އިންތިޤާލީ މަރުހަލާގެ ކަންކަން ކުރުމަށް 15 ކޮމިޓީއެއް އެކުލަވާލައިފި

ޚަބަރު ފަހުގެ

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރުމަށް 15 ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޤާލީ ސްޕޯކްސްޕަރސަން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އިންތިޤާލީ މަރުހަލާގެ ސްޕޯކްސްޕަރސަން މުޙައްމަދު ފިރުޒުލް ވިދާޅުވީ، އައު ސަރުކާރު ޙަވާލުވުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އެކި އޮފީސްތަކާއި މުވައްސަސާތަކުން ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އިންތިޤާލީ ކޮމިޓީތަކަށް ބޭނުންވާ ތަމްރީންތައް ދީފައިވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން މަޢުލޫމާތު އެއްކުރާނެ ފޯމެޓުތަކާއި އެމަޢުލޫމާތު އިންތިޚާބީ ރައީސްއާއި ހިއްސާކުރާނެ ވަކި އުސޫލުތަކެއް ކަނޑައަޅާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އެކޮމިޓީތަކުން ރަސްމީކޮށް މާދަމާ މަސައްކަތް ފަށާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޤާލީ ކޮމިޓީތަކުގެ ގޮތުގައި ޖުމްލަ 15 ޓީމެއް އެކުލަވާލާފައިވާކަމަށެވެ. މީގެތެރެއިން 7 ޓީމަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޢުލޫމާތު އެއްކުރުމަށް ހަމެޖެހިފައިވާއިރު، 8 ޓީމަކުން ސަރުކާރުގެ އެހެނިހެން މުވައްސަސާތަކުން މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވަނީ އިންތިޤާލީ އޮފީހަށް ބޭނުންވާ އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ އިދާރާތަކުން ލިބެމުންދާކަން ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.

އިތުރަށް ފިރުޒުލް ވިދާޅުވީ އިންތިޤާލީ ކޮމިޓީތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއްކަމަކީ، ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުންތަކާއި އެއެއްބަސްވުންތަކުގައި ހިމެނޭ މަޢުލޫމާތު އެއްކުރުންކަމަށެވެ.

މީގެ އިތުރުން އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާސިލްކުރައްވާނެކަންކަން އެކުލަވާލުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކަންވެސް ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ރައްޔިތުންނާ ހަމައަށް ގެނެސްދެއްވާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ. ކެބިނެޓް އެކުލަވާލުމާއި އެކި ކުންފުނިތަކަށް ވެރިން ޢައްޔަންކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

އިންތިޤާލީ މަރުހަލާގެ ކަންކަން ވިލަރެސްކުރުމަށް އެންމެ އިސް ވެރިއެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ