ހުއްދަނެތި އުތުރުތިލަފަޅަށް އަރަން އުޅުނު މައްސަލަ ތަހުގީގުކުރަން ފަށައިފި

ޚަބަރު ފަހުގެ

އުތުރުތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުމަށް ތަރައްގީކުރާ ސަރަހައްދަށް ހުއްދަ ނުހޯދައި ނޫސްވެރިންގެ ބަޔަކު އަރަން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގުކުރަން ފަށައިފިއެވެ.

އޮންލައިން ނޫސްދިޔަރެސްގެ ނޫސްވެރިންތަކެއް އުތުރުތިލަފަޅުގެ ސިފައިންގެ ސަރަހައްދަށް އަރަން އިއްޔެ މަސައްކަތްކުރީ އެ ފަޅުން ގޯތި ދޫކުރަން ނިންމައި އެކަން އިއުލާނުކުރުމާ އެކުގައެވެ. އެކަމަކު އެތަން ބަލަހައްޓާ ސިފައިން ވަނީ އެކަމަށް ހުރަސްއަޅައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުއްދަ ނުނަގާ އުތުރުތިލަފަޅަށް ދިޔަ މައްސަލައެއް މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަން މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަތަރު މީހަކު ލޯންޗެއްގައި ގޮސް ބަނދަރުން ރަށަށް އަރަން އުޅުމުން އެ މީހުން ހުއްޓުވީ އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް ކަމަށެވެ. އަދި އެކަން ކުރީ އެމްއެންޑީއެފަށް ލިބިގެންވާ ގާނޫނީ ބާރުގެ ދަށުން ކަމަށް ބުންޏެވެ.

އެހެން ގައުމުތަކުގައި ވެސް އަސްކަރީ މަރުކަޒުތަކަށް ވަންނަން މަސައްކަތްކުރާ މީހުން ހުއްޓުވުމަށް ހަތިޔާރު ވެސް ބޭނުންކުރާ ކަމަށާއި އެހެންވެ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދޭނެ ކަމަށް އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ