ސިއްހީ އަދި ތައުލީމީ ދާއިރާގެ މުސާރައާ ގުޅޭ ޝަކުވާތަކަށް ހައްލުތަކެއް ރައީސް ގެނެސްދެއްވައިފި

ޚަބަރު ފަހުގެ

ސިިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ލިބުނު ޝަކުވާތަކާއި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭ މިންގަނޑާ ގުޅޭގޮތުންތައުލީމީ ދާއިރާގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުންތަކެއް މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި ގުޅިގެން، ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭ ގޮތަށް އޮތްއޮތުން ބަދަލުކޮށް، މި އެލަވަންސް ލިބޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަންގައިވާ ކަންކަމަށް ހައްލެއް ގެނައުމަށް ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ. އެގޮތުން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް ވެސް އެޓެންޑަންސް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސުމާއި ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަންކްލިނިކަލް ނަރުހުން،ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބިމަގާމުގައި ބޭތިއްބުމަށް ވެސް ރައީސް ވަނީ މިއަދު ނިންމަވާފައެވެ.

މިއުވާން ވިދާޅުވި ގޮތުގައި 2018 ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އާ ހަމައަށް އިތުރު ކުރުމަށާއި އާ އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާ ކަމަށް ފާހަގަވެފައިވާ ނުވަ ނަރުހުންގެ މައްސަލަ ހައްލުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން، ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދިނުމާ ގުޅޭގޮތުން މިދިޔަ އަހަރުގެ މެއި މަހު ކަނޑައެޅި މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 މީހުން ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަންއާ ގުޅޭ ގޮތުން ރައީސް ވަނީ ނިންމުންތަކެއް ނިންމަވާފައިކަމަށް މިއުވާން ވިދާޅުވިއެވެ.

އެގޮތުން އިނާޔަތް ދެވޭނެ މިންގަނޑުގެ ހަތް ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވާ ތާރީހުން ފެށިގެން ގިނަވެގެން 18 މަސްދުވަހުގެތެރޭގައި ވަޒީފާއިން ވަކިވެގެން ދާއިރު އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހްތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބަޔާންކޮށްފައި ވާތީ އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖަނަވަރީގެ ނިޔަލަށް އިތުރުކުރަން ވެސް ރައީސް ވަނީ ނިންމަވާފައެވެ.

މިއުވާން ވިދާޅުވީ ރައީސް މި ނިންމެވުންތައް ނިންމަވާފައިވަނީ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށްއެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވޭތީ އެ ދާއިރާތަކުގެ އެކި ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު އަދި އެ ބޭފުޅުންގެ ލަފާގެ މަތީން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ