ރިޝްފާއަކީ ހުނަރުވެރި ފަންނާނެއް!

ރިޕޯޓް މީހުން ފަހުގެ

ދިވެހި ޒުވާނުންގެ ތެރޭގައިވެސް އުފެއްދުންތެރި ހުނަރުވެރިން އެބަތިއްބެވެ. ބޭނުންވަނީ އިތުރު ފުރުޞަތުތަކެވެ. އެ ވެރިން ފައްކާކޮށްފައިވާ ހުނަރު ދުނިޔެއަށް ދައްކާލައި، އެމަގު ކޮށާލަދޭނެ އިތުރު ފަރާތްތަކަށް މި ކުދީން އެތިބީ އެދި އެދިއެވެ. ގޮށްކޮޅުގެ ފަރާތުން މިއަދު މި ގެނެސްދެނީ މިފަދަ ހުނަރުވެރި ޒުވާނެއްގެ ވާހަކައެވެ. 

ށ. ފުނަދޫ، ނޫއަލި، ފާތިމަތު ރިޝްފާއަކީ ޑޫޑުލް އާރޓުން ސާފުބޯޑުތަކަށް ޗާލޫކަން ގެނެސްދޭ ހުނަރުވެރި ފަންނާނެކެވެ. މި ފަންނުގައި ރިޝްފާ ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް ޝައުޤުވެރި އަދި ބަލާ ފޫހިނުވާނޭފަދަ ފުރިހަމަ މަސައްކަތްތަކެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފޮޓޯ: ފާތިމަތު ރިޝްފާ

ގޮށްކޮޅަށް މަޢުލޫމާތު ދެއްވަމުން ރިޝްފާ ބުނީ، ސްކޫލްގައި ކިޔެވި ދުވަސްވަރުވެސް ކުރެހުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ހުރި ކަމުގައި ވީނަމަވެސް އެދުވަސްވަރު ކުރަހާ ނަހަދާކަމަށެވެ. މިހާރު މިކުރާ ގޮތަށް ޑޫޑުލް އާޓުގެ ކުރެހުން ކުރެހުމަށް ޝައުޤުވެރިވެ އެ މަސައްކަތް ޢަމަލީގޮތުން ފެށީ އުމުރުން 15 އަހަރުގައެވެ. އެހާ ހިސާބުން ފެށިގެން ރިޝްފާގެ ހުނަރު އެ އަންނަނީ ދުވަހެއް ދުވަހަކަށް ތަރައްޤީވެ ފައްކާވަމުންނެވެ. ފަހަތަށް ބެލުމެއްނެތިއެވެ. 

މި ފަންނުގައި ކުރިއަށް ދިއުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސައްކަތުގައި ބޭނުންކުރާ ސާމާނު ނުލިބުމެވެ. ޚާއްސަކޮށް މަސައްކަތުގައި ބޭނުންކުރާ ފެންވަރު ރަނގަޅު ޒަމާނީ ތަކެތި ހޯދުމުގައި އުފުލަންޖެހޭ ތަކުލީފެވެ. ރާއްޖޭގެ ބާޒާރުން ލިބެން ނުހުންނާތީއެވެ. ރިޝްފާ ޚާއްސަކޮށް ފާހަގަކުރި ގޮތުގައި ބޯޑުގައި ކުރަހަން ބޭނުންކުރާ މާކަރތަކުގެ ތެރެއިން އެންމެ ބޭނުންވާ ކަހަލަ މާކަރެއް ރާއްޖޭގެ ބާޒާރަކުން ގަންނާކަށް ނުލިބެއެވެ. 

ފޮޓޯ: ފާތިމަތު ރިޝްފާ

ތަފާތު ސައިޒުތަކުގެ ބޯޑުތަކުގައި ރިޝްފާ ދަނީ އޭނާގެ ހުނަރު ދައްކަމުންނެވެ. އެންމެ ފުރަތަމަ 15 އިންޗީގެ ބޯޑުތަކުގައި ކުރަހަމުން އައިސް މިހާރު 5 އިންޗި އަދި 11 އިންޗީގެ ބޯޑުތަކުގައިވެސް ފަރިތަކަމާއިއެކު އެދަނީ ކުރަހަމުންނެވެ. 2 ފޫޓުގެ ބޮޑެތި ފުޅިމަދު ބޯޑުތަކުގައިވެސް ކުރެހުމަކީ މިހާރު ރިޝްފާ ކުރަމުންދާ މަސައްކަތެކެވެ. 

ތުއްތު ދަރިފުޅެއްގެ ކަންތައްތައް ކުރަމުންވެސް، މި މަސައްކަތް ރިޝްފާ ދޫކޮށްލާފައެއްނުވެއެވެ. މާ ބަނޑު ދުވަސްކޮޅު އޯޑަރުތައް ނުނަގައި ދޫކޮށްލިކަމުގައި ވީނަމަވެސް މިހާރު ރިޝްފާ އެދަނީ ކުރިން މަސައްކަތްކުރި ސްޕީޑްގައި މަސައްކަތް ކުރަމުންނެވެ. މާބަނޑު ވުމުގެ ކުރީގައި މަސައްކަތްކުރީ ވަޒީފާއަކަށް ދަމުން ލިބޭ ހުސްވަގުތުތަކުގައެވެ. މިހާރު ދަރިފުޅުގެ ކަންތައްތައް ކޮށްފައި ދެން ލިބޭ ހުސްވަގުތުތަކުގައެވެ. އެހެން ނަމަވެސް މަސައްކަތްކުރަން ފަށަނީ، އެ ވަގުތަކީ ކުރެހުމެއްގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިންމާލެވޭނެ ފަދަ ވަގުތުތަކަށް ބަލާފައެވެ. 

ފޮޓޯ: ފާތިމަތު ރިޝްފާ

ރިޝްފާ ކުރެހުމަށް ބޭނުންވާ ތަކެތި ހޯދުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އޭނާގެ ފިރިމީހާގެ ފަރާތުންނެވެ. މި މަސައްކަތުގައި ރިޝްފާ ކުރިއަށްދަނީ އާއިލާއާއި ފިރިމީހާގެ ފުރިހަމަ އެއްބާރުލުމާއިއެކުގައެވެ. ރިޝްފާ ކުރަހާ ބޯޑު ތަކަކީ ރިޝްފާގެ ފިރިމީހާގެ އަމިއްލަ އުފެއްދުމެވެ. 

މި މަސައްކަތުގައި އެންމެ އުފާވެރި ދުވަހަކީ ކައިޓް ޗެމްޕިއަން ށ. ފުނަދޫ އަށް ޒިޔާރަތްކުރުމުން އެ ފަރާތަށް ރިޝްފާ އަމިއްލައަށް ޑިޒައިންކޮށް ކުރަހާފައިވާ ސާރފްބޯޑެއް ހަދިޔާ ކުރި ދުވަހެވެ. އަދި އެ ބޯޑުގައިވާ ކުރެހުން ކަމުދިއުމުގެ ސަބަބުން އޭނާގެ އާއިލާއަށް މެމްބަރުންނަށް އިތުރު ސާރފްބޯޑުތަކެއް ރިޝްފާގެ އަތުން އެ ދުވަހު ގަނެފައިވާކަމަށް ގޮށްކޮޅަށް ރިޝްފާ މަޢުލޫމާތު ހިއްސާ ކޮށްފައިވެއެވެ. 

ފޮޓޯ: ފާތިމަތު ރިޝްފާ

މި ފަންނުގައި ރިޝްފާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޤައުމީ ފެންވަރުގައި ރިޝްފާގެ އަމިއްލަކުރެހުންތައް ދައްކާލެވޭނޭ އެގްޒިބިޝަން އެއް ބޭއްވޭނެ ދުވަހެކެވެ. ގޮށްކޮޅުންވެސް އެދެނީ ރިޝްފާގެ މަސައްކަތް ތަރައްޤީވެ ފުޅާވެގެން ދިއުމެވެ. މަސައްކަތުގައި ކާމިޔާބީ މިންވަރު ކުރެއްވުމެވެ. 

އޯޑަރު ދެެއްވުމަށް ރިސްފާގެ އިންސްޓަގްރާމްގެ އެކައުންޓަށް ޒިޔާރަތް ކޮށްލައްވާ!

ފޮޓޯ: ފާތިމަތު ރިޝްފާ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ