އެމްޕީ ޝަރީފަށް ހަމަލާ ދިން މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށްފި

ފަހުގެ ޚަބަރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ހޫނުގަނޑުގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ ސީނިއާ މެމްބަރެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) އަށް ގްރޫޕަކުން ހަމަލާ ދިން މައްސަލައިގައި ފުލުހުން މިއަދު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ. މީގެ ތެރެއިން 27 އަހަރުގެ މީހާ އާއި 24 އަހަރުގެ ތިން މީހުންނަށް ވަނީ 60 ދުވަހަށް ބަންދުކޮށްފައެވެ. އަދި 24 އަހަރުގެ އަނެއް މީހާ ބަންދުކުރަން ނިންމީ 30 ދުވަހަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަރީފް ނިސްބަތްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބުވެވަޑައިގެންނެވި އިންތިހާބު ދުވަހު ޝަރީފަށް ގްރޫޕަކުން ހަމަލާދިނީ މާލޭ މެންހެޓަން ބިޒްނަސް ހޮޓަލުގައި ހުންނަވަނިކޮށެވެ. ހަމަލާގައި ޝަރީފުގެ މޫނުމަތި ޒަހަމްވެ ލޮލަށް ވެސް ވަނީ ހާނިއްކަވެފައެވެ. ނަމަވެސްހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު ޝަރީފުގެ ހާލު މިހާރު ރަނގަޅެވެ.

އެ ހަމަލާއާ، ޕީޕީއެމް/ޕީއެންސީއާ ގުޅުވައި ޝަރީފް އެ ދުވަހު ވިދާޅުވީ އިންތިހާބެއްގައި ހަލަބޮލިކަން އުފެއްދުމަށްޓަކައި ހިންގާ މިފަދަ ނޭއްގާނީ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫންކަމާއި، އިންތިހާބެއްގައި ނަތީޖާ ނެރެން ވާނީ ސުލްހަވެރިކަމާއެކު ދެވޭ ވޯޓުން ކަމަށެވެ.

ނަމަވެސް އެ ހަމަލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިންތިހާބު ކާމިޔާބުކުރި ޕީޕީއެމް/ ޕީއެންސީ އިން ވަނީ ބުނެފައެވެ. ބައެއް މީހުން ވަނީ އެއީ އެމްޑީޕީގެ އެތެރޭގެ މައްސަލައަކާ ގުޅިގެން ދިން ހަަމަލާއެއް ކަމަށް ތުހުމަތުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ