިފިޔަ އެކި ވަރެވެ. ގުރުޑު ފިޔަ އެއް ވެސް ފެނިދާނެއެވެ. އެކަމަކު ފިނިފެންމާ ފިނިފެން މަލަށް ވަނީ މި ސިފަތަކާއެކުގައެވެ. ހީވަނީ ޤައުމުގެ ރައްޔިތުން ސިފަކޮށްދޭ ހެންނެވެ. އެކި ފަންތީގެ އެކި ގިންތީގެ އެންމެންނެވެ. އެ އެންމެން މަސައްކަތް ކުރަނީ އެއް ރޫޙެއްގައެވެ. އެއީ މަލުގެ ކަރުގަނޑު ހިމާޔަތް ކުރުމެވެ. އެއީ މި ޤައުމުގެ ޤައުމިއްޔަތު ހެއްޔެވެ؟ އެ ރަމުޒުކޮށްދެނީ މާތްވެގެންވާ އިސްލާމްދީންނާއި ދިވެހީންގެ ބަހާއި ސަގާފަތާއިި މިނިވަންކަން މި ޤައުމުގައި ހިމާޔަތް ކުރުމުގެ މުހިންމުކަން ހެއްޔެވެ؟ އަޅުގަނޑު ހިތަށް އައި ޖަވާބަކީ އާއެކޭ އެވެ.

ދެން ވިސްނާލެވުނީ މަލުގެ ކުލައަށެވެ. އެކި ކުލަކުލައިގެ ފިނިފެންމާ ހުންނައިރު ދިވެހި ޤައުމީ މަލަކަށް ފިޔާތޮށިކުލައިގެ ފިނިފެންމާ ވީ ކީއްވެހެއްޔެވެ؟ އެހެން ކުލަތަކުގެ ފިނިފެންމަލަށްވުރެ ރާއްޖޭގައި ފަސޭހައިން ހެދެނީ އަދި ކުރިއްސުރެ ރާއްޖޭގައި އާންމުކޮށް ހައްދައި އަދި ހެދެމުން އައި ކުލައަކީ ފިޔާތޮށި ފިނިފެންމަލެވެ. މިއީ ސަބަބަކަށް ވެދާނެއެވެ. މިހާރު ފިޔާތޮށިކުލައިގެ ވެސް ތަފާތު ގިނަ ކުލަތައް ހުންނައިރު ދިވެހި ޤައުމީ މަލުގެ ކުލައަކީ މަޑު ފިޔާތޮށިކުލައެވެ. އެ ކުލައިގެ މާނައަށް ބަލާލިއިރު ފެނުނީ ލޯތްބާއި ރީތިކަމާއި ހިތްގައިމުކަމާއި އުންމީދާއި އުފާ ފަދަ މާނަތަކެވެ.

ޤައުމީ މަލެއް އޮތުމަކީ މުހިންމު ކަމެކެވެ. ޤައުމީ މަލުގެ ގޮތުގައި މަލެއް އިޚްތިޔާރު ކޮށްފައިވާ ޤައުމުތައް ގިނައީ އެހެންވެއެވެ. ޤައުމީ މާ ވެފައިވަނީ ކޮންމެ ޤައުމެއް ގައި ވެސް އެންމެ ޢިއްޒަތްތެރި މަލަށެވެ. އެންމެން، އެންމެ އިހުތިރާމުކުރާ މަލަށެވެ. އެންމެ ލޯބިކުރާ މަލަށެވެ. ޤައުމީ މަލެއް އޮތުމުން ޤައުމިއްޔަތަށް ދަރިންގެ ލޯބި އިތުރުކުރުމަށް ބާރުއަޅައެވެ. ޤައުމީ ރޫޙު އިތުރަށް އުފައްދައެވެ. ޅެމާއި ޅެންވެރިކަމާއި އަދަބިއްޔާތުގެ ތެރެއިން ހިތްތަކުގެ އެންމެ ފުނަށް ޤައިމިއްޔަތު ވާސިލުކޮށްދެއެވެ. ޤައުމު ރަމުޒުކޮށްދޭ މިފަދަ ނިޝާންތަކަށް އަހުމިއްޔަތުކަން އިތުރުވި ވަރަކަށް ޤައުމީ ލޯބި އިތުރުވާނެއެވެ. އިހުމާލުކޮށް ލެވޭ ވަރަކަށް ޤައުމީ ލޯބި ދާނީ ވަޅުޖެހެމުންނެވެ. (ނިމުނީ)

ނޯޓް: މިއީ ފޭސްބުކްގައި 15 އޮކްޓޯބަރ 2020 ވަނަ ދުވަހު ޢަބްދުﷲ ސަޢީދު ލިޔުވަފައިވާ ލިޔުމުގެ ނަކަލެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ