އަލަށް ކަންކަން ނިންމައިގެން ޚަރަދުނުކުރަން އޭސީސީން އަންގަވައިފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިޚާބު ނިމި، ވެރިކަން ހިންގުމުގެ ބާރާ، އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މިދަނޑިވަޅުގައި، ކުރަންޖެހޭ ޚަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ޚަރަދުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން އަންގަވައިފިއެވެ.

އޭސީސީ މިގޮތަށް އަންގަވާފައިވަނީ ވެރިކަން ހިންގުމުގެ ބާރާ، އައު ސަރުކާރަކުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މިދަނޑިވަޅުގައި، ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ގިނަ ޝަކުވާތަކެއް ކޮމިޝަނަށް ލިބެމުންދާތީ، އެކަމާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ. އޭސީސީންވަނީ ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތަކަށް އަމަލު ނުކުރުމަށް އަންގަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މުޅިން އައު ޕްރޮޖެކްޓުތައް ނުފެށުމަށާއި، ޚަރަދުކުރުމުގައި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް ޢަމަލުނުކުރުމަށާއި، ކުރަންޖެހޭ ޚަރަދުތައް ފިޔަވައި، އަލަށް ކަންކަން ނިންމައިގެން ޚަރަދުނުކުރުމަށާއި، ކުރިން ބަޖެޓްކޮށްފައިނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައިނުވާ އައު ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިނުކުރުމަށްވަނީ އަންގަވާފައެވެ. އަދި ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ ޢަމަލަކަށް މަގުފަހިވާ ގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަނަމަ އެ ފަދަ ނިންމުންތައް ނުނިންމުމަށާއި، ލިޔެކިއުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު، ފައިސާއާއި، ވިޔަފާރިއާއި މުޢާމަލާތްތަކާ ގުޅުންހުރި އެއްވެސް ލިޔެކިއުމެއް ނައްތައިނުލުމަށް އޮފީސްތަކާއި، އިދާރާތަކާއި، ކުންފުނިތައް އަދި މުއައްސަސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ސަމާލުކަންދެއްވުމަށްވެސް އޭސީސީވަނީ ދަންނަވާފައެވެ.

އަދި މިދަނޑިވަޅުގައި މިފަދަ ޢަމަލެއް ހިނގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެމަޢުލޫމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް އޭސީސީންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި، ކޮމިޝަނުން އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގުކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުން ގެންދާ ކަމަށް އޭސީސީގެ ބަޔާނުގައިވަނީ ހާމަކުރައްވާފައެވެ. އަދި، މިފަދަ ޢަމަލުތައް ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް އޭސީސީގެ ބަޔާނުގައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ