ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ނިންމައި އެ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ. އެގޮތުން މިއަދު ހެނދުނު އެތަނަށް ވަނީ މޯލްޑިވިއަންގެ ބޯޓެއް ޖައްސައިފަ އެވެ.
ކޫއްޑޫ އެއާޕޯޓަށް ވަގުތީ ގޮތުން ގައުމީ އެއާލައިނުން ދަތުރުތައް މެދުކަނޑާލީ މި މަހުގެ 10 އިން ފެށިގެންނެވެ. އެއީ ރަންވޭގެ ހާލަތު ދަށްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރަންވޭ ވަރަށް އަވަހަށް މަރާމާތުކޮށް ނިންމައި ކޫއްޑޫ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެންނާނެ ކަމަށެވެ.
އަދި މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ކޫއްޑޫ އެއާޕޯޓްތައް ޝެޑިއުލް ދަތުރުތައް ބާއްވާނެ އެވެ.
ރަންވޭގެ މަރާމާތުތަކަކަށް ފަހު މިއަދު އަލުން ކޫއްޑު މޯލްޑިވިއަނުން ދަތުރުތައް ފެށި އިރު، އަންނަ މަހުގެ ތެރޭގައި ކޫއްޑު އާއި ގަން އެއާޕޯޓް ގުޅުވައިލަން އޮތީ ނިންމައިފަ އެވެ.
ކޫއްޑޫ އެއާޕޯޓަކީ 2012 ގައި ހުޅުވި ތަނެކެވެ. އަދި ބޮޑެތި ބޯޓުފަހަރާއި ޖެޓްތަކަށް ޖެއްސޭ ފެންވަރަށް ރަމްވޭ ތަރައްގީކޮށް އަލުން އެތަން ހުޅުވީ 2017 ގަ އެވެ.