ޕީޖީ އޮފީހުން މިހެން ބުނެފައިވަނީ “ސަރުކާރުގެ ބައެއް ވެރިންގެ އޮފީސްތައް ހުސްކުރަން ފަށައިފި” މި ސުރުޚީގެ ދަށުން އޮންލައިން ނޫސް ‘ދިޔަރެސް’ގައި ޝާއިއުކޮށްފައިވާ ޚަބަރަކާއި ގުޅިގެންނެވެ.
އެ ޚަބަރުގައި ބުނެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްވެސް އެ އޮފީހުގެ ގިނަ ލިޔެކިޔުންތަކެއް ނައްތާލާފައިވާ ކަމަށާއި، ޚާއްސަކޮށް ރައީސްޔާމީނާއި ގުޅޭ މައްސަލަތަކުގައި ހުރި ބައެއް ލިޔެކިޔުންތައް ނައްތާލާފައިވާކަމަށެވެ. މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، “ދިޔަރެސް” ނޫހުގައި އެ އޮފީހަށްއަދި ޕްރޮސިކިއުޓަރ ޖެނެރަލްއަަށް ނިސްބަތްކޮށް ލިޔެފައިވަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، އެ އޮފީހަށް ހުށަހެޅޭ ލިޔުންތަކާއި، މައްސަލަތަކުގެ ލިޔުންތަކަކީ ވަކި ހަމައަކުން ބަލަހައްޓައި ރައްކާކުރެވޭ ތަކެތި ކަމަށެވެ. އަދިމައްސަލަތަކުގެ ލިޔުންތަކަކީ އެ އޮފީހުގެ އިތުރުން ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގައިވެސް ހުންނާނެ ތަކެތި ކަމަށާއި، އެ އޮފީހުގެ ހިންގުން އިންތިޒާމުކުރެވިފައި އޮންނަގޮތުން މައްސަލަތަކުގެ ލިޔުންތަކަކީ ނައްތައިލެވޭނެ ތަކެތި ނޫންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، އެ އޮފީހުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެ ނިންމުން ނިންމާ ސަބަބާއެކު ރެކޯޑްކުރެވޭ ނިންމުންތަކެއް ކަމަށެވެ. އަދިއެ އޮފީހުގެ ލިޔުންތަކަކީ ވަކި ހަމައަކުން އާރކައިވް ކުރެވެމުންދާ ތަކެތި ކަމަށާއި، ޑިޖިޓަލް އަދި ފިޒިކަލް އާރކައިވް ކުރެވޭކަންވެސް އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.