ރައީސް ނަޝީދުގެ ތާއީދަށް ރައީސް ސޯލިހު އެދިފައެއް ނުވޭ

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ރައީސް ސޯލިހާ އެކު އެމަނިކުފާނު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދުގެތާއީދު ދެއްވުމަށް އެދިވަޑައިގެންފައި ވާނެ ކަމަށް ރައީސް ސޯލިހް މިއަދު ނޫސްވެރިންނަށް ވިދާޅުވެފައި ވަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ދެ ބޭފުޅުން މިއަދު ކުރިއަށްގެންދެވި ބައްދަލުވުމުގައި ރައީސް ސޯލިހަށް ތާއީދުކޮށްދެއްވުމަށް އެެދިވަޑައިގެންފައި ނުވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް އިން ރިޔާސީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައިވާކަމަށެވެ. އެހެންވެ ޕާޓީގެ ނިންމުން ސާފު ކަމުގައިވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދު ތާއީދުކުރައްވަނީ ކޮން ކެންޑިޑޭޓަކަށްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރެއްވުމުންވެސް ރައީސް ނަޝީދު ވިދާޅުވީ އޭނާ ތާއީދު ކުރައްވަނީ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބަށްކަމަށެވެ. ދެވަނަ ބުރަށް އިލްޔާސް ވަޑައިނުގެންނެވި ނަމަވެސް އިލްޔާސްއަށް ތާއީދުކުރައްވަނީ ގާނޫނުއަސާސީގެ 111 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 111 ވަނަ މާއްދާގެ އަރިމަތީ ސުރުހީގައި ލިޔެފައިވަނީރިޔާސީ އިންތިހާބުއެވެ. އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ އިންތިހާބުގެ ދެވަނަބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު، އެއްވެސް ސަބަބަކާ ހުރެ އިންތިހާބުން ވަކިވެއްޖެނަމަ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށް އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރެވޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ