ޝަރުތުތަކާ އެކު އޮމާނުން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޫކުރަނީ

ޚަބަރު ފަހުގެ

ރާއްޖޭން އޮމާނަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ އެ ގައުމުން ދެނީ ޝަރުތުތަކަކާ އެކު ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ދިވެހިންނަށް ކުރިއާލާ ވިސާ ނެގުމެއް ނެތި އޮމާނަށް ދަތުރު ކުރެވޭނެ ކަމަށް މީގެ ކުރިން ފޮރިން މިނިސްޓްރީން ބުނި ނަމަވެސް އޮން-އެރައިވަލް ވިސާ ދެނީ ވަނީ ވަކި ޝަރުތުތަކަކާ އެކު ކަމަކަށް އޭރު ބުނެފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އޮމާނަށް ދަތުރުކުރުމާ ގުޅޭގޮތުން މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެ މިނިސްޓްރީން ޝާއިއުކުރި ނޫސްބަޔާނުގައި ދީފައިވާ މައުލޫމާތަކީ އެވަގުތު އޮމާން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ދީފައިވާ ރަސްމީ މައުލޫމާތު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެއަށްފަހު އެ މިނިސްޓްރީއަށް ލިބިފައިވާ ގޮތުގައި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ދެ ޝަރުތެއް ފުރިހަމަވުމުން ކަމަށެވެ. އެއީ:

  1. އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަންގެ ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން.
  2. ހޮޓެލް ބުކިން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝުއަރަންސް އޮތުން.

އެ މިނިސްޓްރީން ވަނީ އޮމާނަށް ދަތުރުކުރާ ދިވެހިން އެ ދެ ކަންތައް ފުރިހަމަ ނުވާނަމަ ދުރައިލާ ވިސާ ނަގައިގެން އެ ގައުމަށް ދަތުރުކުރުމަށް އެދިފައެވެ.

އަދި އޮމާނަށް ދަތުރުކުރާ ދިވެހިންނަށް ޝަރުތަކާ ނުލައި، އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމާ ގުޅޭގޮތުން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ