ދެވަނަ ދައުރަކަށް ނަޝާތު އައްޔަން ކުރުމާއި ގުޅޭގޮތުން ޝަކުވާއެއް އޮތްތޯ ބަލަނީ

ޚަބަރު ފަހުގެ

އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޢަލީ ނަޝާތު އެ ކޮމިޝަންގެ މެންބަރުކަމަށް އިތުރު ދައުރަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ، މައްސަލައާއި ގުޅޭގޮތުން ޝަކުވާއެއް އޮތްތޯ ބެލުމަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރަކު25 ޖުލައި 2023 ގެ ނިޔަލަށް މެންބަރުކަމުގެ މުއްދަތު ހަމަވެފައިވާތީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅު ދިރާސާކޮށް ނިންމުމަށްޓަކައި 29 މޭ 2023 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު، އަލީ ނަޝާތު، ހާލި، އއ. ފެރިދޫ އާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ގެ ދަށުން އިއުލާންކުރާ ކަމަށެވެ.

މަޖިލީހުން ބުނެފައިވަނި ނަޝާތާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، 10 އޮކްޓޯބަރުވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ނަޝާތުގެ ދައުރު ހަމަވާން ކައިރިވެފައި ވާތީ އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނަޝާތު އެ މަޤާމަށް އައްޔަން ކުރުމަށް ރައީސަށް ފެނިވަޑައިގަންނަވާތީ އޭނާ އެ މަޤާމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ފޮނުވީ 29 މެއި 2023 ވަނަ ދުވަހުއެވެ.

ޢަލީ ނަޝާތުއަކީ 2018 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ