ޓީޗިން ލައިސަންސަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

މުދައްރިސުންނަށް ދޫކުރާ، ޓީޗިން ލައިސަންސަށް އެދުމުގެ ފުރުޞަތު އެޑިޔުކޭޝަން މިނިސްޓްރީން މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކޮށްފައިވާ ޢިއުލާނުގައިވަނީ “މުދައްރިސްކަމުގެ ލައިސަންސް” އަށް އެދޭނެ ގޮތް ބަޔާންކުރައްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ މުދައްރިސްކަމުގެ ލައިސަންސަށް އެދުމުގެ ފުރުޞަތު އެކި އަތޮޅުތަކުގައި ޚިދުމަތްދެއްވަމުންދާ މުދައްރިސުންނަށް ބަހާލާ، ތާވަލަކާއެއްގޮތަށް ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސަވާފައެވެ. މިއަދުން ފެށިގެން މިތާވަލާއެއްގޮތަށް ލައިސަންސަށް އެދެވޭނެކަމަށް އެޑިޔުކޭޝަނުން ވިދާޅުވެއެވެ.

މި ތާވަލުގައިވާގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް އެޕްލިކޭޝަން ހުށައެޅޭނެއެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހާއި ހަމައަށް އަތޮޅުތަކުން ތާވަލާއިއެއްގޮތަށް ލައިސަންސަށް އެދެވޭނެކަމަށް އެޑިޔުކޭޝަނުން ވިދާޅުވެއެވެ.

ޑިސެމްބަރު މަހުގެ 6 އިން 9 އަކަށް ޤުރުއާން ކްލާސްތަކާއި، ޓިއުޝަން ސެންޓަރުތަކާއި، މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނަށް މި ލައިސެންސަށް އެދި ހުށައެޅޭނެކަމަށް އެޑިޔުކޭޝަނުން ވިދާޅުވެއެވެ. އަދި ޑިސެމްބަރު މަހުގެ 10 އިން ފެށިގެން ލައިސަންސް ބޭނުންވާ އެހެނިހެން ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެކަމަށްވެސް އެޑިޔުކޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގެ ސްކޫލްތަކާއި ކިޔަވައިދޭ އެނޫން ތަންތަނުގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކުން މުދައްރިސްކަމުގެ ލައިސަންސަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ވަންގަވް މެދުވެރިކޮށެވެ. ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއި ފޯމު ހުށައެޅުމުގައި ސަމާލުވާންވީ ކަންކަން އެޑިޔުކޭޝަން މިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ސެޓްފިކެޓްތަކުގެ ތަޢުލީމީ ސަނަދުތަކުގެ ޓްރާންސްކްރިޕްޓްތަކުގައި އެމްކިޔުއޭއިން ތައްގަނޑުޖަހާއި ސައްޙަކަން ކަށަވަރުކުރުމަށް ވަނީ އެދިފައެވެ. އަދި ޕޮލިސް ރިޕޯޓު ހޯދުމަށާއި، ރެކޯޑު ސާފުކުރުމުގައި ސަމާލުވުމަށްވެސް އެދިފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީންވަނީ މިހާރު ތިބި މުދައްރިސުންނަށް ލައިސަންސް ދިނުމުގެ މަސައްކަތް މިދިޔަ އޯގަސްޓްމަހު ފަށާފައެވެ. މުދައްރިސުންނަށް ލައިސަންސް ދިނުމާ ގުޅޭ އިދާރީ މަސައްކަތްތައް އަންނަ އަހަރުގެ ޖެނުއަރީ މަހަށް ނިންމާލެވޭނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލްތަކާއި ކިޔަވައިދޭ އެނޫން ތަންތަނުގައި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެވޭނީ މުދައްރިސެއްގެ ގޮތުގައި ރަޖިސްޓްރީވެ ލައިސަންސް ލިބިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ