ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް މަދުވެގެން 30 ދުވަސް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްމާއީލް ހަބީބު މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު އެ މަޖިލީހުން ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވާފައިވަނިކޮށެވެ.
އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަދަ ވޯޓެއް ނަގަންޏާ އިންތިހާބުތަކާއި ބެހޭ އާންމު ޤާނޫނަށް ރިޢާޔަތް ކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އިންތިހާބެއް ބޭއްވުމަށް ބޭނުންވާނެ ކަމަށެވެ. އަދި މިފަދަ ވޯޓެއް ނެގުމަށް، ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
މިފަދަ ވޯޓެއް ނަގާއިރު މީހުން ހޭލުންތެރިކުރުވުމާއި ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއްކަން ހަބީބު ފާހަގަކުރެއްވި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
މަޖިލީހަށް މި ގަރާރު ތައާރަފުކުރިިއިރު ހުށަހަޅާފައިވަނީ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ވޯޓު ނޮވެމްބަރު 30 ގެ ކުރިން ނެގުމަށެވެ. ނަމަވެސް އިލްޔާސް މިއަދު އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޫބަރު 30 ގެ ކުރިން އެ ވޯޓު ނެގުމަށެވެ.