ދިވެހިރާއްޖޭގައި ރަސްމީ މިނިވަންކަން ފެންނަގޮތަށް އޮތް ނަމަވެސް ޢަމަލީ މިނިވަންކަން ނެތި ހިނގައްޖެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް،ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގަލޮޅު ކަންމަތީގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި، މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ކަނޑު ވިއްކާލައިފި ކަމަށާއި، އެކި ސަރަޙައްދުތައް ވާނުވާ ނޭނގޭގޮތަށް ދީފައިވާކަމަށެވެ.
“ދަރަނިތައް އިންތިހާއަށް ވާނުވާ ނޭނގޭގޮތަށް ނަގައި ނިންމައިފި. އަޅުގަނޑުމެންގެ ބޮލުގައި 114 ބިލިއަން ރުފިޔާގެ ދަރަނި އަޅުވާފައި އޮތްއިރު އޭގެ 50 އިންސައްތައަކީ އަވައްޓެރި ޤައުމަކުން ނެގި ދަރަނި. އޭގެ ތަފްޞީލު ހާމަކޮށްދޭން ބުނީމާ މިބުނަނީ ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެއޭ.” މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޖުޑިޝަރީ ވާނީ ޙަޤީޤީ މާނާގައި މިނިވަން ޖުޑިޝަރީއަކަށް ކަމަށާއި، ޝަރީޢަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވެފައެވެ.
ބޮޑެއް ކުޑައެއް ބެލުމެއްނެތި، މޮޅުމީހެއް ދެރަމީހެއް ބެލުމެއްނެތި، ޢަދުލުވެރިކަމާއިއެކު އިންސާފު ލިބިގެންދާނެ ކަމަށާއި، އިންޞާފު ޤާއިމް ކޮށްދެއްވުމަށް ތިއްބެވި ފަނޑިޔާރުންނަށް މިނިވަން މާޙައުލެއް ހޯދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.