އިންތިހާބީ ރައީސް ޑރ. މުއިއްޒު، އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ޚަބަރު ފަހުގެ

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންޑިއާ ސަފީރު މުނު މަހާވަރާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީމުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައެވެ. މިއީ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ބައްދަލުކުރެއްވި ތިންވަނަ ޑިޕްލޮމެޓެވެ.

އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ބްރިޓިޝް ހައި ކޮމިޝަނަރު ކެރޮން ރޮސްލާއާ މިއަދު ހެނދުނުއެވެ. މުއިއްޒު މަތީ ތައުލީމް ހާސިލުކުރެއްވީވެސް އިނގިރޭސިވިލާތުންނެވެ. ދެވަނައަށް މުއިއްޒު ބައްދަލުކުރެއްވީ ޗައިނާ ސަފީރު ވަންގް ލިޒިންއާ މިއަދު މެންދުރުއެވެ.

އިޝްތިހާރު
އިޝްތިހާރު

އިންޑިއާ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، މުއިއްޒުގެ ރިޔާސީ ދައުރުގައި އިންޑިއާއާއެކު އޮންނަ ގުޅުން ސިޔާދަތީ އިހުތިރާމްގެ އަސާސްތަކުގެ މައްޗަށް އިޔާދަކުރައްވާ، ޒަމާނުއްސުރެ ދެ ގައުމު ދެމެދު އޮންނަ ހއްސަ ގުޅުން ހަރުދަނާކުރައްވާ އިތުރު ހަރުފަތަކަށް ގެންދެވުމަށް އުންމީދުކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަމަށް ފުރިހަމައަށް އިހުތިރާމްކުރައްވާނެ ކަމުގެ ޔަގީންކަން ވަނި ދެއްވައިފައެވެ.

ނިމިގެން މިދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބިކަމަށް ބުނެ އެންމެ ބޮޑަށް ވަކާލާތުކުރަމުންދާ ބަޔަކީ ޕީޕީއެމްޕީއެންސީންނެވެ. އެގޮތުން މުއިއްޒު ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ހުވާކުރެއްވުމަސް ފަހު އެންމެ ފުރަތަމަވެސް ފައްޓަވާނެ މަސައްކަތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުން ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ސިޔާދަތުތަކާ އެއްބަސްވެ އެކަންކަމަށް އިހުތިރާމްކުރާ ކޮންމެ ގައުމަކާއެކުވެސް ގުޅުން ބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މީގެ ކުރިން ވިދާޅުވީ، މިހާރު ކުރިއަށްދާ ޓްރާންސިޝަން މުއްދަތުގައި ވެސް އެކިއެކި ބޭރުގެ ގައުމުތަކުގެ ސަފީރުން ބައްދަލުވުންތަކަށް އެދެމުންދާ ކަމަށެވެ. އެގޮތުން ގާނޫނީ ހަމަތަކުގެ މަތިން ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ފަހު މިހާތަނަށް މުއިއްޒު ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ