2022-23 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުން ހަނިމާދޫ ދެ ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނިއްޖެއެވެ.
ގަދަ ދިހައެއްގައި ހިމެނިފައިވަނީ ފާތުމަތު ސުމާ މުހައްމަދު އަދި މަރިޔަމް އިބާއެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން ހަނިމާދޫ ސްކޫލުން ސާނަވީ އިމްތިހާނު ނިންމި ދަރިވަރުން ތެރެއިން ދަރިވަރުންތަކެއް ގައުމީ ގަދަ ދިހައެއްގައި ހިމެނިގެންދިޔަ ފަހަރެކެވެ.
ފާތުމަތު ސުމާ މުހައްމަދު ވަނީ 4 އޭ ޕުލަސް އަދި 4 އޭ ހޯދާ ގައުމީ ގަދަ 5 ގައި ހިމެނިފައެވެ. އަދި މަރިޔަމް އިބާ ވަނީ 1 އޭ ޕުލަސް 6 އޭ އަދި 1 ބީ ހޯދައިގެން ގައުމީ ގަަދަ 9 ވައެއްގައި ހިމެނިފައެވެ.
ހަނިމާދޫ ސްކޫލްގެ ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނިފައި ތާރިހުތަކަށް ނަޒަރެއް ހިންގާލާއިރު ގައުމީ ގަދަ ދިހައެއްގައި އެންމެ ފުރަތަމަ ދަރިވަރަކު ހިމެނިގެން ދިޔައީ 2008 ވަނަ އަހަރުއެވެ. އެ އަހަރު 1 ދަރިވަރަކު ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އޭގެ ފަސް އަހަރުފަހުން 2013 ވަނަ އަހަރު ހަނިމާދޫ ސްކޫލްގެ 3 ދަރިވަރަކު ވަނީ ގައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ. 2014 ވަނަ އަހަރު 2 ދަރިވަރުން ހިމެނުން އިރު 2017 ވަނަ އަހަރު 1 ދަރިވަރަކު އަދި 2017 ވަނައަހަރާއި 2018 ވަނަ އަހަރު މަތީ ސާނަވީ ނިންމައި އިމްތިހާނުތަކުން ޤައުމީ ގަދަ ދިހައެއްގައި 2 ދަރިވަރަކު ހިމެނިގެން ގޮސްފައިވެއެވެ.


