މި ސަކާރުން އިންތިހާބު ގާތްވުމުން ރަށްރަށަށް އަރާ ‘މެޓާ ބަހާހެން’ ދީފައިވާ ވަޒީފާތައް އަތުނުލާނެ ކަމުގެ ޔަޤީންކަން ޕީޕީއެމް–ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ދެއްވައިފިއެވެ.
މިރޭ އޮތް ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް ވަޒީފާ ދިނުމަކީ އުފާވާ ކަމެއް ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންވެލައްވަނީވެސް ރައްޔިތުންނަށް ވަޒީފާ ލިބުންކަމަށާއި، އެމަނިކުފާނު ހުށަހަަޅަނީ ވަޒީފާ ނުވަތަ އާމްދަނީ ހޯދަން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް އާމްދަނީ ހޯދައިދިނުމުގެ ވަޢުދު ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އަދި ކޮންމެ މަޤުޞަދެއްގައި ދީފައިވާ ވަޒީފާއެއްކަމުގައި ވީ ނަމަވެސް، ވަކި މުއްދަތަކަށް ދީފައިވާ ވަޒީފާއެއްކަމުގައި ވީ ނަމަވެސް އެ ވަޒީފާ ލިބޭނެ ކަމުގެޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި އިޤްތިޞާދަށް ކުރިއެރުން އަންނަ ވަރަކުން މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ޤައުމުދެކެ ލޯބިވާ، ޤައުމީ މަސްލަހަތު އިސްކުރައްވާ ހުރިހާ ރައްޔިތުން ބިރު ކަނޑާލާ، ކެރިވަޑައިގެން ކެންޕެއިނުގައި ބައިވެރިވުމަށް ޑރ. މުޢިއްޒު ގޮވާލެއްވިއެވެ.