އިންތިގާލީ އޮފީހާއި ޑިމޮކްރެޓްސް ޕާޓީ އިން މަޝްވަަރާކޮށްފި

ފަހުގެ ސިޔާސީ

އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ތަފާތު ދައްކައިދޭނެ ސަރުކާރަކަށް ހެދުމާއި ގުޅޭގޮތުން އިންތިގާލީ އޮފީހާއި ޑިމޮކްރެޓްސް ޕާޓީ އިން މަޝްވަަރާކޮށްފި އެވެ.

މިްަދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕަރސަން އަބްދުރަހީމް އަބްދުﷲ ވިދާޅުވީ އަލަށް އުފެދޭ ޑރ.މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ތަފާތު ދައްކާނެ ކަމަށާއި، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އިންސާފު ގާއިމްކޮށް، މިގައުމަށް ހަމަޖެހުން ގެނައުމަކީ މުހިންމު ކަމެއް ކަމަށާއި، ގައުމެއް ކުރިއަރައިދާނީ އެގައުމެއްގައި އަދުލްއިންސާފު ގާއިމްކުރެވުމުން ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޝްވަރާކުރެވިގެން ދިޔައީ މިކަންކަމާއި ގުޅޭގޮތުން ކަމަށާއި، ސަރުކާރު ހިންގާނެ ގޮތްތަކާއި ގުޅޭގޮތުން ޑިމޮކްރެޓްސްގެ ހިޔާލު ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ހިންގުމުގައި ޑިމޮކްރެޓްސްގެ މާޒީއަށާ އަދި ދިމާވި މައްސަލަތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށާއި، އޭގެ އަލީގައި ހިޔާލުތައް ހުށަހެޅި ކަމަށެވެ. އަދި ވިދާޅުވީ ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކު މައްސަލަތައް ރަނގަޅު ކުރުމަށް ބޭނުންވާކަން ހިއްސާކުރި ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މިއީ ދިވެހި ގައުމެއް ކަމަށާއި، ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކޮށް ރަނގަޅަށް ކަންކަން ކުރެވޭ ސަރުކާރެއް އޮތުން ވަރަށް މުހިންމު ކަމަށެވެ. މިފަދަ ސަރުކާރެއް އެކުލަވާނެ ގޮތާއިގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޑިމޮކްރެޓްސް ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެޕާޓީން އެދެނީ އިންތިޚާބީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރަކީ ބާރުވެރި ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ ސަރުކާރަކަށްވުމަށް ކަމަށެވެ. އަދި ސްޓޭބަލް ގަރވާމެންޓެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ބޭނުންވާ މަސައްކަތްތައް ކުރުމާއި، ސަރުކާރު ހިންގުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ރައްޔިތުންގެ މަޖިލީހެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ޑިމޮކްރެޓްސްގެ ބައިވެރިވުމާއެކު ސަރުކާރުގައި މަސައްކަތްތައް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ