މަޖިލީސް އިންތިހާބަށް ހާއްސަކޮށް 300 އަށް ވުރެ ގިނަ ވަޒީފާއަށް އިއުލާނުކޮށްފި

ޚަބަރު ފަހުގެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތްތަކަށް ހާއްސަކޮށް 300 އަށް ވުރެ ގިނަ ވަޒީފާއަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފިއެވެ.

އީސީ އިން ކޮށްފައިވާ އިއުލާނުގައި ވަނީ އޮފިސަރުންނާއި، ސެކިއުރިޓީންނާއި، ލޮޖިސްޓިކްސް އޮފިސަރުންނާއި އަދި މެނޭޖަރުން ފަދަ މަގާމުތަކަށް މީހުންބޭނުންވާކަމަށް ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަގާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ގަޑިއަކަށް ކަނޑައަޅާފައިވަނީ އަންނަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ ބުދަ ދުވަހު އެކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް އިއުލާނުކުރައްވާފައެވެ. މިގެ ތެރޭގައި އަލަށް އިތުރުވާ 6 ގޮނޑިހިމެނެއެވެ. އެއީ މާލެ ސިޓީއަށް އިތުރުވި 2 ގޮނޑިއާއި، ބ އަތޮޅަށް އިތުރުވި ގޮނޑިއަކާއި، މާލެ އަތޮޅަށް އިތުރުވި ގޮނޑިއަކާއި، ގއ އަތޮޅަށް އިތުރުވިގޮނޑިއެއް އަދި އައްޑޫ ސިޓީއަށް އިތުރުވި ގޮނޑިއެކެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް ދާއިރާތަކުގެ ނަންތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެއީ ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނު ދާއިރާއަށް، ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާއަށް އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެނަމަށް ބަދަލުކޮށްފައިވެއެވެ.

އީސީން އިތުރު ކުރި 6 ގޮނޑިއާއެކު މިހާރު މަޖިލީހުގައި ތިއްބަވާ 87 މެންބަރުން 93 މެންބަރުންނަށް އިތުރުވާނެއެވެ.

މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހެއް އަދި އެކޮމިޝަނުން އިއުލާނުކޮށްފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ